ޚަބަރު

މިފަދަ ކުނިބުންޏަށް ޝަރަފު ދިނުމަކީ ނަތަންޔާހޫއަށް ނޮބެލް ޕީސް ޕްރައިޒް ދިނުން ފަދަކަމެއް

ދިޔަވަރު
މިފަދަ ކުނިބުންޏަށް ޝަރަފު ދިނުމަކީ ނަތަންޔާހޫއަށް ނޮބެލް ޕީސް ޕްރައިޒް ދިނުން ފަދަކަމެއް

ޝަރަފުވެރިކަމަކީ މީހާ ކޮށްފައިވާ އަގުހުރި މަސައްކަތަކަށް ހައްޤުވާ އެއްޗެކެވެ. ރައްޔިތުންގެ ކުރިމަތީ އަގުވެއްޓި، ސިޔާސީ ގޮތުން ޖުޑިޝިއަރީގެ ތެރަށް އަތް ބާނައި، ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލާ މީހުންނަކީ ޝަރަފުވެރި ބައެއް ނޫނެވެ. އެމީހުންނަށް ޙައްޤު ޝަރަފެއް ނުވެއެވެ. އެއީ ކުށްވެރިންނެވެ. މުޖުރިމުންނެވެ.

މިއީ ހަނގުރާމަތައް ފެށުމުގައި އެމެރިކާގައި، އިސް ސަފުގައި ހަރަކާތްތެރި ވެފައިވާ ކުށްވެރިންނަށް ނޮބެލް ޕީސްގެ ޝަރަފު އެރުވުން ފަދަ ކަމެކެވެ. މިއަދާއި ޖެހެންދެން އެމެރިކާގެ ޔަހޫދީން ކުރަމުން އައި މިކަން މިއަދު މުއިއްޒު މިވަނީ ފަށައި، އެއްވެސް ހަމައަކުން ހައްޤުނޫން ފަރާތަކަށް ނ.ޢ.ޢ.ވ.ގެ ޝަރަފު އަރުވާފައެވެ.

ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި، 3 ފަނޑިޔާރަކު އެކޯޓުން ބޭރުކޮށް މުއިއްޒު ބޭނުންވާ ގޮނޑިކޮއްކޮ ސްޕްރީމް ކޯޓެއް އުފައްދައި ރައްޔިތުން ނިކަމެތި ކުރުމަށް ރިޝްވަތު ނަގައިގެން މުއިއްޒު އާއި ބައިވެރިވި، ޤައުމުގެ ބޮޑު ހާއިނަކަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އެރުވުމަކީ ކުނިބުންޏަށް ޝަރަފު ދިނުން ފަދަ ކަމެކެވެ.

ޗީފް ޖަސްޓިސް ރިޓަޔަރޑް، އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ދިން ޝަރަފަކީ ނަތަންޔާހޫއަށް ނޮބެލް ޕީސް ޕްރައިޒް ދިނުން ފަދަކަމަކަށް ނޫނީ ނުވާނެއެވެ.

ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަކީ ކުޑަ ކަމެއް ނޫނެވެ. މާދަމާ މި ކޯޓު ބޭނުންކޮށް، ރައްޔިތުންގެ ވޯޓާއި ކުޅޭނެ ކަން ކަށަވަރެވެ. އިންސާފު ނުލިބި، ރައްޔިތުން މުއިއްޒުގެ އަނިޔާގައި ދާނެ ތަނެއް ނެތިފައި ބިކަވެފައި އެތިބީ މިކަހަލަ ނުބައި މީހުންގެ ސަބަބުންނެވެ.

ސްޕްރީމް ކޯޓު ފުނޑާލުމަށް ފަހު، ރިޓައަރ ކޮށްގެން ރައްޔިތުންގެ ފައިސާ ހަރާން ގޮތުގައި ނަގައިގެން ކޮންމެ މަހަކު ހުންނަ މީހަކަށް ރައްޔިތުން ކުރާނެ ގަދަރެއް ކިތަންމެ ޝަރަފެއް ދިނަސް ނޯންނާނެއެވެ. އަދި ރައްޔިތުންނަށް މުޢުތަޞިމް ޢަދުނާނުވި އަނިޔާ ރައްޔިތުން ހަނދާން ނައްތައެއްވެސް ނުލާނެއެވެ. އަނިޔާވެރިންގެ ފަސްބައި ރީތި ކުރަން ލެވޭނެ މުތީއެއް ޖަވާހިރެއް ނޯންނާނެއެވެ.