ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރަން އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު މިއަދު ދެ ޖަލްސާ ބާއްވައިގެން ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، އީވާ ވަކިކުރުމުގެ ގަރާރެއް ވެސް މަޖިލީހަށް ވައްދަން ސޮއި ހަމަވެފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.
އެކަމަކު އެ ގަރާރުގައި އިތުރު މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސެކޭ އެއް ގޮތަށް، މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ވެސް ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު އެވެ.