ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކާއި، ތަފާތު ހަރަކާތްތައް ހިމެނިގެން ކުރިއަށްދިޔަ ދަތުރެއްކަމަށް ބުނެ ރައީސް އޮފީހުން އިސްތިހާރުކުރި މި ދަތުރުގައި މުއިއްޒުއަށް އިނގިރޭސި ބޮޑުވަޒީރާ ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބިގެން ނުދިޔައެވެ.
އެހެންނަމަވެސް މުއިއްޒުއަށް މި ދަތުރުގައި އިނގިރޭސި ރަސްގެފާނު ޗާރލްއާއި ސަލާމް ކޮށްލާ ފޮޓޯއެއް ނަގާލުމަށް 3 މިނިޓްގެ ވަގުތުކޮޅެއް ލިބިލެއްވިއެވެ. ރައީސް އޮފީހުން މިއީ ރައީސް މުއިއްޒުއާއި އިނގިރޭސި ރަސްގެފާނު ޗާލްސްގެ ބައްދަލުވުމެއްގެ ގޮތުގައި އިސްތިހާރު ކުރި ނަމަވެސް, އިނގިރޭސި ޝާހީ އާއިލާއިން އެކްސް ޕޯސްޓު ކޮށްފައިވަނީ, މުއިއްޒު ރަސްގެފާނު ޗާރލްގެ އަރިހަށް ޒިޔާރަތެއް ކޮށްލެއްވި ކަމަށް ވިދާޅުވެއެވެ. އެނގިފައިވާ ގޮތުގައި ރަސްގެފާނު ޗާލްސް މުއިއްޒުއާއި ސަލާމް ކުރެއްވީ އެ ރަސްގެފާނު ހޮސްޕިޓަލަށް ވަޑައިގަންނަވަން ނިކުމެވަޑައިގަންނަވަމުން, މުއިއްޒުއަށް ދެއްވި އެންމެ 3 މިނިޓްގެ ވަގުތުކޮޅެއްގައެވެ. މުއިއްޒުއަށް މި ދަނޑިވަޅުގައި ރަސްގެފާނު ޗާލްސްއާއެކު ފޮޓޯއެއް ނަގާލުމުގެ ފުރުސަތު ލިބުނެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި, ރައީސް އޮފީހުން ވަނީ އިނގިރޭސި ބައެއް އިސް އޮފިޝަލުން މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތް ކުރެއްވި ކަމަށްވެސް އިސްތިހާރު ކޮށްފައެވެ. އެހެންނަމަވެސް ފަހުން އެނގުނު ގޮތުގައި މި ބޭބޭފުޅުންގެ އަރިހަށް ވަޑައިގެންނެވީ މުއިއްޒުއެވެ. އެ ބޭބޭފުޅުންގެ ތެރޭގައި ހައުސް އޮފް ކޮމަންސްގެ ސްޕީކަރ، ރައިޓް އޮނޮރަބަލް ސަރ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވިއެވެ. މީގެ އިތުރުން މުއިއްޒު ވަނީ ގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާވެސް ބައްދަލުކުރައްވާފައެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާ ބިސްނަސް ފޯރަމެއްވެސް ބާއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއީ، ދިވެހިރާއްޖޭގެ، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ.
އަދި މި ފޯރަމްގައި އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި, މި ފޯރަމުން، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔަ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެއްކަމަކީ މުއިއްޒު ރާއްޖެއިން ބޭރަށްކުރާ ކޮންމެ ދަތުރުފުޅެއްގައިވެސް, ބޮޑު ޚަރަދެއްކޮށްގެން, އެގައުމެއްގައި ރާއްޖެއަށް ޚާއްސަ އިންވެސްޓްމަންޓް ފޯރަމެއް ނުވަތަ ބިޒްނަސް ފޯރަމެއް ބާއްވަމުން އަންނަ ކަމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖެނުރައީމަހު މުއިއްޒު ޗައިނާއަށް ވަޑައިގެން އެގައުމުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. 2024 ވަނަ އަހަރު ފެބްރުއަރީމަހު ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. އިންޑިއާއަށް ވަޑައިގެން އެގައުމުގައިވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. މެލޭޝިއާއަށް ވަޑައިގެން އެގައުމުގައިވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. ސިންގަޕޯރއަށް ވަޑައިގެން އެގައުމުގައިވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައި ވެއެވެ. މިއިން ކޮންމެ ފޯރަމެއްގައިވެސް, މޮޅެތި ވާހަކަ ދެއްކުން ފިޔަވާ ހާސިލްކުރެވުނު ކަމެއް މިއިންވެސްޓްމަންޓް ފޯރަމް ތަކުންނާއި ބިސްނަސް ފޯރަމްތަކުން ފެންނާކަށް ނެތެވެ.
މުއިއްޒުގެ ސަރުކާރުން ބޮޑެތި ޚަރަދު ކޮށް, ދައުލަތުގެ ފައިސާ އެކި ނަންނަމުގައި ތަޅާ ބުރުވަމުންދާއިރު, ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ, ޑޮލަރުގެ އަގު ވަނީ އިންތިހާއަށް އުފުލިގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި, އާންމު ރައްޔިތުން މާލީ ހާލަތު ވަނީ މިއިން ޒަމާނަކު ދަށަށް ނުދާ ދަރަޖައަށް ދަށަށް ގޮސްފައެވެ.
އެހެންނަމަވެސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ގައުމެއްގައި, ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން އިންވެސްޓްމަންޓް ފޯރަމްތަކާއި ބިޒްނަސް ފޯރަމްތައް ދަނީ ބާއްވަމުންނެވެ.
މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވީއިރު ރާއްޖެއަށް ގެނެވުނު އިންވެސްޓަރެއް އަދި ފެންނާކަށް ނެތް އިރު, އެމްއެމްއޭއާއި ގައުމީ ބޭންކަށް ސިޔާސީ ނުފޫޒު ފޯރުވާ, ޝަރުއީ ދާއިރާއަށް މުއިއްޒު އަތް ބާނާ ހިންގަވަމުން ގެންދަވާ ހުތުރު އަމަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި, ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.