ޚަބަރު

އިންޑިޔާއަށް އާޑަ ފުރައްސާރަ ކުރާއިރު ސަލަފުގެ އިސްވެރިން ބޭހަށް، ޗުއްޓީއަށް އެންމެ ގިނައިން ދަނީ އިންޑިޔާއަށް

ދިޔަވަރު
އިންޑިޔާއަށް އާޑަ ފުރައްސާރަ ކުރާއިރު ސަލަފުގެ އިސްވެރިން ބޭހަށް، ޗުއްޓީއަށް އެންމެ ގިނައިން ދަނީ އިންޑިޔާއަށް

މިއަދު އިންޑިޔާގެ ބޮޑުވަޒީރަށް ސަލަފުގެ ރައީސް، ޓްވީޓްކޮށް ދޮގު ހަދައިގެން އެއްޗެހި ކިޔާފައިވަނީ ރާއްޖެއިން ބޭރު ޤައުމުތަކާއި އެގައުމުތަކުގައި އުޅޭ އިންސާނުންނާއި މެދު ދެކޮޅުވެރި ވިސްނުން ގެންގުޅޭ ރާއްޖޭގެ މަދު ބައެއްގެ ތާޢީދު ހޯދުމަށެވެ. އިންޑިޔާގެ ބޮޑު ވަޒީރު މޯދީއަށް ތުހުމަތު ކޮށް، އަބްދުﷲ ބިން ޖަނާބު ދައްކާފައި ހުރި ވާހަކައަކީ އެއްވެސް އަސްލެއް ނެތް، ދޮގު ވާހަކަ ތަކެކެވެ. އިންޑިޔާގެ ބޮޑުވަޒީރަށް ތުހުމަތު ކޮށްފައިވާ އެކަންކަން އެފަދަ ތުހުމަތެއް ކުރުމުގެ ކުރިން، ޙަޤީގަތް ދެނަގަތުމުގެ ބަދަލުގައި ޕާކިސްތާނު ފަދަ ބައެއް ޤައުމުތަކުން އުފައްދާފައިވާ ޕްރޮޕަގެންޑާތައް، ޤައުމުތަކުގެ ވެރިންނާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދީނީ އިލްމުވެރިން ބޭނުން ކުރުމަކީ އެމީހުންގެ އިތުބާރު ރައްޔިތުންނާއި މެދު ގެއްލިގެންދާ ކަމެކެވެ.

ސަލަފުގެ ރައީސް ޖަނާބަކީ ސާޖިދާގެ ބޭބެއެކެވެ. މިހާރު ސަލަފުގެ ރައީސް ޖަނާބު ވަނީ އެ ޓްވީޓް ޑިލީޓް ކޮށްފައެވެ. ޙަޤީގަތް ވިސްނިގެން ކަމެއް، ސާޖިދާ އޭނާއަށް ކުރިމަތި ކުރުވި ހާލަތުގެ މަޖުބޫރު ކަމަކުން ކަމެއް ނޭނގެއެވެ. ނަމަވެސް މުސްލިމު އިލްމު ވެރިންނަކީ ނަފްރަތު ފަތުރައި ރާއްޖޭގެ އެތައް ލައްކަ ރައްޔިތުންނަށް ދީލަތި އެހީތެރިވަމުންދާ ޤައުމަކާއި މެދު ދެކޮޅުވެރިކަން އުފައްދަން ޖެހޭ ބައެއް ނޫނެވެ.

މިފަދަ ވާހަކަ ތަކުން ރައްޔިތުންގެ ނަފްރަތު ބޭރުގެ ޤައުމުތަކުގެ ވެރިންނާއި މެދު އުފެއްދުމަށްފަހު، އެ ފަދަ ފިކުރު ހުންނަ ފަރާތްތަކުގެ ތާޢީދު ހޯދުމަށް މަސައްކަތް ކުރުމަށްފަހު، ސަލަފުގެ އިސްވެރިން ބޭސް ފަރުވާއަށް ޖެހުނަސް، ޗުއްޓީ ކޮށްލަން ބޭނުންވިއަސް އެންމެ ގިނައިން މިދަނީ އިންޑިޔާއަށެވެ.

ސަލަފުގެ އިސްވެރިން، ބޭސް ފަރުވާ އަށް ވެސް ޗުއްޓީއަށްވެސް އިންޑިޔާއަށް، ތައިލެންޑަށް ނުގޮސް އުޅެންވީ ނޫންތޯއެވެ. އިންޑިޔާގައި 205 މިލިއަން މުސްލިމުން ދިރިއުޅެއެވެ. މިއީ އިންޑިޔާގެ އާބާދީގެ %14 އެވެ. ދުނިޔޭގައި 3 ވަނައަށް އެންމެ ގިނައިން މުސްލިމުން އުޅޭ ޤައުމަކީ އިންޑިޔާއެވެ. އިންޑިޔާއަކީ ދުނިޔޭގައި އުފެދިފައިވާ މުހިންމު އެތައް އިސްލާމީ އިލްމުވެރިން އެ ޤައުމަކަށް ނިސްބަތްވާ ޤައުމެވެ. ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި ތިބި މުސްލިމުން އުޅެންވީ ދުނިޔޭގައި 3 ވަނައަށް އެންމެ ގިނައިން މުސްލިމުން އުޅޭ ޤައުމާއި ދެކޮޅުވެރިވެ، އެ ޤައުމާއި ދެކޮޅަށް ތެދުވެ، ދޮގު ފަތުރައި ބަދުބަސް ބުނުމުގައިތޯއެވެ؟

ސަލަފުގެ ވެރިން ބޭސް ފަރުވާއަށް އިންޑިޔާއަށް ދާން ޖެހުމުން މައްސަލައަކަށް ނުވެ، ރާއްޖެ މިވަގުތު މިއޮތް ހާލަތުގައިވެސް ރާއްޖެއަށް ހަމައެކަނި އެހީތެރިކަން ފޯރުވަމުން އަންނަ ޤައުމާއި މެދު ދޮގު ހަދައިގެން ދީނީ އިލްމުވެރިންނަށް ވެ ތިބެ، ޕްރޮޕެގަންޑާ ފެތުރުމަކީ ސަލަފު ޖަމިއްޔާއިން ކުރަމުން އަންނަ ވަރަށް ދަށުދަރަޖައިގެ އަމަލެކެވެ.