މިއަހަރު ފެށުމާއެކު, މުއިއްޒު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން މިއަދު ނ. އަތޮޅަށް ފުރާވަޑައިގެންފިއެވެ. އެގޮތުން މުއިއްޒުވަނީ މިއަދު ނ. މާފަރަށް ވަޑައިގެންފައެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ, ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު މުއިއްޒު ބައްލަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
މިއަދު މާފަރަށް ވަޑައިގެން މުއިއްޒު ވަނީ އެކުގައި ވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެހެންނަމަވެސް އެރަށުގައިވެސް މިހާތަަނަށް މިސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ކޮށް ދެއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް މިއަދު މާފަރުގައި މުއިއްޒު އެރަށުގެ ކައުންސިލުންނާއި (އ.ތ.މ.) ކޮމިޓީއިން އެދުނުހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއިރު, ފާއިތުވި އަހަރުވެސް މުއިއްޒުވަނީ އެތަކެއް ރަށަކަށް ދަތުރުކޮށް, އެރަށްރަށުގެ ކައުންސިލްތަކުންނާއި (އ.ތ.މ.) ކޮމިޓީތަކުން އެދުނުހާކަމެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
އެހެންނަަމަވެސް މިދަތުރުފުޅުތަކުގައި މުއިއްޒު ރަށްރަށަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ވައުދެއް މިއަދާއިހަމައަށް ފުއްދަވާފައި ނުވާކަން ފާހަގަ ކޮށްލެވޭއިރު, މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ރައްޔިތުންނަށް ދައްކަވައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެން ގިނަ ވައުދުތަކެއް ފުއްދަވާފައި ނުވާއިރު, މުއިއްޒުގެ ސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ ހަމައެކަނި ސަރުކާރު ކަމުގައެވެ.