ޚަބަރު

”އިންޑިއާ އައުޓް“ ކެމްޕޭނަކީ ހެދި ބުހުތާނު ދޮގެއް! ތިމާމެން ހެދިހާ ދޮގާއި މަކަރު އަމިއްލަ އަތުން ފަޟީހަތް ވުމަކީ އަންނާން އޮތް ޖީލުތަކަށް ބޮޑު އިބުރަތެއް!

ދިޔަވަރު
”އިންޑިއާ އައުޓް“ ކެމްޕޭނަކީ ހެދި ބުހުތާނު ދޮގެއް! ތިމާމެން ހެދިހާ ދޮގާއި މަކަރު އަމިއްލަ އަތުން ފަޟީހަތް ވުމަކީ އަންނާން އޮތް ޖީލުތަކަށް ބޮޑު އިބުރަތެއް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ”އިންޑިއާ އައުޓު“ މި ޝިއާރު ވިއްކަވައިގެންނެވެ. ދެއްކެވިހާވެސް ވާހަކައަކީ ރައީސް ސާލިހު ރާއްޖޭގެ މިނިވަންކަން ގުރުބާންކޮށް, ގައުމު އަޅުވެތި ކޮށްފިކަމުގެ ވާހަކަތަކެވެ.

އެގޮތުން, ރައީސް ސާލިހުގެ ވެރިކަމުގައި, ސަރުކާރާ ޚިޔާލު ތަފާތުކޮށް ތިބި އެތައް ރައްޔިތުންނެއްގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ވިއްކެވި އެޖެންޑާއަކީ ”ގައުމިއްޔަތު“ އެޖެންޑާއެވެ. ބޭރުގައުމުތަކާ އެކީ ސިއްރު އެއްބަސްވުންތައް އެކުލަވާނުލާނެ ކަަމަށާއި, ގައުމުގެ މިނިވަންކަން ”ވިއްކާލުމަށް“ ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކޮށް, ގައުމުގެ މިނިވަންކަމާއި ކަރާމާތް އިއާދަ ކުރާނެ ކަމުގެ ވާހަކަތަކެވެ.

މިގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ, އޭރުގެ ސަރުކާރުން އިންޑިއާއެކު ގާއިމްކުރި އުތުރު ތިލަފަޅު އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމަކީ 2016ވަނަ އަހަރު, ރައީސް ޔާމިންގެ ސަރުކާރުގައި އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކުވި އެއްބަސް ވުމެއްކަމަށެވެ.

އެގޮތުން, އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރައީސް ސާލިހުގެ ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އެހެންނަމަވެސް, ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުންތަކާއި, އަދި ދެކެވޭ ޑިޕްލޮމެޓިކް ވާހަކަތަކަކީވެސް ވަކި އުސޫލަކުން މެނުވީ އާންމު ކުރެވެން ހުންނަ ލިޔެކިޔުންތަކަށް ވާތީ ރައީސް ސާލިހުގެ ސަރުކާރުން އެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް އާންމުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު, ރައީސް ސާލިހުގެ ސަރުކާރުން އޭރު ދިން ޔަގީން ކަމަކީ, އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް ނާރާނެކަމުގެ ޔަގީންކަމެވެ.

އެހެންނަމަވެސް, އެ ހަގީގަތަކީ, ނުވަތަ އެ ވާހަކަތަކަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަވި, ނުވަތަ ގަބޫލުކުރަން ބޭނުންވި ވާހަކަ ތަކަކަށް ނުވިއެވެ. ބޭނުންވީ އުތުރު ތިލަފަޅު އެއްބަސްވުން ސިޔާސީ ކޮށްލާ, ގައުމުގެ މިނިވަންކަން ވިއްކާލުމުގެ ޓެގް އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އަޅުވާށެވެ.

އަދި އުތުރު ތިލަފަޅުގައި ”ރޯހިތު“ ހުރިކަމަށް ބުނެ, ރޯހިތު ހޯދުމަށް ޕީޕީއެމްގެ އިސް އެކްޓިވިސްޓުންތަކެއް ލޯނޗު ފަހަރުގައި, އެމްއެންޑީއެފްގެ ހުއްދަވެސް ހޯދުމަކާ ނުލާ އެތަނަށް ގޮސްފައިވެސް ވެއެވެ.

އެ އެޖެންޑާގެ އެންމެ ކުރީގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލާފައިވާކަމަށް އަޑު އުފުލަމުން, ޑރ. މުއިއްޒު, ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވީ, ވެރިކަމުގެ ހުވާ ކުރެއްވުމާއެކު, އުތުރު ތިލަފޅުގެ އެއްބަސްވުން ހާމަކޮށް, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލުމަށް އިންޑިއާއާއެކު ހެދި ”ޑީލްތައް“ އާންމު ރައްޔިތުންނަށް ތިކޮށްދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިތާ 18 މަސްދުވަސް ވެގެން ދަނީއެވެ. ވެރިކަމުގެ ފުރަތަ ދުވަހުވެސް އާންމު ކުރައްވާނެކަމަށް ވައުދުވި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކޮށްފައި ނުވާތާގަ, އެ އެއްބަސްވުމުގެ ވާހަކަވެސް ރައީސް މުއިއްޒު މިއަދު ނުދައްކަވައެވެ. ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކަވާލެވި ގޮތެއް, އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމުގެ މިނިވަންކަން ގުރުބާންވެގެން ދިޔަގޮތުގެ ވާހަކައެއް މިއަދަކު ނުދައްކަވައެވެ.

"އިންޑިއާ އައުޓު" ރައީސް "ރޯހިތު" ގައިގައި ބައްދައިގަންނަން ޖެހުނީ ނޫން ގޮތަކަށް!

އެއާއެކު, މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދޫ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އިންޑިއާގެ ނުސްތަކުން މޯދީގެ މި ދަތުރު ވަރަށް ބޮޑަށް ކަވަރު ކޮށްފައި ވެއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ މުއިއްޒުއަށް މިއަދު އެނޫން ގޮތެއް ނެތްކަމުގައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, އިންޑިއާގެ އެހީތެރިކަން ހޯދުން ނޫންގޮތެއް މުއިއްޒުއަށް ނެތްކަމުގައެވެ. އިންޑީއާއައި ޖެހިގަނެގެން މުއިއްޒުއަށް ކުރިމަގެއް މަގެއް ނެތްކަމުގައެވެ.

މިހަގީގަތް މިއަދު ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެން, ހުޅުލޭ އެއަރޕޯޓަށް ފައިބައި ވަޑައިގެންނެވި މަންޒަރުތަކުންވެސް ވަރަށްބޮޑަށް ސާފު ވެގެން ދިޔައެވެ. ބޮޑުވަޒީރު މޯދީއަށް އެއަރޕޯޓުގައި މަރުހަބާ ދެންނެވުމަށް އެންމެ ކުރީ ސަފަށް ނުކުމެވަޑައިގެން މުއިއްޒު ހުންނެވިއެވެ. އަދި މޯދީވަނީ މުއިއްޒުއާއި ސަލާމް ކުރެއްވުމަށްފަހު އަމިއްލައަށް އިސްނަގާ މުއިއްޒުގެ ގައިގައި ބައްދަވާލައްވާފައެވެ. އެހެންނަމަވެސް, މުއިއްޒު މީޑިއާތަކަށް ދެއްކެވި މަންޒަރަކީ, ހިތާނުވާ މީހަކާ އިންނަން މަޖުބޫރުވެފައި ހުރި މީހެއްގެ މިސާލެވެ. ހިތާނުވާ މީހަކާއެކީ އެއްދާން ކުރުން ނޫންގޮތެއް ނެތިފައި ހުރި މީހެއްގެ މިސާލެވެ. ސަލާމް ގަލާމް ކުުރުމަށް ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތު ގަބޫލުކުރަން މުއިއްޒުގެ ނަފްސަށް ހަޖަމްނުވިކަން މުއިއްޒު ބޮޑުވަޒީރު މޯދީ ބައްދަވާލެއްވި މައްޒަރުތަކުން ސާފުވެގެން ދިޔައެވެ.

އެހެންނަމަވެސް މިއަދު މާ ސާފުކޮށް ހާމަވާން އޮތް ހަގީގަތަކީ, މުއިއްޒުއަށް އިންޑިއާއާ ނުލާ "ސަވައިވް ވާން" ނެތްކަމެވެ. އިންޑިއާގެ އިގްތިސާދީ އެހީތެރިކަމަށް މުއިއްޒު ހުންނެވީ ލޮލުން ބޮލުން އެދިގެންނެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފުރަމާން ދަތުރުފުޅު އެންމެ ފުރަތަމަ ޗައިނާއަށް ކުރެއްވުމަށްފަހު, ޗައިނާގެ އެހީތެރިކަން ހޯއްދެވުމުގެ އެދުމުގައި މުއިއްޒުވަނީ އިންޑިއާއަކީ ބުލީކުރާ ގައުމެއްގެ ގޮތުގައި ސިފަވެސް ކޮށްފައެވެ. އޭގެ ދޮޅު އަހަރެއްހާ ދުވަސްފަހުން މިއަދު މުއިއްއަށް މިވަނީ އިންޑިއާގެ ފައިބުޑަށް ތިރިވާން މަޖުބޫރު ވެފައެވެ.

އިންޑިއާ ބާކީ ކޮށްލެވިދާނެކަމަށް ހީކޮށް ހިޔަންޏަށް މުޑި ނެގުން

އިންޑިއާ ބާކީ ކޮށްލެވިދާނެކަމަށް ފާއިތުވެދިޔަ ތަނުގައި މުއިއްޒުއަށް ހީވިނަމަވެސް, މިއަދު މުއިއްޒުއަށް މިވަނީ ހަގީގަތާ ކުރިމަތިލައްވަން ޖެހިފައިވަޑައިގެންފައެވެ. ވެރިކަމަށް ވަޑައިގެންނެވުމާއެކު އިންޑިއާއަށް ގޮންޖަހާ, އިންޑިއާއަކީ ބުލީކުރާ ގައުމެއްކަމަށް ވިދާޅުވި މުއިއްޒުއަށް މިއަދު މަޖުބޫރުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުރުނީސްކޮށް ސަނާ ކިޔުއްވަން މަޖުބޫރު ވެފައެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އިންޑިއާއި ދިމާކޮށް, މުއިއްޒުގެ ސިޔާސީ އެކްޓިވިސްޓުން މެދުވެރިކޮށް އިންޑިއާއާއި ދިމާކޮށް ގަދަކަން ދެއްކުމަށް މުއިއްޒު މަސައްކަތް ކޮށްފައި ވެއެވެ. އެއާއެކު އިންޑިއާއާއި ރާއްޖޭގެ ގުޅުން އެއްވެސް ޒަމާނެއްގައި ގޯސްވެގެން ގޮސްފައިނުވާ މިންވަރަށް ގޯސްވެގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް މުއިއްޒުއަށް ހޭވެރިކަމެއްވެ, ވާނުވާ އެގެންފެށި އިރު މިއަދު މިއަދު މިއޮތީ ދައުރު ދެބައިވުމާއި ހަމައަށް ދަތުރު ކޮށްފައެވެ. މުއިއްޒު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ދޯދިޔާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވި ރައީސްގެ ގޮތުގައެވެ.

ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހައްދަވާފައިވަނީ ރޯ ބުހުތާނު ދޮގުތައް ކަމެވެ. ވެރިކަމަށް ވަޑައިގެންނެވީ މަކަރާއި ހީލަތުންނެވެ. ހެއްދެވީ ހުސް ”ރޯ ބުހުތާނު“ ދޮގެވެ.