މުއިއްޒުގެ އިނގިރޭސި ބަހުގެ ފެންވަރު ސާޖިދާއަށްވުރެވެސް ދަށްކަން ހާމަ ވެއްޖެއެވެ. އެކަން ހާމަވީ ރާއްޖޭގެ މިއަހަރުގެ މިނިވަން ދުވަހަށް އިންޑިއާގެ ބޮޑުވަޒީރާއެކު ރާއްޖެއައި އިންޑިއާގެ މީޑިއާތަކަށް މުއިއްޒު އިނގިރޭސިބަހުން ދެއްވި އިންޓަވިއުއަކުންނެވެ.
އިންޑިއާގެ ޓީވީތަކުން މިހާރު ބްރޯޑްކާސްޓް ކޮށްފައިވާ މުއިއްޒުގެ އިންޓަވިއުގައި އިންޑިއާއަކީ ކިހާ މުހިންމު ގައުމެއްތޯ ސުވާލު ކުރުމުން ބްރޯކެން އިންގލިޝްއިން މުއިއްޒު ވިދާޅުވެފައިވަނީ "އިންޑިއާ އިޒް ޓޫރިޒަމް ކަންޓްރީ" އެއްކަ ކަމަށެވެ. އެހެންވީމަ ރާއްޖެއަށް އިންޑިއާ މުހިންމުކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ އިންޓަވިއުގައި މުއިއްޒު ވާހަކަ ދައްކަވާފައިވަނީ އިނގިރޭސި ބަހުގެ ހަމަތައްވެސް އޮޅުވާލައިގެންނެވެ. އިންޓައިވިއުގެ ބައެއް ހިސާބުތަކުގައި އެއްބަހެއް މުއިއްޒު އެތައް ފަހަރަކު ތަކުރާރު ކޮށްފައިވެއެވެ. އެގޮތުން މުޅި އިންޓަވިއުގައި މުއިއްޒުއަށް "ޑެފިނިޓްލީ" އެއް ޖުމްލައެއްގައި އެތައް ފަހަރަކު ބޭނުން ކުރާން ޖެހުނެވެ. މިގޮތަށް އިނގިރޭސިބަހުން އެއްބަހެއް އެއް ޖުމްލައެއްގައި ތަކުރާރު ކުރާން ޖެހެނީ ބަހަށް ކޮށިވެ, ވާހަކަ ކުރިޔަށް ގެންދާން ނޭގުމުންނެވެ. މުއިއްޒު އިންޓވިއު ދީފައިވާ މީޑިއާ ޗެނެލްގެ ތެރޭގައި ސޯޝަލް މީޑިއާގައި 20 މިލިއަން ފޮލޯވަރުން ތިބޭ އަނި ޓީވީވެސް ހިމެނެއެވެ.
މުއިއްޒުގެ އިނގިރޭސި ފެންވަރުށް ދަށްކަން މިއިންޓަވިއުއިން ފާހަގަ ވެފައިވާއިރު, ނާއިބު ރައީސް ސެމްބެއަށް އަމުދުން އިނގިރޭސިބަހުން ވާހަކަ ދައްކަން ނޭނގޭކަންވެސް, ސެމްބެއާއި އިންޑިއާގެ މީޑިއާތަކުން ކުރި ސުވާލުތަކުން އެނގިފައިވެއެވެ. ސެމްބެއާއި މޯދީއާއި ދެމެދު ބޭއްވުނު ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކުން ސުވާލު ކުރުމުން ސެމްބެ ވިދާޅުވި ދެތިން ބަހުން ސާފުވާވަރު ވީ "އެކްސެލެންސީ" މިބަހާއި "ޕްރޮޑަކްޓިވް" މިބަހެވެ. އޭގެ އިތުރުން ސާފު ނުވާގޮތަށް ދެތިން ބަހެއް ވިދާޅުވުމަށްފަހު ސެމްބެ ވަނީ އިންޓަވިއު ނަގަން އައިސް ތިބި މީޑިއާތަކާއި އަވަހަށް ދުރަށް ވަޑައިގެންފައެވެ.
އެހެންނަމަވެސް މުއިއްޒުއާއި ސެމްބެއާއި ދެބޭފުޅުންނަކީވެސް މިހާތަނަށް އިނގިރޭސިބަހުން ލައިވް އިންޓަވިއު ދެއްވި ދެބޭފުޅުންނެއް ނޫނެވެ. މުޅިން ވޭރުގެ ފޯރަމްތަކުގައި ވާހަކަ ދައްކަވާފައިވަނީ ލިޔެފައިވާ ސްކްރިޕްޓްތައް ބަލައިގެންނެވެ.
ސެމްބެއާއި މުއިއްޒުއާ ދެބޭފުޅުން އިނގިރޭސިބަހުގެ ފެންވަރު ގިނަބަޔަކަށް ފަޟީހަތް ވެފައިވާއިރު ދާދިފަހުން ރާއްޖެއިން ބޭރުގަ ބޭއްވުނު ފޯރަމެއްގައި ސާޖިދާވެސް ވަނީ އިނގިރޭސިބަހުން ވާހަކަ ދައްކަވާފައެވެ. މި އިންޓަވިއުގައި ސާޖިދާ އިނގިރޭސިބަހުން ވާހަކަ ދައްކަވަމުން ދޫއޮޅި ވިދާޅުވެފައިވަނީ ކުރިން ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދިޔައިރު އޮފީހުގައި އިންނަނީ އެއްވެސް މަސައްކަތެއް ނުކޮށް ކަމުގައެވެ. މިވާހަކަ ސާޖިދާ ދެއްކެވީ ފާއިތުވި ޖޫންމަހު, ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ކުރެއްވި ޒިޔާރަތުގައި ގިނަ އަދަދެއްގެ ފަސްލޭޑީންގެ ހާޒިރުގައެވެ. އެހެންނަމަވެސް ސާޖިދާގެ އިނގިރޭސި ފެންވަރު މުއިއްޒުއަށްވުރެ ރަގަޅުކަން ސާޖިދާ ދެއްކެވި ވާހަކަ ފާހަގަ ކުރެވެއެވެ.
މުއިއްޒުގެ އިނގިރޭސި ފެންވަރު މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައިވާއިރު, މުއިއްޒު އަބުދުއްރަހީމްގެ ދަރިފުޅު ފައިސަލް މަގާމުން ވަކިކުރީ އޭނާގެ އިނގިރޭސި ބަހަށް ކޮށިވެ, ބައިނަލް އަގުވާމީ ފޯރަމްތަކުގައި އޭނާ "ބްރޯކެން އިންގްލިޝް" އިން ވާހަކަ ދައްކަމުން ދިއުމުން ފަތުރުވެރިކަމުގެ ސިނާއަތަށް ނުރަގަޅު އަސަރުކޮށް, ގައުމުގެ އަގުވެސް ވެއްޓެމުންދާކަމަށް ގިނަބަޔަކު ކުރި ޝަކުވާތަކާއެކުއެވެ. މައްސަލައެއް ނެތެވެ. މުއިއްޒު ފައިސަލް މަގާމުން ވަކިކުރީއެވެ. ފައިސަލް އިނގިރޭސިބަހަށް ކޮށިވެ, މަގާމަށް ކުފޫ ހަމަނުވެގެންނެވެ.
ފައިސަލް އެއްވެސް އިރަކު އިންގިރޭސި ބަހަށް ކޮށި ނޫންކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެއްވެސް ނުވެއެވެ.
އެހެންނަމަވެސް, މިއަދާއި ހަމައަށްވެސް ސްކްރިޕްޓްއެއް ނުބަލާ މުއިއްޒު އިނގިރޭސިބަހުން މިނޫނީ ވާހަކަ ދައްކާފައެއް ނުވެއެވެ. ލައިވް އިންޓަވިއުއެއް އިނގިރޭސިބަހުން ދީފައެއް ނެތެވެ. ފޯރަމެއްގައިވެސް ސްކްރިޕް ނުބަލާ އިނގިރޭސިބަހުން ވާހަކަ ދައްކާފައެއް ނުވެއެވެ. ލިޔެފަ އޮތް ސްކްރިޕްޓެއް ނުބަލާ މުއިއްޒު އިނގިރޭސިބަހުން ވާހަކަ ދެއްކި ފަރަތަމަ ފަހަރު ހާމަވަގެންދިޔަ އެންމެ ބޮޑު ހަގީގަތަކީ ކޮބައިތޯއެވެ? މުއިއްޒު އަކީ ފައިސަލްގެ އިނގިރޭސިބަހުގެ ކޮށިކަމުގެ މައްޗަށް ވާހަކަ ދެއްކެވެން އޮތް ބޭފުޅެއް ނޫންކަމެވެ.
އަމުދުން ފައިސަލްއާއި މުއިއްޒުއާއި އަޅާ ކިޔޭކަށްވެސް ނުމެ ނެތްމެއެވެ. މުއިއްޒުއަކީ ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި, މިއަދު ގައުމެއްގެ ރައީސެކެވެ. ފައިސަލްއަކީ އެއްވެސް އިރަކު އެބީދައިން މަތީ ތައުލީމު ހާސިލްކުރި ފަރާތެއް ނޫނެވެ.
އިނގިރޭސި ބަހަށް ކޮށިވެގެން ފައިސަލް އަަށް ޓުއަރިޒަމް މިނިސްޓަރުކަން ނުކުރެއްވޭނަމަ, މުއިއްޒުއަށް މި ރާއްޖޭގެ ރައީސްކަން ކުރެއްވޭނީ ކޮން ހަމަޔަކުންތޯއެވެ. ބައިނަލްއަގުވާމީ ފޯރަމެއްގައި, ސްކްރިޕްޓެއް ނުބަލާ މުއިއްޒުއަށް ވާހަކަ ދައްކާންޖެހޭ ދުވަހު ދިވެހި ރައްޔިތުން ލަދުން ބޮލުގަ ދެއަތް އަޅައިގެން ތިބެން ނުޖެހި ނުދާނެ ކަމީ މިއަދު ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ހެއްދެވޭ އެންމެ ބޮޑު ގޯހަކީ, އިނގިރޭސިބަހަށް ކޮށި ނަމަވެސް އެބަހުން ވާހަކަ ދައްކަން އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވުމެވެ. ތަރުޖަނާމަކު މެދިވެރި ނުކުރުމެވެ. އެއީ ލަދުވެތި ކަމަކަށް ވަނީއެވެ. އެހެންނަމަވެސް ރަގަޅު ގޮތަކީ ތިމާ އިނގިރޭސިބަހަށް ކޮށިވީމާ, ތަރުޖަމާނަކު ގެންގުޅުއްވުމެވެ. އެއީ ލަދުވެތިވާންވީ ކަމެއް ނޫނެނެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ރައީސުންނާއި, ބޮޑުވަޒީރުންވެސް އެއާދަ ގެން ގުޅުއްވައެވެ.
މުއިއްޒުވެސް ތިމާވަރުގެ މީހަކު ނެތްކަމަށް ދައްކާ, "އިންޑިއާ އިޒް ޓޫރިޒަމް ކަންޓްރީއެއް" ކަމަށް ވިދާޅުނުވެ, "އިންޓަރޕްރިޓަރ" އެއް ގެންގުޅުއްވާށެވެ. ހަގީގަތާއި ކުރިމަތި ލައްވާށެވެ. ތިމާގެ ނާގާބިލްކަން ގަބޫލު ނުކޮށް, ތިމާއަކީ ގައުމަށް ހުރި ބޮޑު ލަދަކަށްވެ, ހަފުސްވަންދެން ގޮތް ދޫނުކޮށް ނުހުންނަވާށެވެ.