ކަނޑާއި، ފޯޅަވަހި ނަގައި މިނިވަންކަމަށް އަރާ ގަނެފައިވާ ކަމަށް ބުނުމަށްފަހު އިނގިރޭސި ވިލާތަށް މި ދިޔައީ ރަސްގެފާނަށް މިނިވަން ދުވަހުގެ ދައުވަތު ކާޑު ދިނުމަށެވެ. ވެރިކަމަށް އައީ ކަނޑެއް ގެއްލުނު ކަމަށް ބުނެ އެ ހޯދުމަށް ރިޔާސީ ވައުދެއް ވެގެންނެވެ. ރާއްޖޭގެ އިޙްތިޞާސުން ބައެއް ގެއްލުނު ކަމަށް ބުނުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ތެދަކަށް ވާނަމަ، އެ ގެއްލުނީ މިނިވަންކަމުން ބައެކެވެ. އަދި އެ ގެއްލުނު ކަނޑާއި، އެ ބުނާ ފޯޅަވައްސެއްގެ މައްޗަށް އަރައިގަނެގެން އޮތް ބާރަކީ އަޅުގަނޑުމެންގެ މިނިވަކަމުގެ މައްޗަށް އަރާގަނެފައިވާ ބާރެކެވެ.
މި ދަތުރު ހަމަ ޖެހުނީ މިނިވަން ދުވަހުގެ ހަފްލާއަށް ދައުވަތު ދިނުމަށް ރައީސް މުއިއްޒު ބޭނުންވާ ކަމަށް ބުނެ، ރޯޔަލް ފެމިލީއަށް އާދޭސް ދަންނަވައިގެން ނެވެ. އެހެންކަމުން ގަނޑުވަރުގައި މެހެމާނުންނާއި އެކީ ބައްދަލުވުން ބާއްވާ ސަރަހައްދަށް ނުވައްދައި، ކޯރިޑޯގައި ދިމާވެލާފައި، ދައުވަތު ކާޑު ހަވާލު ކޮށްފައި މުއިއްޒު އެނބުރި ގަނޑުވަރުން ނުކުމެގެން ޖެހުނީ ދާށެވެ. ރަސްގެފާނާއި އެކު ވަގުތު ކޮޅެއް ނުލިބެއެވެ. "އޯޑިއަންސް" އެއް ނުދެއެވެ. އެކަން ރޯޔަލް ފެމިލީއިން ކުރި ޓްވީޓުންވެސް އެނގެއެވެ. އޭގައި ވަނީ ވިޒިޓް (ޒިޔާރަތް) ކުރި ކަމަށެވެ. ބައްދަލުވެ، އިށީންދެ، ވާހަކަ ދެއްކޭ ފުރުޞަތު ދިންނަމަ، ބޭނުން ކުރާ ބަސްމަގަކީ "އޯޑިއަންސް" އެއް ދިން ކަމަށެވެ.
ކޮންމެއަކަސް މާދަމާވެސް، އިނގިރޭސި ވިލާތުން އުބުނާ ކަނޑާއި، ފޯޅަ ވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނުމުން ރާއްޖެ އަށް ހަމަ އެތަން އެ ލިބުނީއެވެ. ނަމަވެސް ނުގެއްލޭ ކަނޑެއް ދިވެހިންނަށް އިނގިރޭސީން ހޯދަ ދޭނީ ކިހިނަކުންތޯއެވެ. ރާއްޖޭގެ ބައެއް ކަމަށް ސާބިތުވާން ނެތް ރަށްތަކެއް ރާއްޖެއަށް ދޭނީ ކިހިނަކުންތޯއެވެ.
ސާފުވެގެން ދިޔަ ހަގީގަތަކީ ގެއްލުނު ކަނޑާއި ފޯޅައްސޭ ކިޔައި، އޭރުގެ ޕީޕީއެމްއިންނާއި، މިހާރުގެ ރައީސް މުއިއްޒު ހަދަމުން ދަނީ ރޯ ބުހުތާނު ދޮގު ކަމެވެ. އިނގިރޭސި ވިލާތަށް ވެރިކަމަށް އައި ފަހުން 3 ފަހަރު މަތިން ދިޔައިރު އެ ގެއްލުނު ކަނޑު ހޯދަން ކުރި މަސައްކަތެއް ނެތެވެ. އޭގެ ނަންވެސް ގަނެ ނުލައެވެ. ނުވިތާކަން އެ ކަނޑު ބަނޑުއަޅައިގެން ތިބި ހަންފަތުރާ ވިލާތުގެ ރަސްގެފާނު ޗާރލްސްއަށް ދައުވަތު ދިނީ ރާއްޖޭގެ މިނިވަން ދުވަހުގެ މިނިވަންކަން ފާހަގަ ކުރުމަށް ރާއްޖެ އައުމަށެވެ. ކަނޑާއި، ރަށްތަކެއް ފޭރިގަނެގެން އުޅޭ ފަރާތް މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރި ކުރުމަށް ދައުވަތު ކާޑު ހިފައި ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް ރައްޔިތުންގެ ޚަރަދުގައި ދަތުރުކޮށް މި ދިޔައީ މޮޔަފުޅު ވެގެންތޯއެވެ. ކަނޑުން ބައެއް ހަޤީގަތުގައިވެސް ގެއްލިފައިވާނަމަ، މިހާ ބޮޑު ހާއިނު ކަމެއް ވެރިއަކު ދުވަހަކުވެސް ޤައުމަކަށް ވާނެތޯއެވެ؟