ފެނަކާގައި ކުރިންވެސް ހިނގަމުންދިޔަ ކޮރަޕްޝަންތައް އިންތިހާއަށް ދަނީ މިހާރުވެސް ކުރިއަށެވެ. ކޮރަޕްޝަނުން ލިބޭ ފައިސާ ނަގައި، ފައިސާ ދޮވުމުގައި ރައީސް މުއިއްޒުގެ ބައިވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ، އަބްދުﷲ ވަހީދުއެވެ. އަބްދުﷲ ވަހީދަކީ ޗީފް ފިނޭންސް އޮފިސަރ ކަމަށް ވިއަސް އަސްލު ކުންފުނީގެ އެމްޑީއަކީ އެއީއެވެ. އެމްޑީގެ ނަމުގައި ހުންނަނީ ރަމްޒީ ފަރާތެކެވެ. ރައީސް މުއިއްޒު ބޭނުންވާ ވައްކަން ކޮށް، އެތައް ބަޔަކަށް އަނިޔާވެރިވުމުގައި ރައީސް މުއިއްޒުގެ ބައިވެރި އަކީ އަބްދުﷲ ވަހީދުއެވެ. ވަހީދުގެ މައްޗަށް އެއްވެސް މީހަކަށް ކުންފުނީގެ ފައިސާގެ އެއްވެސް ކަމެއްގައި ބާރެއް ނޯވެއެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ އެންމެ ގިނަ ބަޔަކަށް ފައިސާ ނުދީ ހުރި ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ. އޭރުވެސް، މި ކޮރަޕްޝަން ހިންގައި، ކުންފުނިން ވައްކަން ކުރުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތަކީ އަބްދުﷲ ވަހީދުއެވެ. 120 މިލިއަން ރުފިޔާގެ ކޭބަލް އަމިއްލަ އަށް ގަނެ، އެކި ކުންފުނިތަކުގެ ނަމުގައި ފެނަކައަށް އެވައްދައި، ކުންފުނިން 120 މިލިއަން ރުފިޔާ ނަގައި، މުޅި ފެނަކަ ދަވާލުމުން، އެމްޑީޕީ ސަރުކާރުން މިކަމާ އޭނާ ކުންފުނިން ވަކި ކުރުމުން، ޓްރިބިއުނަލް އަށް މުއިއްޒު ނުފޫޒު ފޯރުވައިގެން، އޭނާގެ ގެނެސް އަތުހިފައި އަލުން ފެނަކައަށް ވައްދައި، ބޮޑު މަގާމަށް ގެނެސް، އޭނާ ވައްކަން ކުރަމުން ދިޔަ ފައިސާއިން ބައެއް ދިމްޔާތަށް ވަންނަ ގޮތް ހަދާފައި ވަނީ މުއިއްޒެވެ.
ރައީސް މުއިއްޒު ބޭނުންވާ ކުންފުނިތަކަށް އެކަނި ފައިސާ ދިނުމަށްފަހު، އެހެން ވިޔަފާރިތަކަށް ރައީސް ސޯލިހުގެ އިރުގައި ދޭން ހުރި ފައިސާތައްވެސް އަދިވެސް ވަނީ ނުދީއެވެ. އެތައް ބިލިއަނެއްގެ ފައިސާ ނުދީ ހިފަހައްޓައި، ދިމްޔާތަށް ފައިސާ ޖަމާ ކުރަމުން ދަނީ އެއްވެސް މިންވަރެއް ނުބަލައެވެ.
ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު އަންގައިގެން ވަހީދު ފައިސާ ދޫކޮށްފައިވާ ކުންފުނިތަކަކީ، އެކުންފުނިތަކުން ރައީސް މުއިއްޒަށް ބައި އެޅޭ ކުންފުނިތަކެވެ.
- ގެލެކްސީ ހޯލްޑިންގ
- ވެންޑިއަމް އިންވެސްޓްމެންޓް
- ޔުނެކްސެސް
- ޕްރިމިއަރ ޕާރޓްސް
- ބްލަޑް ސްޓޯން
މިކުންފުނިތަކަށް މުއިއްޒު އަންގައިގެން 42 މިލިއަން މިދިޔަ 2 މަސް ދުވަސް ތެރޭ އެކަނިވެސް ފެނަކައިން ދޫކޮށްފައިވާއިރު އެހެން އެއްވެސް ކުންފުންޏަކަށް ފައިސާއެއް ނުދެއެވެ. މި ހިސާބުތައް މިހާރުވެސް ފެނަކާގައި އެހެރީ ފެންނާށެވެ. ނަމަވެސް މިކަން ބަލާނެ ލޮލެއް، މުއައްސަސާއެއް ނެތެވެ.
ދިމްޔާތަށް ފައިސާ ގެންގޮސްދޭ ވާހަކަ ތަކުރާރުކޮށް ވަހީދު ވަނީ އޭނާގެ އަރިސް ފަރާތްތައް ކައިރީ ދައްކާފައެވެ. އަދި މުއިއްޒު އާއި ސާޖިދާ އަމިއްލަފުޅަށް އޭނާއަށް ގުޅާ ކަމަށާއި، ފެނަކާގައި އޮތީ އޭނާގެ ބާރު ކަމަށް އޭނާ ދަނީ ފާޅުގައި ވާހަކަ ދައްކަމުންނެވެ.
ފައިސާ ނުލިބި ކުންފުނިތައް ދަނީ ބަނގުރޫޓުވަމުންނެވެ. ކުންފުނިތައް ދަނީ ފެނަކައަށް ގޮސް ރޮއެ އާދޭސް ކުރަމުންނެވެ. ބަނގުރޫޓުވުމުގެ އިތުރަށް ދަރަނިވެރިވެ، ހާދާނެ އެއްވެސް ގޮތެއް ނެތިގެން އާދޭސް ކުރަމުންދަނީއެވެ. އިންސާފު ހޯދަން ދާނެ ތަނެއް ނެތެވެ. އޭސީސީ އޮތީ މުއިއްޒުގެ އަތުގައެވެ. ކޯޓުތައް އޮތީ މުއިއްޒު ހިސާރުކޮށްފައެވެ. ކޮންމެ ދުވަހަކު ފެންކަޅިވެ ރޮއެ، ހަޅޭއްލަވައި އަދޭސް ކޮށް، ކަރުނަ އަޅާފައި ދާ އެތައް ވިޔަފާރިވެރިންނެއް ފެނަކައިގެ ރިސެޕްޝަން ކައިރީ ޖައްސާލުމުން ފެންނާނެއެވެ. މިއީ މުއިއްޒު ރައްޔިތުންނާއި މެދު ކަންކަން ކުރަމުންދާ އިހާނެތި، ނުބައި ގޮތެވެ. ރަހުމެއް ހަމްދަރުދީއެއް އެެއްވެސް ރައްޔިތަކަށް އެއްވެސް މިންވަރަކަށް ނެތީއެވެ.
މިހާލަތަށް ފޮނުވާލުމަށްފަހު އޭގެ ތެރެއިން ވަހީދުގެ "ހެޔޮފުޅު ކަމުން"، ނަގާ ބައެއް ކުންފުނިތަކަށް ފައިސާ ދޫކުރަނީ %20 ނުވަތަ %30 ޕޭމަންޓުން ރިޝްވަތު ނަގައިގެންނެވެ. މި ފައިސާއިންވެސް ބައެއް ސީދާ މުއިއްޒަށް ދެއެވެ. ސިފަވެގެން ދަނީ ފިރުއައުނާއި ޤާރޫނުގެ އަނިޔާވެރިކަން ހުރި މިންވަރެވެ. %20 ކުންފުންޏަކުން ނަގާއިރު އެ ޕްރޮޖެކްޓުން ވާނީ ގެއްލުމެވެ. އެކުންފުނީގައި މަސައްކަތް ކުރި މުއައްޒަފަކަށް ދޭނެ މުސާރައެއް ނޯންނާނެއެވެ.
ވަހީދުގެ މުއްސަނދިކަން އިންތިހާއަށް އިތުރުވެ، ފައިސާާއަށް ހަދާނެ ނަހަދާނެ ގޮތް ނޭނގި، މިހާރު ވަނީ ހުޅުމާލެއިން ރާއްޖޭގައި މިހާރު ހުރި އެންމެ ލަގްޒަރީ އެއް އިމާރާތުން ނަގުދު ފައިސާދީ އެޕާޓްމެންޓެއް ގަނެލާފައެވެ. މީގެ އިތުރުން ހުޅުމާލެއިން ބިން ގަނެ، ޑުބާއީގައި ޕޭޕާރ ކުންފުންޏެއް ހުޅުވައި އެތައް ލައްކަ ޑޮލަރެއް ވަނީ ރައްކާ ކޮށްފައެވެ.
މުއިއްޒަށް ދޭން ޖެހޭ ބައި ދީފައި، ގޯތި ގަނެ، ފްލެޓް ގަނެ، ބާކީވާ ފައިސާ ދޮންނަން، އޭނާ ލަމުން ދަނީ ޓީޖެޓީ ރެސްޓޯރަންޓް ކިޔާ ރެސްޓޯރަންޓަކަށެވެ. ކޮންމެ މަހެއްގެ ސޭލްސްގެ ތެރެއަށް އެތައް ހާސް ރުފިޔާއެއް ލާކަން މީރާ އަށްވެސް ކަނޑައެޅިގެން އެނގެއެވެ. އެހެން ހުރިހާ ރެސްޓޯރަންޓް ތަކަށް ވުރެ ސޭލްސް ޑަބަލްކޮށްލައިގެން ދަނީ މަނީ ލޯންޑަރ ކުރަމުންނެވެ. ރައީސް މުއިއްޒުގެ ފުރިހަމަ ހިމާޔަތުގައެވެ. ރައީސް މުއިއްޒުގެ ނުފޫޒުން މީރާއިން އަބްދުﷲ ވަހީދުގެ ނަންމަތީގައި ވާ މި ވިޔަފާރިއަށް ވަންނާކަށް ނުކެރެއެވެ.
މި ހުރިހާ ކަމެއް ކުރަމުންދަނީ، ވަހީދުގެ އަންހެނުންނާއި، ޅިޔަނު، ފެނަކައިގެ ފިނޭންސްގެ ޑެޕިއުޓީ ޑިރަކްޓަރުންނަށް ލައިގެންނެވެ.
ޤައުމު މިހާލަތަށް ގެންދިޔުމުގައި މުއިއްޒު އަދާ ކުރަމުންދާ އަނިޔާވެރި ދައުރަކީ މީހެއްގެ ހިތަށް ގެންނަން ފަސޭހަ، ފަހުމު ކޮށްލަން ކުޅަދާނެ ދައުރެއް ނޫނެވެ. ވައްކަމާއި ދޮގު ހެދުމާއި، ރައްޔިތުން ނިކަމެތިކޮށް ބިކަކޮށް އިންސާފުން މަހުރޫމް ކޮށްލުން ނޫން ކަމެއް މުއިއްޒެއް ނުކުރެއެވެ.