ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު، އެ މަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ހުއްޓުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި، އެ މައްސަލަ ދެން އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވަކިކުރަން އެމްޑީޕީގެ މެމްބަރުން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނާ ޝަރުތައް ހަމަވާ ގަރާރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ ބޭރުކޮށްލަން އިއްޔެގެ ޖަލްސާގައި ޑިމޮކްރެޓުން ވިދާޅުވަމުން ދިޔުމާއެކު، އެ މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ އާންމު އުސޫލާ ހިލާފަށް ވޯޓަކަށް ނުގޮސް، އެ މައްސަލަ ރިޔާސަތުން ބޭރުކޮށްލި އެވެ.
ރިފްއަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ ޑިމޮކްރެޓުން މާނަކުރި ފަދަ މަޖިލީހަށް ހުށަހަޅާ އާންމު ގަރާރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި މަސްލަހަތު ފުށުއަރާ ބޭފުޅަކަށް ނުހުންނެވޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެމްބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް،" ރިފްއަތު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެމްބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމުކަމަށް އިސްކަންދޭންޖެހޭ،"