ކޮރަޕްޝަންގެ ތެރެއިން އެތައް މިލިއަނެއް ނަގައިގެން ބިދޭސީން ބޭރުން ގެންނަ ވިޔަފާރި އާދަން އާޒިމް ވަނީ އެމްޓީސީސީގައިވެސް ހިންގާފައިކަމަށް އެމްޓީސީސީގައި މަސައްކަތް ކުރާ މުއައްޒަފަކު ދިޔަވަރު ނޫހަށް މައުލޫމާތު ދީފިއެވެ.
އޭރު އެކަން ކޮށްފައިވާ ގޮތަކީ، ބޭރުގެ ކުންފުންޏަކާއި ގުޅިގެން ކަމަށާއި، ކޮރަޕްޝަން ވަންހަނާ ކުރުމަށް ރާއްޖޭގައި އޮޑިޓް ކުރެވިދާނެ ފަދަ އެއްވެސް ކުންފުންޏަކާއި ނުބައްސައި އާދަމް އާޒިމް މިކަން ކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
އެމްޓީސީސީ އަކީ ބޮޑު ކުންފުންޏަކަށް ވެފައި، އެތަނަށް ދާއިމީކޮށް ބޭރު މީހުން ޕްރޮޖެކްޓްތަކަށް ނެގެން އޮންނައިރު، އެގޮތަށް ބޭރު މަސައްކަތު މީހުން ނުނަގައި، ކޮންމެ ޕްރޮޖެކްޓަކަށް ވަކިން ގެނެސް އެ ޕްރޮޖެކްޓް ނިމޭއިރަށް ފޮނުވާލާފައި އާބަޔަކު ގެންނަނީ ކަމަށް އޭނާ ހާމަ ކުރިއެވެ.
ޕްރޮޖެކްޓް ނިމުމުން އެ ޕްރޮޖެކްޓްގެ މީހުން އަނެއް ޕްރޮޖެކްޓަށް ބަދަލު ކުރެވޭނެ ގޮތްވެސް އޮންނަ ކަމަށާއި، ނަމަވެސް ކޮންމެ ފަހަރަކު އާ ބަޔަކު ގެންނަނީ، ބޭރު މީހުން ގެނައުމުން އެތައް މިލިއަނަކުން ފައިދާ ނެގުމަށް ކަމަށް އޭނާ ކިޔައިދިއެވެ. މީގެ އިތުރުން ބޭރުން ގެނެސް ބާލާ މުދާ ތަކުގައި ބޭލި މިންވަރު އޮޅުވާލައިގެން ޖަހައިގެން އެތައް މިލިއަނަކުން އާދަން އާޒިމް ކުރަމުން ދިޔަ ވައްކަންވެސް، ޕްރޮޖެކްޓް ނިމޭ ހިސާބުން އެކަމުގައި އުޅޭ ބޭރުގެ ފަރާތްތައް އެނބުރި ޤައުމަށް ދާން ޖެހުމުން އާންމުންނާއި ހަމައަށް އެ ވާހަކަ ތައް ވާސިލް ވުމުގެ ފުރުޞަތު ހަނިވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
ސިޓީ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މި އަހަރު ފާއިތުވި 6 މަސް ތެރޭ އެކައުންސިލުން ވަނީ 25 މީހަކު މުސްކުޅިވެގެންނާއި މަސައްކަތަށް ފަރުވާ ކުޑަ ވެގެން ކަމަށް ބުނެ ކުއްލިއަކަށް ފޮނުވާލާފައެވެ. މި މީހުން ފޮނުވާލާފައިވަނީ ކުރިން އެންގުމަކާއި ނުލައި، ރާއްޖޭގެ އަދި ބައިނަލްއަގްވާމީ ހުރިހާ ޤާނޫނުތަކަކާއި ޚިލާފަށް ކުއްލިއަކަށް ވަރަށް އިހާނާތްތެރި ކަމާއި އެކުގައެވެ. ހަމަސް ދުވަހުގެ ތެރޭގައި 25 މީހުންނަކީ މުއައްސަސާއަކުން ކަނޑާލަން ވަރަށް ބޮޑު އަދަދެކެވެ. އަދި އެއިން 1.5 މިލިއަން ރުފިޔާ ކޮރަޕްޝަންގެ ގޮތުގައި އާޒިމަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި ފައިސާ ނެގުމަށް ފަހު، ޓިކެޓާއި ވިސާއާއި ގުޅޭ ހުރިހާ ހަރަދެއް ކުރަނީ ސީދާ ކައުންސިލުގެ ފައިސާއިން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.