ޚަބަރު

ގައުމަށް ހިދުމަތް ކުރުމަށް ހަވާލުވި އިރު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފަ: ރައީސް ސޯލިހް

ދިޔަވަރު
ގައުމަށް ހިދުމަތް ކުރުމަށް ހަވާލުވި އިރު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފަ: ރައީސް ސޯލިހް

މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމުގެ މަސްލަހަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހާޒިރީ ހިދުމަތުގެ ދާއިރާގައި މަސައްކަތް ކުރެއްވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ ދާއިރާގެ އެންމެ މަތީ ޝަރަފު އެރުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތު ބައްޓަންކުރެއްވީ ދިވެހިރާއްޖޭގެ މަސްލަހަތު އިސްކޮށް ކަމަށެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިފަހައްޓާ ހިމާޔަތްކުރުމަށް," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތް އިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މައިދާނުގައި ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު އޮތް ގުޅުން ހީނަރުވެ، އިސްލާމީ ބައެއް ގައުމުތަކާ މެދު އޮތް ގުޅުން ކެނޑިފައި އޮތްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ސަރުކާރުގައި އެ ގުޅުންތައް އަލުން ގާއިމްކޮށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ގައުމަށް ހިދުމަތް ކުރުމަށް ހަވާލުވި އިރު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފަ. ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު އޮތް ގުޅުން އޮތީ ހީނަރުވެފައި. ބައެއް އިސްލާމީ ގައުމުތަކާ ރާއްޖެއާ ދެމެދު އޮތީ ގުޅުން ކެނޑިފައި" ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ދެބޭފުޅަކަށް އެރުވި އެވެ. އެއީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަލީލު އާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފު އެވެ.