ޚަބަރު

އީވާއަށް މަޖިލީހުގެ ރިޔާސަތުގައި މިހާރު ނީނދެވޭނެ: ގާސިމު

ދިޔަވަރު
އީވާއަށް މަޖިލީހުގެ ރިޔާސަތުގައި މިހާރު ނީނދެވޭނެ: ގާސިމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިނގިލި ދާއިރާގެ ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ މިއަދު 11:00 އަށް އެޖެންޑާކޮށްފައިވާ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި މަޖިލީހުގައި ބައެއް މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވާ ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގައި މިއަދު ދެ ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އާއި މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދިއުމުގެ ޖަލްސާ އެވެ.

ނިޒާމީ މައްސަލަ ނަންގަވާ ގާސިމު ވަނީ މިހާރު ކުރިއަށް ދަނީ ކޮން ޖަލްސާއެއްތޯ ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް އެނގި އޮންނަ ގޮތުން މިހާރު ހުށަހެޅިގެން މިދަނީ އަމީންއާންމު އެޖެންޑާ ކުރައްވާފަ އޮތް މަޖިލީހުގެ ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ނެގުމުގެ މައްސަލަ،" ގާސިމު ވިދާޅުވި އެވެ.

އެ މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދެއްވާއިރު ދަ ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގައި ހަޅުތާލުކުރަމުންދާތީ އެކަމުން ރައްޔިތުންގެ މަސްލަހަތަށާއި ރައްޔިތުންގެ އަހުލާގަށް ބޮޑެތި ނިކަމެތި ކަމެއް ލިބޭ ކަމަށް ގާސިމު ވިދާޅުވި އެވެ.

"މަޖިލީހުގެ ނައިބު ރައީސަށް މިހާރު އެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުން ކުރިއަށް ނުގެންދެވޭނެ. އެކަމަކީ ކަމަނާއާ މަސްލަހަތު ފުށުއަރާ ކަމެއް،" ގާސިމު ވިދާޅުވި އެވެ. "ފައިބާ ވަޑައިގަންނަވާ. މަޖިލީހުގެ ނައިބު ރައީސަކަށް ތި މައްސަލަ ނުބެލެހެއްޓެވޭނެ." ގާސިމު އިތުރަށް ވިދާޅުވި އެވެ.