ޚަބަރު

ދުނިޔޭގެ ބޭސްފިހާރައިން ދުނިޔޭގެ ހޮސްޕިޓަލަށް: އިންޑިޔާއިން ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ މާނަ ބަދަލު ކުރަމުންދާ ގޮތް

ދިޔަވަރު
ދުނިޔޭގެ ބޭސްފިހާރައިން ދުނިޔޭގެ ހޮސްޕިޓަލަށް: އިންޑިޔާއިން ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ މާނަ ބަދަލު ކުރަމުންދާ ގޮތް

މަޑުމަޑުން ކުރިއަށްދާ އިންޤިލާބެއްގެ ތެރެއިން ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ޗާޓު އެދަނީ ބަދަލުވަމުންނެވެ. އެ ބަދަލުގެ މައި މަރުކަޒަކީ އިންޑިޔާއެވެ. ކުރިން ހެޔޮއަގުގައި ޖެނެރިކް ބޭސް އުފައްދާ "ދުނިޔޭގެ ބޭސްފިހާރަ" އޭ ކިޔުނު އިންޑިޔާ މިއަދު ބަދަލުވަމުން އަންނަނީ "ދުނިޔޭގެ ހޮސްޕިޓަލް" އަށެވެ. އެންމެ ޒަމާނީ ބޭސްފަރުވާއާއި، ދުޅަހެޔޮކަމާއި، އީޖާދުތައް ލިބެން ހުންނަ މަންޒިލަކަށެވެ. މިއީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ވާހަކައެއް ނޫނެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީއާއި ފަންނުވެރި ޑޮކްޓަރުންނާއި ބޭސްވެރިކަމުގެ އާދަކާދަތައް އެއްކޮށްގެން މުސްތަޤުބަލުގެ ޞިއްޙީ ނިޒާމެއް ބިނާކުރާ ޤައުމެއްގެ ވާހަކައެވެ.

މި ރިޕޯޓުގައި އަލިއަޅުވާލަނީ ދުނިޔޭގެ ޞިއްޙީ ދާއިރާއާއި މެޑިކަލް ފަތުރުވެރިކަމުގައި އިންޑިޔާ ކުރިއަރަމުންދާ ގޮތާއި، މިކަމުގައި ދުނިޔޭގެ ލީޑަރަކަށްވުމަށް އެޤައުމުން ކުރަމުންދާ މަސައްކަތްތަކަށެވެ.

1. ދުނިޔޭގެ ކަންކޮޅުތަކުން މިލިއަނުން މީހުން އިންޑިޔާ ޚިޔާރުކުރާ ސަބަބަކީ ކޮބާ؟

މިދިޔަ އަހަރު 75 ޤައުމަކުން 2 މިލިއަނަށްވުރެ ގިނަ ބަލިމީހުން ބޭސްފަރުވާއަށް އިންޑިޔާ އަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދެއެވެ. ދުނިޔޭގެ މެޑިކަލް ފަތުރުވެރިކަމުގެ ބާޒާރު 2035 ވަނަ އަހަރާ ހަމައަށް 890 ބިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭއިރު، އިންޑިޔާއަކީ މިކަމުގެ އެންމެ ކުރީސަފުގައި ތިބި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ނަމަވެސް ސުވާލަކީ؛ އެމެރިކާ، އިނގިރޭސިވިލާތް، ނުވަތަ ނައިޖީރިއާ ފަދަ ޤައުމުތަކުން ބޭސްފަރުވާއަށް މުޅި ދުނިޔެ ހުރަސްކޮށް އިންޑިޔާއަށް ދަތުރުކުރަނީ ކީއްވެގެންތޯއެވެ؟

ކުރު ޖަވާބަކީ ހަލުވިކޮށް، ހެޔޮ އަގުގައި، ފެންވަރުގެ ރަނގަޅު ޚިދުމަތެއް އިންޑިޔާއިން ދޭ ދިނުމެވެ.

ހީނުކުރާ ވަރަށްވުރެ އަގު ހެޔޮ: އިންޑިޔާއާއި އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ބޭސް ފަރުވާގެ އަގުގެ ތަފާތަކީ ހައިރާންވާވަރުގެ ބޮޑު ތަފާތެކެވެ. އެމެރިކާގައި 120,000 ޑޮލަރަށްވުރެ ބޮޑު އަގުގައި ކުރެވޭ ހިތުގެ ބައިޕާސް ސާޖަރީއެއް އިންޑިޔާގައި އެއްވަރުގެ ހުނަރުވެރި ޑޮކްޓަރުން ކޮށް ދެނީ އެންމެ 7,000 ޑޮލަރަށެވެ.

ފަރުވާގެ ހަލުވި ކަން: ހުޅަނގުގެ ޤައުމުތަކުގައި ބަލިމީހުން ގިނަފަހަރު ބޮޑެތި އޮޕަރޭޝަންތަކަށް ދިގު، ބައެއްފަހަރު ހިތްދަތިވާ، މުއްދަތަކަށް މަޑުކުރަން ޖެހޭއިރު، އިންޑިޔާގެ ހޮސްޕިޓަލްތަކުން ކޮންސަލްޓޭޝަންތަކާއި، ޚިދުމަތްތައް ވަގުތު ތާވަލުކޮށްދެއެވެ. މި ހަލުވިކަމަކީ ކުއްލި ޞިއްޙީ ބޭނުންތައް ހުރި މީހުންގެ ދިރިއުޅުން ބަދަލުކޮށްލައިދޭ ކަމެކެވެ.

ދުނިޔެ ބަލައިގަންނަ ޚިދުމަތުގެ ފެންވަރު: އެޕޮލޯ، ފޯޓިސް، މަނިޕާލް ފަދަ އިންޑިޔާގެ ބޮޑެތި ހޮސްޕިޓަލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފައްތާފައިވާ ތަންތަނެވެ. މިތަންތަނުގައި ލީވަރ ޓްރާންސްޕްލާންޓް ކާމިޔާބު ކުރުމުގައި %90 އިން މަތި، އަދި ހިތުގެ ސަރޖަރީތައް ކާމިޔާބު ކުރުމުގައި %98 ގައި ހާސިލްކޮސް، ދުނިޔޭގެ އެންމެ ރަނގަޅު މެޑިކަލް ސެންޓަރުތަކާ އެއްފެންވަރެއްގައި ދަނީ ޚިދުމަތް ދެމުންނެވެ.

ގިނަ ބަލިމީހުން ރާއްޖެއިން އިންޑިޔާއަށް ކުރާ ދަތުރަކީ ދިރިއުޅުން މުޅިން ބަދަލުކޮށްލާ ތަޖުރިބާއެކެވެ. މިސާލަކަށް ރާއްޖެއިން ލިބެންނެތް ފަރުވާއަށް، ނުވަތަ ޚަރަދުގެ ގޮތުން އެހެން ޤައުމުތަކަށް ވުރެ ހެޔޮ އަގުގައި ފަރުވާ ހޯދަން އިންޑިއާއަށް ދަތުރު ކުރާ މީހާ އަނބުރާ ރާއްޖެ އަންނަނީ ހަމައެކަނި ކާމިޔާބު ފަރުވާއެއް ހޯދައިގެން އެކަންޏެއް ނޫނެވެ. އެމީހުން އަންނަނީ، ޚިދުމަތް ހޯދުމުގައި ހުރި ފަސޭހަތަކާއި، ހަލުވި ކަމާއި އިންޑިޔާގެ އޯގާތެރި ކަމުގެ ވާހަކަ ވެސް ހިފައިގެންނެވެ. ދުނިޔޭގެ އެންމެ ހައި ކޮލިޓީ ބޭސްވަރުވާ، އިންޑިޔާ އަވަށްޓެރި އެކުވެރިއެއް ގޮތުގައި އޮތުމުން ދިވެހިންނަށް މި ލިބޭ ލިބުމަކީ ވަރަށް ގިނަ ތަކްލީފު ތަކުން ދިވެހިން މިންޖު ކޮށްދޭ ނަސީބެވެ.

2. އައު އީޖާދުތައް: ދުނިޔޭގެ ހެލްތް-ޓެކް މަރުކަޒެއްގެ ގޮތުގައި އިންޑިޔާ

އިންޑިޔާގެ މުސްތަޤުބަލް އޮތީ އެޤައުމުގައި އުފައްދަމުންދާ އާ އީޖާދުތަކާއި ގުޅިފައެވެ. އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަގުހެޔޮ، މަތީ ފެންވަރުގެ މެޑިކަލް ޓެކްނޮލޮޖީ އުފެއްދުމުގެ މައިބިންގާ އަޅަމުންދާ ޤައުމެވެ.

އޭއައި އަކީ މިހާރު ކްލިނިކަލް ޙަޤީޤަތެކެވެ. އާ ބޭސް ފަރުމާކުރުން އަވަސް ކުރުމާއި، ބަލި ދެނެގަތުމާއި، ބަލިމީހުންނަށް ޚާއްޞަކުރެވިފައިވާ ފަރުވާ ފޯރުކޮށްދިނުމުގައި އޭއައި ބޭނުންކުރެވެއެވެ. އިންޑިޔާއިން ދަނީ މެޑިކަލް އިމޭޖިންގ ސިސްޓަމްތަކަށް އޭއައި ތަޢާރަފް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިފަދަ އީޖާދުތަކުގެ ސަބަބުން އިންޑިޔާއަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ލިބެމުންދެއެވެ. ސަނޮފީ އަދި އެލީ ލިލީ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން އިންޑިޔާގައި އެމީހުންގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އަދި ކްލިނިކަލް ޓްރަޔަލްތައް ފުޅާކުރަމުންދާއިރު، ހައިދަރަބާދާއި ބެންގަލޫރު ފަދަ ސިޓީތައް ދުނިޔޭގެ ބޭސް ފަރުވާގެ އިޖާދީ މަރުކަޒުތަކަކަށް ދަނީ ބަދަލުވަމުންނެވެ.

3. "ދުނިޔޭގެ ބޭސްފިހާރަ": ދުނިޔޭގެ ޞިއްޙީ ހަމަހަމަކަމުގެ އަސާސް

އިންޑިޔާގެ ފާމަސިއުޓިކަލް ސިނާޢަތަކީ މިއަދުވެސް ދުނިޔޭގެ ޞިއްޙީ މައިދާނުގައި އެޤައުމުގެ ނުފޫޒުގެ މައިގަނޑު އެއް ބިންގަލެވެ. ދުނިޔޭގެ އެންމެ ބޮޑު ޖެނެރިކް ބޭސް އުފައްދާ ޤައުމުގެ ގޮތުގައި އިންޑިޔާއިން ދުނިޔޭގެ ވެކްސިންތަކުގެ %60 އަށްވުރެ ގިނަ މިންވަރެއް އުފައްދައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައި ބޭނުން ކުރާ ބޭހުގެ ބޮޑު ބައެއް ފޯރުކޮށްދެނީ އިންޑިޔާއިންނެވެ.

އިންޑިޔާގެ ފާމަސިއުޓިކަލް ކުންފުނިތަކުން އެޗްއައިވީ/އެއިޑްސް، ހަކުރުބަލި، އަދި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާތައް އުފައްދަމުން ދާއިރު، އާމްދަނީ ދަށް ޤައުމުތަކުގެ އެތައް މިލިއަން ރައްޔިތުންނަށް އަތްފޯރާ އަގުތަކުގައި ބޭސް ދުނިޔޭގައި ފޯރުކޮށްދެނީ އިންޑިޔާއިންނެވެ. އެތައް މިލިއަން ބައެއްގެ ސިއްޙީ ހާލަތު ރަނގަޅުކޮށް ފުރާނަ ސަލާމަތް ކުރަމުންނެވެ.

4. ބަލިމީހުންނަށް ފަސޭހައިން ޚިދުމަތް ލިބުން: ދުނިޔޭގެ ކަންކޮޅުތަކުން އަންނަ މީހުންނަށް ދަތުރު ފަސޭހަކޮށްދިނުން

ދުނިޔޭގެ ފެންވަރުގެ މެޑިކަލް ތަޖުރިބާއެއް ފެށެނީ، ބަލިމީހާ ހޮސްޕިޓަލްގެ ދޮރުން ވަނުމުގެ މާ ކުރިންކަން ރަނގަޅަށް ދެނެގަނެ، އިންޑިޔާއިން ބޭރުގެ ފަތުރުވެރިންނަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ބޮޑެތި ފިޔަވަޅުތަކެއް އެ ޤައުމުން އަޅާފައިވެއެވެ. ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ބަލިމީހުންގެ ދަތުރުފަތުރު ފަސޭހަ ކޮށް ދިނުމަށް މަސައްކަތް ކޮށްފައި ވެއެވެ:

އީ-މެޑިކަލް ވިސާ ނިޒާމުން 160 އަށްވުރެ ގިނަ ޤައުމުތަކުގެ ބަލިމީހުންނަށް އޮންލައިންކޮށް ވިސާ ނެގުމުގެ ފުރުޞަތު ލިބިދީފައިވާއިރު، ބިއުރޮކްރަސީގެ ހުރަސްތައް ވަނީ ނައްތާލާފައެވެ. ބޮޑެތި ހޮސްޕިޓަލްތަކުގައި ޚާއްޞަކުރެވިފައިވާ "ބައިނަލްއަޤުވާމީ ބަލިމީހުންގެ ޑިޕާޓްމަންޓްތައް" ހުންނަނީ ފަސްތަރީގެ ހޮޓަލެއްގެ ޚިދުމަތްތަކާއި އެއް ފެންވަރެއްގައެވެ. އެއަރޕޯޓުން ގެނައުމާއި ގެސްޓްހައުސް ހޯދައިދިނުމާއި، ތަރުޖަމާނުން ހަމަޖެއްސުމާއި ރަށުތެރޭގެ ދަތުރުފަތުރުގެ ކަންކަމާ ހަމައަށް ހުރިހާކަމެއްގައި އެހީތެރިވެދީ، ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް ފުރިހަމަ ޚިދުމަތް ދެވޭކަން އިންޑިޔާއިން ޔަޤީންކޮށްދެއެވެ.

5. 2047 ގެ ތަޞައްވުރު: ދުނިޔޭގެ ދުޅަހެޔޮކަމުގެ މުސްތަޤުބަލުގެ މަގުދައްކާ ޤައުމަކަށްވުން

އިންޑިޔާއިން 2047 ގައި އެޤައުމުގެ މިނިވަންކަމުގެ ސަތޭކަ އަހަރީ ދުވަސް ފާހަގަކުރުމަށް ބަލާލާއިރު، ޞިއްޙީ ޚިދުމަތާމެދު އޮތް ތަޞައްވުރަކީ އެންމެ ކުރިއަރާފައިވާ ދުނިޔޭގެ ޞިއްޙީ ޚިދުމަތާއި ދުޅަހެޔޮކަމުގެ މަންޒިލަކަށް އިންޑިޔާ ހެދުމެވެ. މީގެ ތެރޭގައި ޒަމާނީ މެޑިކަލް ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން، އެޤައުމުގެ މުއްސަނދި ޒަމާންވީ ބޭސްވެރިކަމުގެ އާދަކާދަތައްވެސް ދަނީ ހިމަނަމުންނެވެ. މިކަމަށް ވާސިލްވުމަށް ޖީޑީޕީގެ %2.5 ކަނޑައަޅައި އެ ދަނީ މަސައްކަތް ކުރަމުންނެވެ.

ނިންމުން: ދުނިޔޭގެ ޞިއްޙަތަށް އައު އިންގިލާބެއް

އިންޑިޔާގެ ޞިއްޙީ ޚިދުމަތުގެ އިންޤިލާބުން ދުނިޔެއަށް ނަމޫނާއެއް ފެނިގެން ދާނެއެވެ. އިންޑިޔާ ދުނިޔެއަށް ދައްކައި ދެނީ ފެންވަރު މަތި، ޒަމާނީ ޞިއްޙީ ޚިދުމަތް ކޮންމެހެން އަގުބޮޑުވާކަށް ނުޖެހޭކަމެވެ. އަގުހެޔޮކަމާއި އީޖާދުތަކާއި ހަލުވި ކޮށް ޚިދުމަތް ދިނުމަކީ، މުޅި ދުނިޔޭގެ ޞިއްޙަތަށް އިންޑިޔާއިން ދައްކާ ނަމޫނާއެކެވެ. ހާއްސަކޮށް އާންމު ފަރުވާ އަގޮބޮޑުވެގެން، ފަރުވާ ނުލިބި ހުޅަނގުގައި މީހުން މަރުވަމުންދާ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭކަން ދައްކައިދޭ ދިރިހުރި މިސާލެކެވެ.