ޚަބަރު

މިހާރު ތިހިރީ އިނގިރޭސި ވިލާތުގައި. ފޯޅަވައްސާއި ގެއްލުނު ކަމަށް ތިބުނާ ކަނޑު ހޯދައިގެން ނޫން ގޮތަކަށް ދެން ރާއްޖެ ނާންނާތި! 

ދިޔަވަރު
މިހާރު ތިހިރީ އިނގިރޭސި ވިލާތުގައި. ފޯޅަވައްސާއި ގެއްލުނު ކަމަށް ތިބުނާ ކަނޑު ހޯދައިގެން ނޫން ގޮތަކަށް ދެން ރާއްޖެ ނާންނާތި! 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފޯޅަވަހި ވިއްކާލި ކަމަށް ދޮގު ތުހުމަތު ކުރައްވައި، ގެއްލުނު ކަމަށް ވިދާޅުވާ ކަނޑު ހޯދުމުގެ ވައުދުވެވަޑައިގެންނެވެ. އެކަމަކު މިހާރު އިނގިރޭސި ވިލާތަށް ތިންވަނަ ފަހަރަށް ދަތުރުފުޅެއް ކުރައްވަމުން ވެސް، އެމަނިކުފާނު ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރާ މަޝްވަރާކުރައްވާ ތަނެއް ނުފެނެއެވެ.

މިފަދަ މުހިންމު ދަނޑިވަޅެއްގައި، ޚާއްޞަކޮށް މޮރިޝަސްއަށް ފޯޅަވަހި ދިނުމުގެ ވާހަކަތައް އިނގިރޭސިން ދައްކަމުންދާ ވަގުތެއްގައި، ދިވެހިރާއްޖޭގެ ރައީސް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާއިރު ދަތުރުފުޅުގެ މައިގަނޑު އެޖެންޑާއަކަށް ވާންޖެހޭނީ ފޯޅަވަހި ހޯދުމަށް މަސައްކަތްކުރުންކަން އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ހިންގަވާ ތަނެއް ނުފެނެއެވެ.

ޤައުމީ ވެރިއަކު، ޚާއްޞަކޮށް ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ މިފަދަ މުހިންމު މައްސަލައެއްގައި، އިނގިރޭސި ވިލާތުން ފޯޅަވަހި ހޯދުމުގެ މަސައްކަތް ނުކުރައްވާ ހާލު، އިނގިރޭސި ބިމަށް އަރާވަޑައިގަތުމަކީ ދިވެހި ޤައުމަށާއި ދިވެހީންނަށް އިޚްލާޞްތެރި ޢަމަލެއް ނޫނެވެ. ރިޔާސީ ވައުދެއްގެ ގޮތުގައި ބަޔާންކުރައްވާފައިވާ ފޯޅަވަހި ހޯދުމުގެ މައްސަލައިގައި އިނގިރޭސިންނާއި މޮރިޝަސްއާ އެކު މަޝްވަރާކުރުމަށް މޭޒަކަށް އަރައިވަޑައިނުގަންނަވާ ގޮތަކަށް މި ދަތުރުފުޅު ރޭއްވެވުމަކީ ރައްޔިތުންނަށް ކުރެއްވުނު ވަޢުދަށް އިޚްލާޞްތެރިވެވަޑައިނުގަންނަވާކަން ސާފުކޮށްދޭ ކަމެކެވެ.

ރައްޔިތުން މިހާރު ބޭނުންފުޅުވަނީ ރައީސް މުއިއްޒު ފޯޅަވަހި ހޯދައިދެއްވުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވަން ފެށުމެވެ. އެކަން ފަށަން ވީ މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައިގެންނެވެ. އެމްބަސީ މުއައްޒަފުން ނެރެ، ބަކިންގ ހަމް ޕެލަސް ދޮރު މަތީ މުޒާހަރާ ވެސް ކުރަން ވީއެވެ. ގެއްލުނު ކަނޑު ހޯދުމަށް އެ މަސައްކަތް ނުކުރާ ނަމަ، ފޯޅާވައްސާއި، ގެއްލު ކަނޑޭ ކިޔައިގެން ތި ހަދަމުން އައީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ކަން ރައްޔިތުންނަށް އިސާހިތަކު ފަޅާ އަރާފާނެއެވެ. ރައްޔިތުން މިއަދު ބުނަމުން ދަނީ - ފޯޅަވަހި ހޯދައިގެން ނޫން ގޮތަކަށް ދެން ރާއްޖެ އަށް ނައުމަށެވެ!