ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ބޭއްވި އަގުބޮޑު ޑްރޯން ޝޯގައި ރައީސް މުއިއްޒުއާއި އަނބިކަބަލުން ސާޖިދާގެ މޫނު ދައްކާ ގޮތަށް ހަމަޖެހިފައިވި ނަމަވެސް, މުއިއްޒުއާއި ސާޖިދާގެ މޫނު ޑްރޯން ޝޯގައި ދައްކާ ނުލެވުނީ ޝޯ ފުރިހަމަ ނުވަނީސް ބޭނުންކުރި ގިނަ ޑްރޯންތައް ކޮންޓްރޯލުން ނެއްޓި, ޝޯ މެދު ކަނޑާލަން ޖެހިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި 6.5 ޚަރަދު ކޮށްގެން ބޭއްވި ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ކޮންޓްރޯލުން ނެއްޓި ވަނީ މޫދަށް ވެއްޓިއްފައެވެ. އެމްއޭސީއެލްގެ ބައެއް މުވައްޒަފުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޝޯ ނުނިމެނީސް ޑްރޯންތައް ވަނީ ގެއްލިފައެވެ. އެނގިފައިވާ ގޮތުގައި ޝޯގައި ބޭނުންކުރި ގިނަ ޝްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން މުޅި ޝޯ ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އަދި ޑްރޯން ޝޯގައި މުއިއްޒުއާއި ސާޖިދާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވި ނަމަވެސް, ދެމަފިރިންގެ މޫނު ލޭޒަރ ޝޯގައި ދައްކާ ނުލެވުނީ ޝޯގެ މެދަކާ ހިސާބުން ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލިގެން ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި, ބައެއް ޑްރޯންތައް ކޮންޓްރޯލް ގެއްލި މޫދަށް ވެއްޓެމުން ދާ މަންޒަރު ވީޑިއޯތަކުން ފެނިފައިވެއެވެ. އަދި ޑްރޯންތައް ވެއްޓެމުންދާތީ ޑްރޯން ވެއްޓިދާނެ ހެން ހީވާ ސަރަހައްދުތަކަށް ނުދިއުމަށް ނުރަސްމީކޮށް އެމްއޭސީއެލްގެ އިސް ބައެއް ފަރާތްތަކުން އާންމުނަށް އިލްތިމާސްވެސް ކޮށްފައި ވެއެވެ. މި ހާލަތުގެ ސަބަބުން ޑްރޯންތައް ވެއްޓެމުން ދިޔައިރު އެމްއޭސީއެލްއިން ވަނީ ވައިގެ ސަރަހައްދު ބަންދުވެސް ކޮށްފައެވެ. އެއީ ކޮންޓްރޯލް ގެއްލިފައިވާ ޑްރޯންތަކުގެ ބެޓަރީ ހުސްވެ ވެއްޓެންދެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އައު ޓާމިނަލް ހުޅުވުމަށް އެއް ގަޑިއިރުގެ ޑްރޯން ޝޯއެއް ސަރުކާރުން ބާއްވަން އެންމެ ފުރަތަމަ ރޭވީ 6.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށްވާއިރު އެއީ ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭނެ ފައިސާއެވެ.
އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތަށް އެތަން ޒީނަތްތެރި ކުރުމަށް އަދި ރަސްމިއްޔާތުގެ ތެރެއިން އެކި ކަންކަން ކުރުމާއި އެހެނިހެން އިންތިޒާމުތަކަށް 100 މިލިއަނެއްހާ ރުފިޔާ އެމްއޭސީއެލްއިން ޚަރަދު ކޮށްފައި ވެއެވެ.