ޚަބަރު

ސަރުކާރުގެ ނަމުގައި ރައްޔިތުން މަޖިލީހުގެ ލެޓަރހެޑްގައި މަނީލޯންޑާ ކުރުމަށް ޖަނާބު ސޮއެ ކޮށްފައިވާ އެއްބަސް ވުމެއް ލީކުވެއްޖެ

ދިޔަވަރު
ސަރުކާރުގެ ނަމުގައި ރައްޔިތުން މަޖިލީހުގެ ލެޓަރހެޑްގައި މަނީލޯންޑާ ކުރުމަށް ޖަނާބު ސޮއެ ކޮށްފައިވާ އެއްބަސް ވުމެއް ލީކުވެއްޖެ

ސަރުކާރުގެ ނަމުގައި ރައްޔިތުން މަޖިލީހުގެ ލެޓަރހެޑްގައި މަނީލޯންޑަރިންގ ހިންގުމަށް ޖަނާބު ސޮއެ ކޮށްފައިވާ އެއްބަސް ވުމެއް ލީކު ވެއްޖެއެވެ. މި އެއްބަސްވުން ވައިބަރ، ވަޓްސްއެޕްގައި މިހާރު ދަނީ ދައުރު ވަމުންނެވެ. މިއެއްބަސް ވުމަކީ ރާއްޖެއަށް، ރާއްޖޭގެ ޤަވާއިދާއި، ޤާނޫނާއި ޚިލާފަށް އަދި ބައިނަލް އަޤްވާމީ ޤާނޫންތަކާއި ޚިލާފަށް މަނީލޯންޑަރ ކުރުމަށް ރާއްޖެއަށް 2 ބިލިއަން ޑޮލަރު ގެނައުމަށް ސަރުކާރުގެ ނަމުގައި މަޖިލީހުގެ ލެޓަރހެޑްގައި ހަދާފައިވާ އެއްބަސް ވުމެކެވެ. ސަރުކާރުގެ ފަރާތުން ކަމަށް ބުނެ މި އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު)އެވެ. ޖަނާބަކީ ރައީސް މުއިއްޒުގެ އަނބިކަބަލުން، ސާޖިދާ އިބްރާހިމްގެ ބޭބެއެކެވެ.

ލީކުވެފައިވާ އެއްބަސްވުން: އެންމެ ތިރީގައި

މިއީ ޤާނޫނީ ގޮތުން ގިނަ މައްސަލަތަކެއް ހުރި އެއްބަސްވުމެއް ކަމުން، ޤާނޫނީ ނަޒަރަކުން މި އެއްބަސްވުމަށް ބަލާލާނަމެވެ.

ޤާނޫނުއަސާސީއާ އަސާސީގޮތުން ޚިލާފުވާ ކަންކަން

ސަރުކާރުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ނެތުން:

  • ރާއްޖޭގެ ޤާނޫނުއަސާސީ ގައި ވާގޮތުން ރާއްޖޭގެ ފަރާތުން ބޭރުގެ ފަރާތްތަކާއެކު މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ނޫން ގޮތަކަށް މިފަދަ އެއްބަސްވުމެއްގައި ސޮއެ ކުރުުގެ ޤާނޫނީ ހައިސިއްޔަތެއް ސަރުކާރުގެ ފަރާތުން އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދިވެހި ސަރުކާރުގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ޤާނޫނީ ބާރެއް ލިބިގެނެއް ނުވެއެވެ.
  • މި އެއްބަސްވުމަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ބާރުތައް ވަކިކުރުމުގެ އަސާސާ ސީދާ ޚިލާފަށް ހިންގާފައިވާ ޤާނޫނާއި ޚިލާފު ކުށުގެ އަމަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ލެޓަރހެޑް ނަހަމަގޮތުގައި ބޭނުންކުރުން:

  • އަމިއްލަ ވިޔަފާރީގެ މުޢާމަލާތްތަކަށް މަޖިލީހުގެ ލެޓަރހެޑް ބޭނުންކުރުމަކީ ރަސްމީ ޙައިޘިއްޔަތު ނަހަމަ ބޭނުންކުރުމެވެ. އަދި ސަރުކާރުގެ އިދާރީ ހިންގުމުން ސޮއެ ކުރަންޖެހޭ އެއްބަސްވުން ތަކުގައި ދައުލަތުގެ އެހެން ބާރަކުން ސަރުކާރުގެ ނަމުގައި ސޮއެ ކުރުމަކީވެސް ޤާނޫނީ ކުށެކެވެ.
  • މީގެ އިތުރުން، މިއީ ރައީސް އަންގައިގެން ދައުލަތުގެ އިދާރީ އޮނިގަނޑުން ކޮށްފައިވާ ކަމެއް ކަމަށް ނުވާއިރު، ސަރުކާރުގެ ތާއީދު ލިބިފައިވާކަމަށް ދޭހަވާހެން އެއްބަސް ވުމެއް ސަރުކާރުގެ ނަމުގައި ހެދުމަކީވެސް ޤާނޫނީ ބޮޑު ކުށެކެވެ.
  • މަޖިލީހުގެ ސުލޫކީ މިންގަނޑާއި އިމްތިޔާޒުތަކާ ޚިލާފަށް ސާޖިދާގެ ބޭބެ ހިންގާފައިވާ ޤާނޫނާއި ޚިލާފު އަމަލެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކޮށްފައިވާ ކުށްތައް

ފައިސާ ދޮވުން ނުވަތަ މަނީ ލޯންޑަރ ކުރުން:

  • އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ 2 ބިލިއަން އެމެރިކާ ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ރާއްޖެ ގެންނަ ވާހަކައެވެ. ސިއްރުން ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން މިހާބޮޑު އަދަދެއް ރާއްޖެއަށް އެތެރެކުރަން އުޅުމަކީ ކަނޑައެޅިގެން ބައިނަލްއަގުވާމީ ހުރިހާ ހަމަތަކުން މާނީ ލޯންޑަރ ކުރުމެވެ. އެފަދަ ކަމެއް ކުރުމަށް އެއްބަސްވުން ހަދައިގެން މަސައްކަތް ކުރުމަކީ ޖަލު ހުކުމެއް އަންނަން ޖެހޭ ޖިނާޢީ ބޮޑު ކުށެކެވެ. އެއްވެސް ޤާނޫނީ ވިޔަފާރިއަކަށް މިފަދަ ބޮޑު އަދަދެއްގެ ނަގުދު ފައިސާ ބޭނުމެއް ނުވާނެއެވެ. އެހެންކަމުން މިއީ ފައިސާ ދޮވުން ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ސާފު ބޮޑު ކުށެކެވެ.

ކޮރަޕްޝަން އަދި ރިޝްވަތު:

  • ރާއްޖެއަށް މި ފައިސާ ވެއްދުމުގައި ޖަނާބު ވެދޭ އެހީއަށް %23 ގެ "އެޑްމިނިސްޓްރޭޓިވް ފީ" (460 މިލިއަން އެމެރިކާ ޑޮލަރު) ދޭން ޖެހޭ ކަމަށް އެއްބަސްވުމުގައި އޮތް އޮތުމަކީ ސީދާ ކޮރަޕްޝަނެވެ.
  • ސަރުކާރުން ޓެކްސް މަޢާފުކުރުމާއި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފަރކުރުމުގެ ވަޢުދުތަކަކީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
  • "ބޭރުގެ ސަރުކާރުތަކަށް ހާމަނުކުރުމުގެ" ޔަޤީންކަން ދިނުމުން އެއްބަސްވުމުގައި އޮތް އޮތުމުން ދޭހަވަނީ ނާޖާއިޒު ކުށުގެ މި ޙަރަކާތްތައް ފޮރުވުމަށް މަސައްކަތްކުރާކަމެވެ.

މަކަރާއި ޙީލަތް އަދި އޮޅުވާލުން:

މީގެ އިތުރުން މިކަމުގައި މަކަރާއި ޚީލަތް ހަދައި އޮޅުވާލުންވެސް ހިމެނެއެވެ. މިއީވެސް ޖަނާބުގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަންކަމެވެ.

  • ސަރުކާރުގެ ބާރު ލިބިފައިވާކަމަށް ދޮގުހެދުން
  • ޙީލަތްތެރި އިންވެސްޓްމަންޓް ސްކީމްތަކެއް އުފެއްދުން
  • އަމިއްލަ މަންފާއަށް ރަސްމީ ޙައިޘިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން

ޝައްކު އުފެދޭ މުޢާމަލާތްތައް

  • ސައްޙަ ވިޔަފާރިއެއްގެ މަޤްޞަދެއް ނެތި 2 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ މުޢާމަލާތެއް ހިންގުމަކީ ކުށެކެވެ.
  • ފައިސާ ދޮވުން ފާހަގަނުކުރެވޭގޮތަށް ކްރިޕްޓޯކަރަންސީއަށް ބަދަލުކުރުމުގެ މާއްދާ އަކީވެސް ޤާނޫނީ ގޮތުން ޖަނާބު ފައިސާ ދޮވުމަށް ބަޔަކާއި އެކު މަސައްކަތް ކުރިކަން ސާބިތު ކުރެވޭ މާއްދާއެކެވެ.
  • ފައިސާއާބެހޭ އިދާރާތަކަށް ފައިސާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށް ޖަނާބު ބޭރުގެ ކުންފުންޏާއި އެކު ވެފައިވާ އެއްބަސް ވުމަކީ ވެސް ޤާނޫނީ ކުށެކެވެ.
  • ޓެކްސް ދެއްކުމުން ރެކެވޭނެކަމުގެ ޔަޤީންކަން ބަޔަކަށް ދިނުމަކީވެސް ޤާނޫނީ ކުށެކެވެ.

މީގެ އިތުރުން ފައިސާ ދޮވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުތަކާ ޚިލާފު އެތައް ކަމެއް މިއެއްބަސް ވުމުގައި ހިމަނާފައިވެއެވެ. އިސްލާމް ދީނުގެ ނަމުގައި ފަތުވާދީ، އަންހެންކުދިންނާއި އެކު ބަދުއަޚްލާގީ އަމަލު ހިންގުމަށް މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ ޖަނާބަކީ ސަލަފުގެ އެންމެ އިސް އެކަކެވެ.

ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުވެ، ސުލޫކީ އަދި ޤާނޫނީ މިންގަނޑުތަކާއި ޚިލާފަށް ހަދާފައިވާ މި އެއްބަސް ވުމާއި ގުޅިގެން މިހާރުން މިހާރަށް އަންނަނިވި ދައުލަތުގެ މުއައްސަސާތަކުން ވަގުތުން ތަޙުޤީޤުކުރަން ފަށަންޖެހޭނެއެވެ.

  • އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ކޮރަޕްޝަންގެ ތުހުމަތުތައް
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފައިސާ ދޮވުމާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުތަކާ ޚިލާފުވި މައްސަލަތައް
  • ބަންޑާރަނައިބުގެ އޮފީހުން ޖިނާއީ ދަޢުވާކުރުމަށް
  • ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީން ސުލޫކާ ޚިލާފުވުމުގެ މައްސަލަތައް
  • ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް މި މައްސަލަ ރިޕޯޓް ކުރުން

ނަމަވެސް މިކަން ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކުގެ މައްޗަށް އަރައިގެން ތިބި ސާޖިދާ އާއި މުއިއްޒު މިކަން ހިލާ ވިޔަކަ ނުދޭނެއެވެ.

ނިންމުން

މި ލިޔުމުގައި ހިމެނޭ ގިނަ ސީރިއަސް ޖިނާއީ ކުށްތައް ފާހަގަ ކޮށްލާނަމެވެ.

  • ޤާނޫނުއަސާސީއާ ޚިލާފުވުންތައް (ހުއްދަނެތި ސަރުކާރު ތަމްސީލުކުރުން)
  • ފައިސާ ދޮވުން (2 ބިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާގެ މުޢާމަލާތްތައް)
  • ކޮރަޕްޝަން އަދި ރިޝްވަތު (އެކަށީގެންނުވާ ފީތައް، ޓެކްސް މަޢާފުކުރުން)
  • މަކަރާއި ޙީލަތް އަދި އޮޅުވާލުން (ދޮގުހަދައިގެން ބާރުތަކެއް އޮތްކަމަށް ދެއްކުން)
  • ރައްޔިތުންގެ މަޖިލިސް މިސްކޮންޑަކްޓް (ރަސްމީ މަޤާމުގެ ނަހަމަ ބޭނުންކުރުން)

މި މައްސަލައިން ހާމަވަނީ ސާޖިދާގެ އާއިލާ ބޭފުޅެއް ކަމަށްވާ ޖަނާބު ދައުލަތަށް އެއްވެސް ކަހަލަ ޚުރުމަތެއް ނެތްކަމާއި، ދައުލަތުގެ ވަސީލަތްތައް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ބޭނުން ކުރަމުންދާ މިންވަރެވެ. ރައީސް މުއިއްޒުވެސް އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުން ކުރަމުން ދަނީ، ޖަނާބު މަޖިލީސް ލެޓަރ ހެޑުގައި ސަރުކާރުގެ ނަމުގައި އަމިއްލަ އެއްބަސްވުންތައް ހަދަމުންދާ އުސޫލުންނެވެ. ރައްޔިތުންނަށް އަނިޔާވެރިވެ، އަމިއްލަ މުއްސަނދިކަން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކޮށްގެން އިތުރު ކުރުމުގައެވެ. ޖަނާބު މަޖިލީސް މެމްބަރު ކަމަށް ގެނައުމަށް ސާޖިދާ ދާއިރާގެ ގެތަކަށް ގޮސް، ފްލެޓް ދޭނެ ކަމަށް ބުނެ، އެތައް ކެމްޕެއިނެއް ކޮށްފައިވެއެވެ.

އެއްބަސްވުން: