ޖުލައި 26 އަކީ ރާއްޖޭގެ މިނިވަން ދުވަހެވެ. ރާއްޖެ އިނގިރޭސިންގެ އަތުން މިނިވަންވި ދުވަހެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ދިވެހިން މިނިވަންވި ދުވަހު އެހެން ޤައުމެއްގެ ދިދައިން މާލޭގެ މަގުތައް ފުރާލި ހަމައެކަނި ދުވަހެވެ. މިއަދު ފެނިގެން މިދަނީ އިއްޔެ މިއަދުގެ ސަރުކާރުގައި ތިބި ފަރާތްތައް އިންޑިޔާ އައުޓު ކިޔައި ދެއްކި ވާހަކަތައް ދެއްކުނީ ގޯހުން ކަން އެމީހުން ހިތުގެ އަޑިން ޤަބޫލު ކުރާ މިންވަރެވެ. މިއަދު ފެނިގެން މިދަނީ ރައީސް މުއިއްޒު ޚާރިޖީ ސިޔާސަތުގައި ހެދި ގޯސް ރަނގަޅު ކުރަން މާފަށް އެދޭ މަންޒަރެވެ. ދޮގު ހަދާ ރައްޔިތުންނަށް އޭރު އޮޅުވާލި ކަމަށް އެއްބަސްވާ މިންވަރެވެ.
އަވަށްޓެރި ޤައުމަކާއި މުއިއްޒު ޖެހިގަތް ގޮތަކީ މުޅި ބައިނަލްއަގްވާމީ ދުނިޔެ ސިއްސުވާލި ކަމެކެވެ. އެއްވެސް ކަމެއް، އެއްވެސް ޑިޕްލޮމެޓިކް މައްސަލައެއް ނެތި، މުއިއްޒު އާއި، ޕީޕީއެމްއިން އުފެއްދި ދޮގު ވާހަކަތައް ދެމެހެއްޓުމަށް ވެރިކަމަށް އައިސް އިންޑިޔާއާއި ޖެހިގަނެގެން މުއިއްޒު ވިސްނީ ޗައިިނާއިން މުއިއްޒަށް އެހީތެރިކަން ފޯރުކޮށް ދޭނެކަމެކެވެ.
މުއިއްޒުގެ ގަނބުކަން ހުރި މިންވަރަކީ، ޕީޕީއެމްއިން އަވަށްޓެރި ޤައުމަކާއި ދެކޮޅަށް އުފެއްދި ދިރިހުރި ފިތުނައެއް އެއީ މުއިއްޒަށް އޭގެ ހުޅުގަނޑު ނިއްވާލެވޭނެ އެއްޗެއް ނޫންކަމާއި އެކަމުގައި ބާރު އޮތީ ރާއްޖޭގައި ހުރި ހައްދުފަހަނައެޅި އަޒާން ފަދަ މީހުންގެ އަތްމަތީގައި ކަން ޗައިނާއަށް އެނގޭ ކަން ނޭނގުނުކަމެވެ. މުއިއްޒު ކަހަލަ އެއްވެސް ޚަރުދަނާ ކަމެއް ނެތް، ހަމަ އެއް ލަމައެއް ނެތް ޗައިނާގެ އެތައް ވިޔަފާރިއަކުން ފައިސާ ނަގައިގެން ވައްކަންކޮށްގެން މުއްސަނދިވެފައި ހުރި ބޮޑު ވަގަކަށް މާލީ އެހީތެރިކަން ދިނުމަށް ފައިސާ ދިނުމަކީ ބޭކާރު ކަމެއް ކަމަށް ޗައިނާއިން ދެކުނެވެ.
ޗައިނާއިން މާލީ އެހީތެރިކަން ނުދިނުމުން، މުއިއްޒަށް މަޖުބޫރުވީ އިންޑިޔާ ކައިރިއަށް ދިޔުމަށެވެ. ޔޫޓާރން އެއް ނެގުމެވެ. ޗައިނާއާއި ޚިލާފަށް އިންޑިޔާއިން އަވަށްޓެރި ޤައުމެއް ބަނގުރޫޓު ވެގެން ދާތަން ބަލަން ތިބޭކަށް ބޭނުމެއް ނުވެއެވެ. އެކަމުން އިންޑިޔާއަށްވެސް، ރާއްޖެއަށް ވެސް ވާނެ ފައިދާއެއް ނެތެވެ. އޭގެ ގެއްލުން ވާނީ މުއިއްޒަށް ވުރެ ބޮޑަށް އާންމު ރައްޔިތުންނަށް ކަން އިންޑިޔާއިން ދެނެގަނެ، ރާއްޖެއަށް އެހީތެރިވަމުން އިންޑިޔާއިން ދާދިޔުމަކީ ދިވެހި ރައްޔިތުން އިންޑިޔާއަށް ޝުކުރުވެރިވާ ކަމެކެވެ. އަދި ރާއްޖެ މިހާލަތަށް ދާން ޖެހުނު މުއިއްޒު އާއި މެދު މުޅި ދިވެހި ޤައުމު އޮތީ މާޔޫސްވެ، ފޫހިވެ، މިވަގުތުވެސް ވެރިކަން ބަދަލުވާން އެދި އެދިއެވެ.