ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގެ މަސައްކަތް ނިންމައި، އެތަނުގައި އުދެހުންތައް ފެށުމަށް ޖުލައި 2025 އަށް ޝެޑިއުލްކޮށް އެ ޓާރގެޓަށް މަސައްކަތް އެތަނުގައި ކުރަމުން ދިޔައީ އެމްޑީޕީ ސަރުކާރުންނެވެ. މުއިއްޒު ދުނިޔެއަށް އައުމާއި، ނައުމާއި، ވެރިކަމުގެ ހުރުމާއި، ނެތުމަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖުލައި މަހަށް ނިންމައި ހުޅުވުމައި އެއްވެސް ވަރަކަށް އެއްވެސް ގުޅުމެއް ނެތެވެ. މުއިއްޒު ދުނިޔޭގަ ނެތަސް މި އެއަރޕޯޓް ނިންމާނެ އެވެ. މި އެއަރޕޯޓް ހުޅުވާނެއެވެ.
ވެރިކަމަށް ހޮވި އިންތިހާބީ ރައީސް އަކަށް ވުމުން، އާންމުކޮށް ކައްޒާބު އުސޫލުން ހާމަ ކުރީ 2024 ވަނަ އަހަރު ސެޕްޓެމްބަރ މަހަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެންމެ ލަސްވެގެން ތިމަންނާ ނިންމާނެ ކަމަށެވެ. މުއިއްޒު މިހެން ބުނެފައި ވަނީ، ޖެން ހޮޓެލްގައި 30 އޮކްޓޯބަރ 2023ގައި މަސީ އާއި އެކު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ މީޑިޔާތަކުން އޭރު މިވާހަކަ ގެނެސްދިނެވެ.
މިވާހަކަ މިހެން މުއިއްޒު ދައްކާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ކުރަމުންދާ އެއްވެސް ފަރާތަކާއި މަޝްވަރާވެސް ކޮށް ނުލައެވެ.
ވެރިކަމާއި ހަވާލުވެ، އެއަރޕޯޓުގެ މަސައްކަތް ކުރަމުންދާ ފަރާތާއި ބައްދަލު ކުރުމުން މަސައްކަތް ސެޕްޓެމްބަރ 2024 އަށް ނިންމެން އޮތް ކަމާއި، އެކަން ކުރެވެން އޮތީ ލޭބަރުންނާއި ރިސޯސެސް އިތުރުކޮށްގެން ކަމާއި އެކަމަށް ދާނެ ޚަރަދު މުއިއްޒާއި ހިއްސާ ކުރިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މިވަގުތަށް އެންމެ މުހިންމީ އެއަރޕޯޓްގެ އާޓަމިނަލް ނިންމައި ހުޅުވުން ކަމަށް މަސީގެ މެމްބަރުންނާއި އެކު ހޮޓަލް ޖެންގައި ވާހަކަ ދެއްކި އެއްކަލަ މުއިއްޒަށް އެހާ ހިސާބުން ސެޕްޓެމްބަރ 2024 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފަތުރުވެރިކަމަށްޓަކައި ނިންމުން އެއްވެސް ވަރަކަށް މުހިއްމެއް ނުވިއެވެ. އެކަމަށް އިތުރަށް ދާ ޚަރަދުކޮށް، އަވަހަށް އެއަރޕޯޓް ނިންމުމަށް އެއްވެސް މަސައްކަތެއް މުއިއްޒެއް ނުކުރައެވެ. އެ ޚަރަދު މީނާ ކުރީ ސިޔާސީ މީހުން 7000 އަށް އިތުރުކޮށް މުސާރަ ދިނުމަށެވެ. އެއަރޕޯޓް ނިންމީ ކުރިންވެސް އެއަރޕޯޓް ނިންމަން ތާވަލް ކޮށްފައިވާ ޖުލައި 2025 އަށެވެ. އެހެންކަމުން މުއިއްޒު ދުނިޔޭގައި ނެތަސް އެއަރޕޯޓް ހުޅުވޭނެއެވެ.
މުޅި އެއަރޕޯޓްގެ ސެކިޔުރިޓީ ކޮމްޕރޮމައިޒްކޮށް، އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމެއް އެކި އެއަރލައިންތަކަށް ދީގެން މުއިއްޒުގެ ނަން ޑްރޯންތަކުން ފަޒާތެރޭ އަޅާލުމަށް އެތައް މިލިއަން ޑޮލަރެއް އަނދާ އަޅިއަށް ހަދާލައިގެން، ނިންމީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކްރެޑިޓް ނެގުމަށެވެ. މީނަ ދުނިޔޭގައި ނެތަސް ނިއްމާ ހުޅުވާނެ އެއަރޕޯޓެއްގެ ކްރެޑިޓް އަމިއްލައަށް ނެގީމާ މީނަގެ ފެންވަރު ރައްޔިތުންނަށް ނިކަން ރަނގަޅަށް ވަޒަންކޮށް ލެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މޭސްތިރިއަކީ ރައީސް ޔާމީނެވެ. ޕްރޮޖެކްޓް ނިންމުމާއި ހަމަ އަށް ގެނެސް ދިނީ އެމްޑީޕީ ސަރުކާރުންނެވެ. މި އެއަރޕޯޓަކީ މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮތް ތަނެއް ނޫނެވެ. މުއިއްޒު ދުނިޔޭގައި ހުއްޓަސް ނެތަސް މި އެއަރޕޯޓް ހުޅުވާނެއެވެ.