ޚަބަރު

މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރިމް ކޯޓުން ހުކުމް ލިޔެފައި ވަނިކޮށް, މުއިއްޒު ގެންދަނީ ހުކުމް ބަދަލު ކުރުމަށް ކޯޓަށް ނުފޫޒު ފޯރުވަމުން!

ދިޔަވަރު
މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ސުޕްރިމް ކޯޓުން ހުކުމް ލިޔެފައި ވަނިކޮށް, މުއިއްޒު ގެންދަނީ ހުކުމް ބަދަލު ކުރުމަށް ކޯޓަށް ނުފޫޒު ފޯރުވަމުން!

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑުއެހުންތައް ނިމި, ހުކުމް ކުރުމާއި ހަމައަށް ގޮސްފައިވާއިރު, އޭނާގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރިމް ކޯޓުން ހުކުމް ލިޔެފައިވަނިކޮށް, ހުކުމް ބަދަލު ކުރުމަށް މުއިއްޒި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

ސައްޙަ މައުލޫމާތު އެނގިހުރި ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި, ޣާލިބު ސަލީމު ނަމަކަށް ކިޔާ ފަރާތަކުން މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ސިނާންއާއި ދެކޮޅަށް ހުށަހެޅި މައްސަލާގެ ހުރިހާ އަޑުއެހުމެއް މިހާރު ނިމިފައިވާއިރު, ސުޕްރިމް ކޯޓުގެ ބެންޗުން މިހާރުވަނީ ސިނާންއާއި ދެކޮޅަށް ހުށަހަޅާފައިވާ މިމައްސަލާގައި އެއް ރައުޔަކަށް އައިސްފައެވެ. އެއީ ކޯޓުގެ ހުކުމާ އެއްގޮތަށް އޭނާ ދަރަނި ދައްކަމުން ގޮސްފައި ނުވާކަން ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމުމަށެވެ. އަދި ސުޕްރިމް ކޯޓުން މި ދައުވާގެ ހުކުމްވެސް މިހާރު ލިޔެ ނިންމާފައިވާކަމަށްވެސް އެފަރާތުން ވިދާޅުވެފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ނަން ހާމަކުރަން ބޭނުންނުވާ ފަރާތުން ވިދާޅުވި ގޮތުގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުން މިމައްސަލާގެ ހުކުމް ލިޔުއްވާފައިވަނިކޮށް, ހުކުމް ބަދަލު ކުރުމަށް މުއިއްޒު ސުޕްރިމް ކޯޓަށް އަންގާފައިވާ ކަމުގައެވެ. އެގޮތުން މެމްބަރު ސިނާންގެ ގޮނޑި ނުގެއްލޭކަމަށް ހުކުމް ބަދަލު ކުރުމަށް މުއިއްޒު އެންގެވި ނަމަވެސް, ފަނޑިޔާރުންގެ ބެންޗުން މުއިއްޒުގެ އެންގުމާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުން އަދި ސާފު ނުވާކަމަށްވެސް އެފަރާތުން ވިދާޅުވެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ސިނާންގެ ގޮނޑި ގެއްލިއްޖެނަމަ ޕީއެންސީއަށް ދެން އެގޮނޑި ކާމިޔާބު ނުކުރެވޭނެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މި ސަރުކާރުން އައްޑޫގެ ތަރައްގީއަށް މާބޮޑު މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވުމާއު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, އައްޑޫގެ ރައްޔިތުންގެ މެދުގައިވެސް މިސަރުކާރަށް އާދަޔާ ޚިލާފަށް ތާއީދު ގެއްލިގެން ގޮސްފައިވާތީކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް, އެންމެ ގޮޑިއެއް ގެއްލިގެން ސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް ނޯވެދާނެކަމަށް ބެލެވުނުނުމަވަސް, ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއަކަށް ވާދަކޮށް ގޮނޑި ސަރުކާރަށް ގެއްލުމަކީ މިސަރުކާރަށް ރައްޔިތުންގެ މެދުގައި ތާއީދު ނެތްކަން ހާމަވެ, އިތުރަށް ސަރުކާރު ބަލިކަށިވެގެންދާނެ ކަމެއްކަމަށް ސަރުކާރުން ދެކޭކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ހިސްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ.

ޣާލިބު ސަލީމު ނަމަކަށް ކިޔާ ފަރާތަކުން ފެބްރުއަރީ 13 ގައި ސިނާންއާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ތުހުމަތު ކުރަނީ، ސިނާން އެހެން ބަޔަކާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާ ކަމަށެވެ. އޮކްޓޯބަރު 14، 2024 ގައި ހިތަދޫ ކޯޓުން ކުރި ހުކުމުގައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން ހުރި 2.5 މިލިއަން ރުފިޔާ ހަ މަހުގެ މުއްދަތަކަށް ބަހާލައިގެން ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ.

މިހާރު ސިނާން ވަނީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމާ ގުޅިގެން ދަރަނީގެ ފައިސާ ބޭންކަށް ދައްކައި ހަލާސްކޮށްފަ އެވެ. އެހެންނަމަވެސް އޭނާ ދަރަނި ދައްކާ ޚަލާސް ކޮށްފައިވަނީ ކޯޓުގެ ހުކުމާ އެއްގޮތަކަށް ނޫނެވެ.

މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު ހުސެއިން، ޑރ. މުހައްމަދު އިބްރާހީމް، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމް އެވެ.