ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ކުންފުނީގެ ޕައިލެޓުން ދަތުރުކުރުން ހުއްޓާލާނެކަމުގެ އިންޒާރު މިހާރު މިވަނީ ދީފައެވެ. އެ މުވައްޒަފުން ބުނަމުން ދަނީ, އިހުތިޖާޖު ކުރުމަށް ނިންމީ, މި ނިންމުން ނިންމީ މުވައްޒަފުންނާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށް ވާތީއެވެ.
މިހާތަނަށް ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރަ ދެމުން އައީ ޑޮލަރުންނެވެ. ނަމަވެސް އައު އޮނިގަނޑުގެ ދަށުން މުސާރައިގެ 80 އިންސައްތަ ޑޮލަރުން ދިނުމަށާއި 20 އިންސައްތަ ރުފިޔާއިން ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ރޭ ހުޅުމާލޭ ވޯޓާސް އެޖް ރޫފްޓޮޕްގައި ޓީއެމްއޭ މުވައްޒަފުން ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މުވައްޒަފުން ފާހަގަކުރީ މިފަދަ މުހިންމު ނިންމުމެއް ނިންމާފައިވާއިރު، އެކަމާ ބެހޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ. އަދި ކުރިމަގުގައިވެސް މުވައްޒަފުންނާ މަޝްވަރާނުކޮށް މި ރޭޝިއޯ އިތުރުކުރުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ޓީއެމްއޭއަކީ ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޕައިލެޓުން އެދެނީ ކުރިން އޮތް ގޮތަށް ހުރިހާ މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުމަށެވެ. މި މައްސަލަ ހައްލުނުވެއްޖެނަމަ ދަތުރުކުރުން ހުއްޓާލާނެކަމަށް ޕައިލެޓުން އިންޒާރު ދީފައިވެއެވެ.
މި މައްސަލަ ދިމާވީ ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މިދިޔަ އޮކްޓޯބަރު މަހު މި ސަރުކާރުން ގެނައި އިސްލާހާ ގުޅިގެންނެވެ. މި އިސްލާހުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކަށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ ޖުމުލަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހެއެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، އެ ކުންފުނީގެ ޕައިލެޓުން ދަތުރުކުރުން ހުއްޓާލާނެކަމުގެ އިންޒާރު ދިނުމާއެކު, އެފަދަ ހާލަތެއްގައި ޓީއެމްއޭގެ ބޭނުން ނުކޮށް, މޯލްޑިވިއަންއާއި މަންތާ އެއަރ ބޭނުން ކޮށްގެން ފަތުރުވެރިން އުފުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުއިއްޒު އަންގަވައިފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރިސޯޓުތަކުންނާއި, އަދި ވަކި ގިންތިއެއްގެ ކުންފުނިތަކުން އެމްއެމްއޭއަށް ޑޮލަރު މާރުކުރުން މަޖުބޫރު ކުރުމާއި ގުޅިގެން, ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކާއި ރިސޯޓުތަކަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެ ކުންފުނިތަކުން އެމްއެމްއޭއަށް ފާއިތުވި 8 ވަރަކަށް މަސްދުވަހުގެ ތެރޭގައި ޑޮލަރު މާރުކުރަމުން ދިއުމުގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސެސް ލިކުއިޑިޓީގެ މައްސަލައާވެސް ކުރިމަތިލާން ޖެހިފައެވެ. އަދި އޭގެ އިތުރަށް އެމްއެމްއޭއަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމުން ކުންފުނިތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ގެއްލިގެންވެސް ދެއެވެ.
އެނގިފައިވާ ގޮތުގައި, ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރައިން ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ %20 ރުފިޔާއިން ދިނުމަށް ކުންފުނިން ނިންމާފައި ވަނީ, ސަރުކާރުން ގެނައި ބަދަލާއެކު ކުންފުންޏަށްވެސް ބޮޑު ގެއްލުމެއް ލިބި, އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީ އިންތިހާއަށް މަތިވެގެން ގޮސްފައިވާތީވެސްމެއެވެ. އެއާއެކު ކުންފުނީގައި މަސައްކަތްކުރާ ޕައިލެޓުންގެ މުސާރައިން ބޮޑުބައެއް ގެއްލި, ސަރުކާރުން މިގެނައި ބަދަލުގެ ނަތީޖާއެއްގެ ގޮތުން އެމުވައްޒަފުންގެ މުސާރަ މިވަނީ ބޮޑުތަނުން ދަށްވެފައެވެ.
އެހެންނަމަވެސް, ޓީއެމްއޭ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިނަމަ, ސަރުކާރުން ގޮތް ދޫނުކޮށް, މުއިއްްޒު އަންގަވާފައިވަނީ, ޓީއެމްއޭއިން ދުވާލަކަށް އުފުލަމުންދާ 3,000 ވަރަކަށް ޓޫރިސްޓުން މޯލްޑިއަންގެ ބޯޓުތަކާއި މަންތާ އެއަރގެ ބޯޓުތައް ބޭނުންކޮށްގެން އުފުލުމަށް ތައްޔާރުވުމަށް އަންގަވާފައެވެ. އެހެންނަަމަވެސް, މޯލްޑިއަންއާއި މަންތާގެ ބޮޑެތި ބޯޓުތަކަށް ސީދާ ރިސޯޓުތަކަށް މީހުން ނޫފުލޭއިރު, އެ ދެ ކުންފުނީގެ ސީޕްލޭން ފްލީޓުގައި މި މަސައްކަތް ކުރުމުގެ ގާބިލްކަމެއް ނެތެވެ. އޭގެ މާނައަކީ ޓީއެމްއޭގެ ޕައިލެޓުން މަސައްކަތްނުކޮށް އިހުތިޖާޖު ކުރަން ފަށައިފި ހާލަތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓުމަކަށް އަންނާނެއެވެ. އަދި މިހާރުވެސް އިނދަ ޖެހިފައިވާ ރާއްޖޭގެ އިގްތިސާދު އެކީއެކަށް ހުއްޓުމަކަށް އަންނާނެއެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ބަދަލުތަކުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ފައިދާ ކުރާނެކަމަށެވެ. އެހެންނަމަވެސް މި ބަދަލާއެކުވެސް ރާއްޖޭގެ ޑޮލަރުގެ މައްސަލަ ވަނީ ބޮއްސުންލާފައެވެ. ޑޮލަރުގެ އަގު މިހާރު މިވަނީ 20 ރުފިޔާއަށްވުރެ މައްޗަށް އުފުލިގެން ގޮސްފައެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ރަގަޅު މާރކެޓް އެނަލިސިސްއެއް ހެދުމަކާ ނުލާ ސަރުކާރުން ގޮތް ދޫނުކޮށް ގެނައި މިބަދަލުގެ ނަތީޖާ ފެންނަމުން މިދަނީ ވަރަށްވެސް ހިތި ގޮތަކަށެވެ. އަދި އަމުދުން އެމްއެމްއޭއަށް ވަންނަމުންދާ ޑޮލަރުން ރައްޔިތުންނަށް ފަައިދާއެއް ނުކުރާ ތާގައި, މުއިއްޒުގެ މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން އިނދަޖެހިގެން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތެވެ.