މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ޕާޓީ ބަދަލުކުރި 4 މެމްބަރަކާއި ޓީވީ މުއާއަށް މަސައްކަތަށް ނުނިކުމެ ތިބެވޭ ގޮތަށް އެމްއޭސީއެލްއިން މުސާރަ ބޮޑު ވަޒީފާތައް ހަމަަޖައްސާ ދީފިއެވެ. މި ހުރިހާ ފަރާތްތަކަށްވެސް ހަމަޖައްސާ ދީފައިވަނީ މެނޭޖީރިއަލް ލެވެލްގެ މުސާރަ ބޮޑު ވަޒީފާތަކެވެ. އެގޮތުން މި އިން ކޮންމެ ފަރާތަކަށްވެސް މަހަކު 50,000 ރުފިޔާގެ މުސާރައެއް ލިބޭއިރު މި ފަރާތްތަކަށް ވަޒީފާ ހަމަޖައްސާ ދީފައިވަނީ އެމީހުން ގަވާއިދުން މަސައްކަތަށްވެސް ނުކުންނަން ނުޖެހޭ ގޮތަށެވެ.
"ދިޔަވަރު އޮންލައިން"އަށް މިހާރު ލިބިފައިވާ, ވަޒީފާއަށް ނިކުންނަން ނުޖެހޭ ގޮތަށް ބޮޑު މުސާރާގައި އެމްއޭސީއެލްއިން ވަޒީފާ ހަމަޖައްސާ ދީފައިވާ ފަރާތްތަކުގެ އަދަދު 30 އަށް އަރައެވެ. މިހުރިހާ ފަރާތްތަކަށްވެސް 30,000 އާއި 50,0000 އާއި ދެމެދުގެ ބޮޑު މުސާރައެއް ލިބެމުން ދެއެވެ.
ވަޒީފާ ހަމަޖައްސާދީފައިވާ މެމްބަރުންނާއި ޓީވީ މުއާއަށް ހަމަޖެއްސި ވަޒީފާތަކާއި މުސާރަ:
- އަބުދުލް މުހުސިން ހަމީދު (ޖޭ 4), ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު, (މެނޭޖަރ, މުސާރަ: މަހަކު 50,000 ރުފިޔާ)
- އަބުދުالله ޝަހީމް އަބުދުލް ހަކީމް, ކަނޑިތީމު ދާއިރާގެ ކުރީގެ މެމްބަރު (މެނޭޖަރ, މުސާރަ: މަހަކު 50,000 ރުފިޔާ)
- ހަސަން ޝިޔާން (ގިޓާ), ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު (މެނޭޖަރ, މުސާރަ: މަހަކު 50,000 ރުފިޔާ)
- އިބުރާހިމް ނަސީރު, މުލަކު ދާއިރާގެ ކުރީގެ މެމްބަރު (މެނޭޖަރ, މުސާރަ: މަހަކު 50,000 ރުފިޔާ)
- އިބުރާހިމް މުއާޒު އަލީ (ޓީވީ މުއާ), ރައީސް ޔާމިންގެ ސަރުކާރުގެ ރައީސް އޮފީހުގެ ތަރުޖަމާން (މީޑިއާ އެކްޒެކެޓިވް, މުސާރަ: މަހަކު 48,500 ރުފިޔާ)
ދިޔަވަރު އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަރާތްތަކުގެ ތެރެއިން އަބުދުލް މުހުސިން ހަމީދު (ޖޭ 4) އަށް ވަޒީފާ ހަމަޖައްސާ ދީފައިވަނީ ފާއިތުވި ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. ކަނޑިތީމު ދާއިރާގެ ކުރީގެ މެމްބަރު އަބުދުالله ޝަހީމް އަބުދުލް ހަކީމްއަށް ވަޒީފާ ހަމަ ޖެއްސީ ފާއިތުވި އެޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ. ހަސަން ޝިޔާން (ގިޓާ)އަށް ވަޒީފާ ހަމަޖައްސާ ދީފައިވަނީ ފާއިތުވި މޭމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޓީވީ މުއާއަށް ވަޒީފާ ހަމަޖައްސާ ދީފައިވަނީ ފާއިތުވި މޭމަހުގެ 21 ވަނަ ދުވަހުއެވެ.
މީގެ ތެރޭގައި ހިމެނޭ 4 މެމްބަރުންނަކީ 2024 ވަނަ އަހަަރު ކުރީކޮޅު ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންނެވެ. ޓީވީ މުއާއަކީ ރައީސް ޔާމިންގެ ވެރިކަމަށްފަހު އަދީބުގެ ޕާޓީގައި އުޅުމަށްފަހު ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް ސާލިހަށް ތާއީދުކޮށް އެމްޑީޕީއަށް ސޮއިކުރި ފަރާތެކެވެ.
އޭރު ޕީއެންސީއަށް ސޮއި ކުރި ކޮންމެ މެމްބަރަކަށްވެސް 2.5 މިލިއަން ރުފިޔާ ހަމަޖައްސާ ދޭނެކަމަށް މުއިއްޒު ވައުދުވެ އެފައިސާ މެމްބަރުންނަށް ދިނުމަށް ހަވާލު ކުރީ އަބުދުއްރަހީމްއާއެވެ. އެހެންނަމަވެސް އެ ފައިސާގެ ތެރެއިން ކޮންމެ މެމްބަރަކަށް އަބުދުއްރަހީމް 5 ލައްކަ ރުފިޔާ ހަވާލުކޮށް އޭގެ ފަހުން މިއަދާހަމަޔަށް އައިއިރުވެސް ބާކީ ހުރި ފައިސާ ހަވާލު ނުކޮށްގެން މުއިއްޒުއާއި އަބުދުއްރަހީމްއާ ދެމެދު މަސައްލަވެސް ޖެހިފައިވެސް ވެއެވެ.
އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ރިޝްވަތު ދީގެން ރައީސް މުއިއްޒު އޭރު ގަނެލީ, އެމަނިކުފާނު އަޒުލް ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާކަމުގެ އަޑު ގަދަވެގެން ދިއުމާ ގުޅިގެންނެވެ. އެހެންނަަވެސް އެމްޑީޕީން ބުނެފައިވަނީ ރައީސްއާއި ނާއިބު ރައީސް އަޒުލްކުރުމަށް އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމުގައެވެ.
މުއިއްޒު ވަނީ ފާއިތުވު ތަނުގައި ރިޝްވަތުގެ ހަރާމް ފައިސާއަށް މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންވެސް ގަނެފައެވެ. އަދި މުއިއްޒު ގެންދަނީ ސިޔާސީ ބޭނުމަށް ދައުލަތުގެ ކުންފުނިތައް ގުރުބާން ކޮށް, ކުންފުނިތަކުގެ މާލިއްޔަތު ލޫޓުވަމުންނެވެ.