ޚަބަރު

ކޮވިޑް ތެރޭ ލުއި ލޯނު ދީފައިވާ ފަރާތްތައް ކޯޓަށް ގެންގޮސް ބިރު ދެއްކުމަށް އެސްޑީއެފްސީ ބީއެމްއެލް އަށް ދިނުމަށް މުއިއްޒު އަންގައިފި

ދިޔަވަރު
ކޮވިޑް ތެރޭ ލުއި ލޯނު ދީފައިވާ ފަރާތްތައް ކޯޓަށް ގެންގޮސް ބިރު ދެއްކުމަށް އެސްޑީއެފްސީ ބީއެމްއެލް އަށް ދިނުމަށް މުއިއްޒު އަންގައިފި

ކޮވިޑް ތެރޭ ލުއި ލޯނު ދީފައިވާ ފަރާތްތައް ކޯޓަށް ގެންގޮސް ބިރު ދެއްކުމަށްޓަކައި، އެސްޑީއެފްސީ ބީއެމްއެލް އަށް ދިނުމަށް މުއިއްޒު އަންގައިފިއެވެ. ބީއެމްއެލް އިން ގާނޫނީ ކަންކަން ކުރުމަށް ލޯފާމަކާއި ހަވާލުކޮށް، އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ނުދެއްކޭ ފަރާތްތަކަށް މި ލޯފާމް މެދުވެރިކޮށް ބިރު ދެއްކުމަށް ވަނީ ރާވާފައެވެ. މިއީ އާންމުކޮށްވެސް ބީއެމްއެލް އިން މިކަން ކުރަމުން އަންނަ ގޮތެވެ.

ލޯނު ދެއްކުމުގައި ދަތިވާ ފަރާތްތައް ބައެއް ފަހަރު ފުލުހަށް ހާޒިރުކޮށް، ޖަލަށް ލާނެ ކަމަށް ބިރު ދައްކާފަވެސް އެބަހުއްޓެވެ. މިކަން ކުރަނީ ބީއެމްއެލްގެ އިރުޝާދުގެ ދަށުން ލޯޔަރުން މެދުވެރިކޮށް ބައެއް ފުލުސް އޮފިސަރުންނަށް ރިޝްވަތު ދީގެންނެވެ.

ބީއެމްއެލް އަކީ މީގެ ކުރިންވެސް ގޭންގް ހިންގާ އުސޫލުން ހިންގާ މުއައްސަސާއަކަށް ވެފައި، ރައްޔިތުންގެ ފައިސާއިން ބޭންކު އެކައުންޓްތަކުން ގެއްލުވާލުމުގައި މުޅި ދުނިޔޭގެ ތާރީޚު މިހާތަނަށް ނުދެކެފަދަ ރިކޯޑެއް ހާސިލް ކޮށްފައިވާ ބަޔެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް އައުމުގެ ސަބަބުން ޤައުމުގެ ހާލަތު އިންތިހާއަށް ދަށްވެ، ލުއި ލޯނު ނަގައިގެން ކޮޅަށް ޖަހަމުން އައި ހުރިހާ ވިޔަފާރިތަކެއް ހެން މިހާރު ވަނީ އިނދަޖެހިފައެވެ. އަދި އެފަރާތްތަކަށް ލޯނު ދެއްކޭނެ ގޮތެއް ނެތި ވަނީ އެސްޑީއެފްސީއަށް ދަރަނިވެރިވެފައެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ މިފައިސާ ދީފައިވަނީ އެމްޑީޕީ މީހުންނަށް ކަމަށް ބުނެ، ކޮންމެ ގޮތަކުންވެސް މި ލޯނުތަކަށް ދީފައިވާ ފައިސާ އަނބުރާ ހޯދަން ޖެހޭނެ ކަމަށް އަންގާފައެވެ. އަދި މިކަން ރައީސް މުއިއްޒު ބޭނުންވާ ވަރަށް ނުބައިކޮށް، ރަހުމު ކުޑަކޮށް ކުރުމަށް އެސްޑީއެފްސީ އަށް ނުކެރޭތީ އާއި، އެސްޑީއެފްސީ އިން މުއިއްޒު ބޭނުންވާ ގޮތަށް އެފައިސާ ހޯދަން ދިމާކޮށްފި ނަމަ، ސަރުކާރަށް އެކަމުގެ ޕްރެޝަރ އަތުވެދާނެ ކަމަށް ބަލައި، އެކަން ކުރުމަށް ބީއެމްއެލް އަށް ހަވާލު ކުރުމަށް ނިންމީ ކަމުގައި އެސްޑީއެފްސީގެ އިސްވެރިއަކު ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވެއެވެ.

"ރައްޔިތުންނަށް ބިރު ދެއްކުމުގައި ބީއެމްއެލް ގެންގުޅޭ ގޭންގު އުސޫލު އެސްޑީއެފްސީއިން ގެންގުޅެފިނަމަ، މުއިއްޒަށް އަންނަ ޕްރެޝަރ ބޮޑު ވާނެތީ، ރައީސް މުއިއްޒު އިރުޝާދު ދެއްވާފައިވަނީ އެކަން ބީއެމްއެލް މެދުވެރިކޮށް ކުރުމަށް ބީއެމްއެލް އަށް އެސްޑީއެފްސީ ވިއްކާލުމަށް" އޭނާ ކިޔައި ދިނެވެ.

ބީއެމްއެލް އަކީ ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި އޮތް ތަނެކެވެ. ދާދި ފަހުން ވަނީ ރައްޔިތުންނަށް ދަތިކުރުމަށް ބޭރުގެ ބައެއް ސައިޓްތަކުން ގެންނަ މުދަލަށް %30 ފީއެއްވެސް މި ބޭންކުން ނަގަން ފަށާފައެވެ. އަދި ރައީސް މުއިއްޒުގެ ބާރުގެ ދަށަށް ބީއެމްއެލް ދިޔަ ފަހުން ކާޑާއި ޕިން ނަމްބަރު ރައްކާތެރިކޮށް އޮއްވާ އެކައުންޓްތަކުން ފައިސާ ގެއްލުން ވަނީ އިންތިހާއަށް ގިނަވެފައެވެ.