ޚަބަރު

ޑިއަގޯގާސިޔާގެ މައްޗަށް ރާއްޖެއަކަށް އެއްވެސް ކަހަލަ ބަލަދުވެރިކަމެއް ނެތްކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ބުނުމަށްފަހު، އެހެން ނުބުނާކަމަށް ޚަލީލުއާއި ގީލާ ދިވެހިބަހުން ޓްވީޓްކޮށް ތަންމިނަށް ދޮގުހަދައިފި

ދިޔަވަރު
ޑިއަގޯގާސިޔާގެ މައްޗަށް ރާއްޖެއަކަށް އެއްވެސް ކަހަލަ ބަލަދުވެރިކަމެއް ނެތްކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ބުނުމަށްފަހު، އެހެން ނުބުނާކަމަށް ޚަލީލުއާއި ގީލާ ދިވެހިބަހުން ޓްވީޓްކޮށް ތަންމިނަށް ދޮގުހަދައިފި

ޑިއަގޯ ގާސިޔާގެ މައްޗަށް ރާއްޖެއަކަށް އެއްވެސް ކަހަލަ ބަލަދުވެރިކަމެއް ނެތްކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ބުނުމަށްފަހު، (އިނގިރޭސި ބަހުން ނުކޮށް) ދިވެހިބަހުން ޓްވީޓްކޮށް އެހެން ނުބުނާކަމަށް ޚަލީލުއާއި ގީލާ ތަންމިނަށް ދިވެހި ބަހުން ދިވެހި ރައްޔިތުންނަށް ދޮގުހަދައިފިއެވެ.

We do not have any claim over Diego Garcia.

ޔޫރަޕިއަން ޕާލިމެންޓްގައި އެތައް ބައެއްގެ ހާޒިރުގައި ބެރެސެލްސް އަށް ރައީސް މުއިއްޒު ކަނޑައަޅާފައިވާ ސަފީރު މުއިއްޒުގެ ދިފާޢުގައި ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ޑިއަގޯ ގާސިޔާ އަކީ ޗާގޯސް ރަށްތަކުން ރާއްޖެއާއި އެންމެ ކައިރި ރަށެވެ. އެއީ ޗާގޯސްގެ އެންމެ ބޮޑު ރަށެވެ. އަދި އެއީ ޗާގޯސްގައި މީހުން ދިރިއުޅުނު ހަމައެކަނި ރަށެވެ. އެތަނުގައި އުޅުނު އެފްރިކާ ނަސްލުގެ ކްރިޝްޓިއަން ދީނުގެ ރައްޔިތުން އެތަނުން ބޭލީ ދެވަނަ ބޮޑު ހަނގުރާމާގައި އިނގިރޭސީން އެތަން ހިފުމަށެވެ.

ޑިއަގޯ ގާސިޔާގައި ދިވެހިން ދިރިއުޅުނު ކަމަށް ބުނެ ދޮގު ވާހަކަ އުފައްދައިގެން ދައްކަނީ މުއިއްޒުގެ ސަރުކާރާއި ގުޅިފައިވާ ހައްދު ފަހަނައެޅި ފަރާތްތަކެވެ. ފޯޅަވަހި ދިވެހިންނަށް ގެއްލުނީ ކަމަށް ބުނާއިރު، މި އުފައްދައިގެން ދައްކާ ވާހަކާގައި ދިވެހިން އުޅޭ ރަށަކީ އެބުނާ ޑިއަގޯ ގާސިޔާ އެވެ. ސަރުކާރުން ޔޫރަޕު ޕާލިމެންޓްގައި މި ބުނަނީ، ޑިއަގޯ ގާސިޔާ އަކަށް މިސަރުކާރުން އެއްވެސް ވަރަކަށް ދައުވާ ނުކުރާކަމަށެވެ. އެތަނުގެ މައްޗަށް އެއްވެސް ބަލަދުވެރިކަމެއް ނެތް ކަމަށެވެ. އެތަނަށް ބޭނުން ވެގެން ނޫޅޭ ކަމަށް ބުނުމަކީ މުޅި ޗާގޯސްގެ މައްޗަށް ބަލަދުވެރިކަން ނެތްކަމަށް ބުނުމެވެ. ދިވެހިން ފޯޅަވަހި އެނަން ފަހަކާއި ޖެހެންދެން ކިޔާ އުޅުނީ ސީދާ ޑިއަގޯ ގާސިޔާ އަށެވެ. އެއާއި މާދުރުގައި ހުރި ރަށްތަކެއް ދިވެހިން ނުވެސް ދަނެއެވެ. އަދި "ޗާގޯސް" އަށް ކިޔާ ދިވެހި ވަކި ބަހެއް ނުވެސް އޮވެއެވެ. އެ ސަރަހައްދާއި މާދުރުގައި އިތުރު ރަށްތަކެއް އޮންނަ ކަމާއި، މޮރިޝަސް އާއި އެރަށްތައް ކައިރިވުމުން، އެމީހުން ދައުވާ (ކްލައިމް) ކުރަނީ އެރަށްތައް ވެސް ހިމަނައިގެން ކަން އެނގި، އެ ހުރިހާ ރަށްތަކަށް ކިޔަނީ ޗާގޯސްކަން އެނގުނު ހިސާބުން "ފޯޅަވަހި" މި ނަން "ޗާގޯސް" ކިޔަންވެގެން، ބައެއް މީހުން ކިޔަން ފެށިއެވެ. އެހެން ކަމުން ފޯޅަވައްސަކީ ހަގީގަތުގައި ޑިއަގޯ ގާސިޔާއެވެ. ޗާގޯސް ގެ ހުރި ހުރިހާ ރަށްތަކަށް ފޯޅަވަހި ކިޔަން ފެށީ މީގެ ހަތަރުވަރަކަށް އަހަރު ކުރިން ވަރަށް ފަހުންނެވެ.

ޑިއަގޯ ގާސިޔާ އަކީ ތިމާމެން ބޭނުންވާ ތަނެއް ނޫން ކަމަށް ބުނެފައި، ޗާގޯސް ބޭނުންވާ ކަމަކަށް އަދި ޗާގޯސް އަށް ކްލައިމް ކުރާ ކަމަކަށް ގީލާ ބުނެފައި ނުވެއެވެ. އެހެންކަމުން ޑިއަގޯ ގާސިޔާ ކްލައިމް ނުކުރާކަމަށް ބުނި ބުނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ނޫންކަމަށާއި، އަދި ބޭނުން ނުވާކަމަށް ސީދާ ބުނުމެވެ. ދިވެހި ސަރުކާރުން ޔޫރަޕިއަން ޕާލިމެންޓަށް ދިން މެސެޖަކީވެސް އެއީއެވެ.

އެކަން ދޮގު ކޮށް ފޮރިންގ މިނިސްޓަރ ޚަލީލު ކޮށްފައިވާ ޓްވީޓުންވެސް މިވާހަކަ މިހެން ދައްކާފައިވާ ކަން ސާފުވެއެވެ. ޚަލީލުގެ މި ޓްވީޓްގައި ވަނީ ގީލާ ދެއްކި ވާހަކަ އޮޅުވާލައި، އެ ވާހަކައިގެ ކުޑަ މިންވަރެއް ގެނެސްފައެވެ.

ސަފީރަށް ޔޫރަޕިއަން ޕާރލިމެންޓުން ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށާއި މި ސުވާލަލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ޤާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.

އެބުނާ އަސްކަރީ ބޭހެއް އެތާ ގާއިމު ކުރީ އިނގިރޭސީން އައްޑޫ ގަމުގައި އަސްކަރީ ބޭހެއް ގާއިމު ކުރިއިރުއެވެ. ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭގައި ދައުވާ ކުރާ މުއިއްޒުގެ ބައިގަނޑަށް އެތާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުން އެންމެ ރަނގަޅުވީ ކޮން ބުއްދިއަކުން ތޯއެވެ؟

ދެން ޚަލީލު ޓްވީޓްގައި ދައްކާފައިވަނީ ރައީސް ސޯލިހު ފޮނުވި ސިޓީއެއްގެ ވާހަކައެވެ. އެ ސިޓީ ރައީސް އޮފީހުން "ލީކް" ވީ ކަމަށް ބުނެ މިދިޔަ ސަރުކާރުން އާންމު ކުރިއެވެ. އެ ސީޓީ ސޯޝަލް މީޑިޔާގައި މިހާރުވެސް އެ އޮތީއެވެ. އެ ސިޓީއަކުން ރާއްޖެއަށް ގެއްލުނު ތަނެއް ނެތްކަން ސާފުކޮށް އެ ސިޓި ކިޔާ ކޮންމެ މީހަކަށް އެނގެއެވެ. ނަމަވެސް އާންމުކޮށް ރައީސް މުއިއްޒު ހަދާ ކަހަލަ ރޯ ބުހުތާނު ދޮގެއް ޚަލީލުވެސް ހަދާލީއެވެ.

މިއަދު އެ ދެ ކައްޒާބުން (މުއިއްޒު އާއި، ޚަލީލު) އެތިބީ އިނގިރޭސި ވިލާތުގައެވެ. ފޯޅަވައްސާއި ގެއްލުނު ކަނޑު ހޯދަން އެވާހަކަ އެ ޤައުމުގެ ސަރުކާރާއި ދައްކަންވީ ނޫންތޯއެވެ. ފޯޅަވަހި ހޯދާނެ ކަމަށާއި، ގެއްލުނު ކަނޑު ހޯދާނެ ކަމަށް ބުނެ، ދޮގެއްގެ މައްޗަށް ވައުދު އުފައްދައި، ދިވެހިންގެ ތެރޭގައި ތިބި ގަމާރުކަން އިންތިހާއަށް ބޮޑު ބަޔަކު ހައްދައިގެން އެމީހުންގެ ވޯޓު ހޯދަން މަސައްކަތް ކުރި ކުރުމަކީ، ދަށު ދަރަޖައިގެ ފާފަވެރި ނުބައި އަމަލެކެވެ. އަދިވެސް އެ މަސައްކަތް ކުރަނީ އެ ދޮގު މަތީ ދެމި ތިބުމަށެވެ. މިއީ އިންސާނުންތޯއެވެ؟ މި މީހުންގެ ނުބައި ކަމާއި، ކަންކަމުގައި ދޮގު ހަދައި އޮޅުވާލުމުގައި، މި މީހުން ތިބި ހިސާބަކީ މާތްﷲ އެބަޔަކަށް ކޯފާލައްވާފައިވާ ސަދޫމު ފަދަ ޤައުމުތަކުގައި ތިބި މީހުންނާއި އެއްވަރުގައޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ.

އެމްބަސަޑަރ ގީލާއަށްވެސް، އަދި ފޮރިންގ މިނިސްޓަރ ޚަލީލަށްވެސް، ޑިއަގޯ ގާސިޔާ (ފޯޅަވަހީ)ގެ މައްޗަށް ރާއްޖެއަށް އެއްވެސް ވަރަކަށް ކްލައިމް (ބަދަލުވެރިކަމެއް) ނެތްކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ނުބުނާ ކަމަށް ބުނެ އިނގިރޭސި ބަހުން ޓްވީޓެއް ކުރަން ލާހިކެއް ނޫނެވެ. ހަމަ ލާހިކެއް ނޫނެވެ. މުއިއްޒަށް ދޮގު ވިއްކޭނީ ރާއްޖޭގައި ތިބި ދެތިން ގަމާރު ކެނައިންނަށެވެ. އެހެން އެއްމެންނަށް މުއިއްޒަކީ ބޮޑު ކައްޒާބެއް ކަމާއި، މުއިއްޒު އާއި އެކު ތިބި ޚަލީލު އާއި ގީލާ އަކީ އަގެއް ނެތް ކުދި ކައްޒާބުންތަކެއް ކަން ވަރަށް ސާފުކޮށް އެނގެއެވެ. އެއިން އެއްވެސް މީހަކަށް ބުއްދި ހުރި އެއްވެސް އިންސާނަކު އިޚްތިރާމެއް ގަދަރެއް ނުކުރެއެވެ.