މާލޭގެ ކައުންސިލަރު ސައިފް ފާތިހު މާލޭގެ މޭޔަރު އާދަމް އާޒިމްގެ މައްޗަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ. ސައިފް ތުހުމަތު ކުރައްވާ ގޮތުގައި، ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މާލޭގެ ބިންތައް ނުއަގުގައި ދޫކުރަމުން ގެންދިޔަ އުސޫލުން، އެމްޑީޕީގެ އާޒިމްވެސް އެކަން ކުރައްވަމުން ގެންދަވަނީ އެވެ.
ސައިފް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވަނީ މާލޭ ރައްޔިތުންގެ މިލްކުވެރިކަމުގައި ހުރި ބިންތައް، ރައްޔިތުންނަށް މަންފާވާ ގޮތުގައި ބޭނުން ކުރަންޖެހޭނެ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އަގުތަކުގެ މަޢުލޫމާތު ހިއްސާކުރަން އެދިވަޑައިގެންފައިވާއިރު، މީގެ ކުރިންވެސް މި މަޢުލޫމާތު ހޯދަން އެދުނު ކަމަށާއި ނަމަވެސް، އެ މައުލޫމާތު ނުދޭ ކަމަށްވެސް ވިދާޅުވި އެވެ.
ސައިފްގެ އިލްޒާމުތަކުގައި، ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު މާލޭގެ ބިންތައް ކުޑަ ކޮމިޓީއަކުން ދޫކުރި ކަމަށާއި، މިފަދަ ކަންކަން ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ނިންމަންޖެހޭނެ ކަމަށްވެސް ސައިފް ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަ ކުރިން އޭސީސީއާއި އެލްޖީއޭއާއި މަޖިލީހަށް ހުށަހެޅި ނަމަވެސް، ފިޔަވަޅެއް އެޅިފައިނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ޖޫން 2023 ގައި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ ބިންތައް ދޫކުރަންޖެހޭނީ ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްގެން ކަމަށް," ސައިފް ވިދާޅުވި އެވެ. "އެކަމަކު އެ ހުށަހެޅުމަށް ބަލާލުމެއް ނެތި ނުއަގުގައި މާލޭގެ ބިންތައް މޭޔަރު އާޒިމް ދިގު މުއްދަތަކަށް ދޫކުރައްވަމުން ގެންދަވާ."
ސައިފްގެ ތުހުމަތުތަކަށް ރައްދުދެއްވަމުން، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާޒިމް ވިދާޅުވީ ބިންތަކުގެ މައުލޫމާތު އެކުލަވާލަމުން ގެންދާ ކަމަށެވެ. ނަމަވެސް މިއީ ބުއްދި ހަމަ ޖެހޭ ވާހަކައެއް ނޫނެވެ. އާޒިމް ހަދާފައި ސޮއެ ކޮށްފައިވާ އެއްބަސްވުންތަކުގެ ލިސްޓެއް ހަދަން އެއް ގަޑި އިރުވެސް ނުނަގާނެއެވެ. މިކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނެ، އާދަމް އާޒިމް ކުރަމުން ގެންދާ ކަމަކީ ކޮށްފައިވާ ބޮޑެތި ވައްކަންތައް ފޮރުވުން ކަމަށް ސައިފް ތުހުމަތު ކުރައެވެ. ނުއަގުގައި މާލޭގެ ބިމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކުއްޔަށް ދިނުމަކީ ކަނޑައެޅިގެން ކޮރަޕްޝަނުގެ ތެރެއިން ހިންގާ ވައްކަމެކެވެ.
އާދަން އާޒިމް ރާއްޖޭގެ ރައީސްކަން ބޭނުންވެގެން މުއިއްޒު ހިނގި މަގުން ވައްކަންކޮށްގެން، އެމްޑީޕީގެ އެތައް ބަޔަކު "ކޮންސަލްޓަންޓުން"ނަށް ހަދައި އެތައް ބަޔަކަށް ރިޝްވަތު ދީގެން, އެމްޑީޕީ މެދުވެރިކޮށް ވެރިކަމަށް އަންނަން ކުރާ މަސައްކަތަކީ އެމްޑީޕީގެ ފަލްސަފާއާއި މުޅިން ދުރު، އެމްޑީޕީ ފިކުރާއި ދެކޮޅަށް އޭނާ ހިންގާ ޖަރީމާއެކެވެ. މިއީ އެމްޑީޕީގެ އާންމު މެމްބަރުން ގަބޫލު ކުރާ ހަމަތަކެއް ނޫނެވެ.
މީގެ އިތުރުން އާޒިމް ދަނީ ކައުންސިލުން ބިންތައް ދޫކޮށްފައިވަނީ ސައިފްގެ ވޯޓާ އެކުގައި ކަމަށް ބުނެ ދޮގު ހަދަމުންނެވެ. ސައިފް މިކަން ދޮގުކުރައްވައި ވިދާޅުވީ، ނުއަގުގައި ބިންތައް ދޫކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައިނުވާނެ ކަމަށެވެ. ސައިފް ވޯޓް ދިނުމާއި ނުދިނުމަކީ އެއްވެސް މީހަކު ރައްޔިތުންގެ މުދަލުން ވައްކަން ކުރަން ޖެހޭ ކަމެއް ނޫނެވެ.