ސިޔާސީ

ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިޔާއިން ރާއްޖޭގެ ތަރައްޤީއަށް މިހާތަނަށް ވެފައިވާ އެހީތައް

ދިޔަވަރު
ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިޔާއިން ރާއްޖޭގެ ތަރައްޤީއަށް މިހާތަނަށް ވެފައިވާ އެހީތައް

ރައީސް މުޙައްމަދު މުއިއްޒު 2023 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވުމަށްފަހު، އިންޑިޔާ-ދިވެހިރާއްޖެ ގުޅުން އިތުރަށް ގޯސްވެ، މުއިއްޒުގެ ސަބަބުން ދުނިޔޭގެ ކުރިމަތީ ރާއްޖޭގެ އަގު ވެއްޓިފައިވަނިކޮށް، އެ ގުޅުން ބަދަހި ކުރުމަށް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. މިއަދު އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވަނީ ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންފައެވެ. ރައީސް މުއިއްޒުގެ ކިބައިން ވެރިއެއްގެ ފަރާތުން އެހެން ޤައުމަކާއި މެދު ފެންނަން ނުޖެހޭ އެތައް ސިފައެއް ފެނުނު އިރު، އިންޑިޔާއިން އިސް ކުރީ ސުލްހަ އާއި ޑިޕްލޮމަސީއެވެ. މުއިއްޒުގެ ސަރުކާރުގައިވެސް، އިންޑިޔާއިން ދަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކަކަށް ޚަރަދު ކުރަމުންނެވެ.

މި ލިޔުމުގައި އަޅުގަނޑުމެން އަލިއަޅުވާލާނީ 2023 ނޮވެމްބަރުން ފެށިގެން އިންޑިޔާއިން ރާއްޖޭގެ އިޤްތިޞާދީ، މާލީ އަދި ތަރައްޤީގެ ރޮނގުން ވެދެއްވާފައިވާ އެހީތަކުގެ މައްޗަށެވެ.

މާލީ އެހީ

ޓީ-ބިލް ރޯލްއޯވަރ އެހީ

2024 ސެޕްޓެމްބަރުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ރާއްޖޭގެ ސަރުކާރުގެ 100 މިލިއަން އެމެރިކާ ޑޮލަރުގެ ޓީ-ބިލްތަކަށް އިތުރު އަހަރަކަށް އިންޓަރެސްޓް ނުލައި (ހިލޭ) ސަބްސްކްރައިބް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މިއީ ރާއްޖޭގެ ސަރުކާރުގެ ބަޖެޓަށް ސީދާ އެހީތެރިކަމެއް ފޯރުކޮށްދިން ވަރަށް މުހިންމު ފިޔަވަޅެކެވެ. 100 މިލިއަން ޑޮލަރު ދައްކަން ނުޖެހުމުން، ރާއްޖެއަށް ދިމާވެފައިވާ މާލީ ބޭނުންތަކަށް އެ ފައިސާ ޚަރަދު ކުރުމަށް ފުރުޞަތު މުއިއްޒަށް ލިބިގެން ދިޔައެވެ.

ކަރަންސީ ސްވޮޕް ފެސިލިޓީ

2024 އޮކްޓޯބަރުގައި ރައީސް މުއިއްޒުގެ އިންޑިޔާއަށް ކުރެއްވި ދަތުރުގައި، އިންޑިޔާއިން ރާއްޖެއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހުޅުވައިދިނެވެ. މި އެއްބަސްވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނެވެ. ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ރާއްޖޭގެ ފައިސާ މާރުކޭޓުގައި ލިކުއިޑިޓީ ދެމެހެއްޓުމަށާއި އިމަޖެންސީ ހާލަތްތަކުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރާ ވަސީލަތެއް ގޮތުގައި ހަމަޖައްސައިދިން ފެސިލިޓީއެކެވެ. ރާއްޖޭގައި ޑޮލަރުގެ ހާލަތު މާބޮޑަށް ދަށްވެ، ޤައުމު ބަނގުރޫޓުވާން ފަށައިފިނަމަ، މި ފައިސާ އެމެޖެންސީގައި ބޭނުން ކުރަން ވަނީ ރާއްޖޭގައި ބޭންކު ކޮށްފައެވެ.

އަސާސީ ތަކެތީގެ އެކްސްޕޯޓް ކޯޓާ

2025 އޭޕްރިލްގައި، 1981 ގެ ވިޔަފާރި އެއްބަސްވުމުގެ ދަށުން، އިންޑިޔާއިން ވަނީ 2025-26 އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތީގެ އެކްސްޕޯޓް ކޯޓާ އިތުރުކޮށްދީފައެވެ. މިއީ މި އެއްބަސްވުން ފެށުނީއްސުރެ މިހާތަނަށް ހުއްދަކުރެވުނު އެންމެ ބޮޑު ކޯޓާއެވެ. މީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ތަކެތި ފަސޭހައިން ލިބުމަށާއި ވިޔަފާރިއަށް ލުޔެއް ލިބިގެން ދާނެއެވެ. ދުނިޔޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގު ބޮޑުވެފައިވަނިކޮށް އިންޑިޔާއިން މި އެހީ ރާއްޖެއަށް ފޯރުކޮށް ނުދިންނަމަ، ބައެއް އަސާސީ ތަކެތި މިއަދު ރާއްޖޭގެ ބާޒާރުން ލިބޭނީ 5 ގުނަ ބޮޑު ކޮށެވެ.

ދެ ޤައުމުގެ މެދުގައި އޮތް ވިޔަފާރި އަށް ކުރިއެރުން

ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ތައާރަފްކުރުން

2024 އޯގަސްޓް މަހު، ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ވަނީ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ރާއްޖޭގައި ތައާރަފްކުރުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގައި ސޮއިކުރައްވާފައެވެ. މި އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އިންޑިޔާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިޕީއެލް) އާއި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއާ ދެމެދުގައެވެ. މިއީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމްތައް ޑިޖިޓަލައިޒްކުރުމާއި ފަސޭހައިން ފައިސާ ޓްރާންސްފަރކުރުމަށް ބާރުއަޅާ މުހިންމު ވަސީލަތެކެވެ.

މި ވަސީލަތް ކިތަންމެ ފުރިހަމަ ވެފައި، މިކަމުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބެން އޮތް ނަމަވެސް، މިކަން މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ކަމުން އޮތީ އިތުރަށް ކުރިއަށް ނުގޮސް ހުއްޓިފައެވެ.

ދެ ޤައުމުގެ ވިޔަފާރީގެ ތަފާސްހިސާބު

2024 އަހަރު، ރާއްޖެއާއި އިންޑިޔާއާ ދެމެދުގެ ޖުމްލަ ވިޔަފާރި 517.78 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މީގެ ތެރެއިން 513.60 މިލިއަން ޑޮލަރަކީ އެކްސްޕޯޓްކަން އަދި 4.18 މިލިއަން ޑޮލަރަކީ އިމްޕޯޓްކަން ފާހަގަކުރެވެއެވެ.

2023 ވަނަ އަހަރު 548.97 މިލިއަން ޑޮލަރުގެ ވިޔަފާރި ދެ ޤައުމުގެ ދެމެދުގައި ހިނގާފައި ވަނިކޮށް، މިއަދަދު 2024 ގައި މަދުވެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރައްޔިތުންގެ މައްޗަށް ކުރިމަތިވެފައިވާ ފަގީރުކަމާއި، ނިކަމެތިކަން އިންތިހާއަށް އިތުރުވަމުން ދާތީއެވެ.

ތަރައްޤީގެ މަޝްރޫޢުތައް

ފެނާއި ނަރުދަމާގެ ނިޒާމް

2024 އޯގަސްޓްގައި، ޑރ. ޖައިޝަންކަރު ވަނީ އިންޑިޔާގެ ލައިން އޮފް ކްރެޑިޓްގެ އެހީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ޤާއިމްކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ސާފު ބޯފެން އަދި ނަރުދަމާގެ ފަސޭހަތައް ފޯރުކޮށްދޭ މުހިންމު މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތައް ފަށާފައިވަނީ އެމްޑީޕީ ސަރުކާރުގައެވެ. ރިބަން ކެނޑުމުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)

ހަމަ އެހެންމެ، 2024 އޯގަސްޓްގައި، އިންޑިޔާގެ ހިލޭ އެހީގެ ދަށުން ނަފްސާނީ ޞިއްޙަތު، ޚާއްޞަ ތަޢުލީމު، ސްޕީޗް ތެރަޕީ، އަދި މަގުބައްތި ޤާއިމްކުރުމާ ގުޅޭ 6 ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ފެށިގެން ދިޔައެވެ.

2025 ޖަނަވަރީގައި، އިތުރު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ 3 ވަނަ ފިޔަވަހީގެ ދަށުން އިންޑިޔާގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ސޮއިކުރެވުނެވެ.

2025 މޭ މަހު، ރާއްޖޭގެ ފެރީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ތިންވަނަ ފިޔަވަހީގެ ދަށުން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއްގެ ދަށުން 13 މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގައި ސޮއިކުރެވުނެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައް

2024 އޯގަސްޓްގައި، ޑރ. ޖައިޝަންކަރު ވަނީ އައްޑޫގެ ބިންހިއްކުމާއި އަދި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫޢު އަދި އައްޑޫ ޑީޓުއަރ ލިންކް ބްރިޖް މަޝްރޫޢު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މި ދެ މަޝްރޫޢަކީވެސް ރާއްޖޭގެ ދެކުނުގެ ތަރައްޤީއަށް ވަރަށް މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކަކީ އެމްޑީޕީ އިން ފަށާފައިވާ މަޝްރޫޢުތަކެވެ.

މިފްކޯގެ ތަރައްޤީގެ މަޝްރޫޢު

2025 ފެބްރުއަރީގައި، ގެމަނަފުށީގައި މިފްކޯ ފުޅާކުރުމުގެ މަޝްރޫޢު، ދުވާލަކަށް 50 ޓަނުގެ އައިސް ޕްލާންޓެއް އަދި 8-10 ޝިޕިންގ ކޮންޓެއިނަރަށް ޙާއްޞަ ލޭންޑިންގ ކްރާފްޓެއް ހިމެނޭގޮތަށް، ނިންމާ ޙަވާލުކުރެވުނެވެ. މި މަޝްރޫޢަކީ ދެކުނުގެ މަސްވެރިންނަށް ޚާއްޞަކޮށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫޢެކެވެ.

ޤާބިލްކަން އިތުރުކުރުމުގެ އެހީ

ސިވިލް ސަރވިސް ޓްރޭނިންގ

2024 އޯގަސްޓްގައި، އިންޑިޔާގައި އިތުރު 1,000 ދިވެހި ސިވިލް ސަރވަންޓުންގެ ޤާބިލުކަން އިތުރުކުރުމުގެ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގައި ސޮއިކުރެވުނެވެ. މިފަދަ ތަމްރީނުތަކަކީ ރާއްޖޭގެ ސިވިލް ސަރވިސްގެ ހިންގުންތެރިކަން އިތުރުކޮށް ސަރުކާރުގެ މުވައްޒަފުންގެ ފަންނީ ޤާބިލިއްޔަތު އިތުރުކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.

އިންޑިޔަން ޓެކްނިކަލް އަދި އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމް

2024-25 އަހަރަށް، ރާއްޖެއަށް ކަނޑައެޅިފައިވާ އިންޑިޔަން ޓެކްނިކަލް އަދި އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޓްރޭނިންގ ސްލޮޓްތައް 200 އިން 300 އަށް އިތުރުކުރެވުނެވެ. މި ޕްރޮގްރާމްތަކުގެ ދަށުން ދިވެހިންނަށް އިންޑިޔާގެ ބޮޑެތި އިންސްޓިޓިއުޝަންތަކާއި ޔުނިވަރސިޓީތަކުގައި ތަމްރީނުތަކާއި ކޯސްތައް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ.

ރާއްޖެއަށް ލިބުނު އެހެނިހެން އެހީ

ސަލާމަތީ އަދި ދިފާއީ ތަމްރީނުތައް

2024 ސެޕްޓެމްބަރުގައި، 5 ވަނަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގް (ޑީސީޑީ) އިންޑިޔާގައި ބޭއްވުނެވެ. މި މަޝްވަރާތައް ބޭއްވުނީ އެމްއެންޑީއެފްގެ ޗީފް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ އަދި އިންޑިޔާގެ ޑިފެންސް ސެކްރެޓަރީގެ ބައިވެރިވުމާއެކުގައެވެ.

2025 މޭ މަހު، ދެ ޤައުމުގެ މެދުގައި ފުރަތަމަ ބައިލެޓަރަލް ހިއުމެނިޓޭރިއަން އެސިސްޓަންސް އެންޑް ޑިޒާސްޓަރ ރިލީފް (އެޗްއޭޑީއާރް) އެކްސަސައިޒްއެއް ބޭއްވުނެވެ. މިއީ ދިވެހިރާއްޖެއަށް ދިމާވެދާނެ ކުއްލި ކާރިސާތަކަށް ތައްޔާރުވެ، އެފަދަ ހާލަތްތަކުގައި ޤައުމުގެ ޤާބިލުކަން ކުރިއެރުވުމަށް ބޭއްވުނު މުހިންމު ތަމްރީނެކެވެ.

ނިންމުން

ރައީސް މުއިއްޒުގެ ވެރިކަމުގައި އިންޑިޔާއިން ރާއްޖެއަށް ވެދެއްވާފައިވާ މާލީ، އިޤްތިޞާދީ އަދި ތަރައްޤީގެ އެހީތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުންތަކެކެވެ. ޚާއްޞަކޮށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަދި ޓީ-ބިލް ރޯލްއޯވަރގެ އެހީތަކަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފަހިކަމެއް ލިބިގެންދިޔަ ކަންކަމެވެ.

އަދި މީގެ އިތުރުން ކުރީ ސަރުކާރުން ފެށި ފެނާއި ނަރުދަމާގެ ނިޒާމު ކުރިއަށް ގެންދިޔުމަށް މެދުކެނޑުމެއް ނެތި އިންޑިޔާއިން އެހީތެރި ވުމަކީ ފާހަގަ ކޮށްލެވޭ މުހިންމު ކަންކަމެވެ.

އެކުވެރި އިންޑިޔާއާއި މުއިއްޒު ނުޖެހުނު ނަމަ، ތަރައްޤީގެ އެތައް ސަތޭކަ މަޝްރޫއެއް ފުށުނީސްކަން ކަށަވަރެވެ. ރައީސް މުއިއްޒުގެ ނުބައިކަމާއި، ނާގާބިލު ކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން ދުވަހަކުވެސް މި ޤައުމުން ފިލާ ނުދާނެއެވެ.