އާދަން އާޒިމް ކުއްޔަށް ދީފައިވާ ކައުންސިލްގެ ބިންތަކާއި ގުދަންތަކުގެ މައުލޫމާތު ހާމަ ކުރުމަށް ކައުންސިލަރު ސައިފް ފާތިހު ގޮވާލުމުން އެތައް އުޒުރެއް ދެއްކުމަށް ފަހު، އެންމެ ފަހުން ވިދާޅުވީ، ތިމަންނާއަށް މޭޔަރުކަން ލިބުމުގެ ކުރިން ދީފައިވާ ބިމުގެ ތަފްސީލް ހުރި ލިޔުންތައް މިނިސްޓްރީއިން ގެންގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އެ ލިޔުންތައް ނެތުމުން ކުއްޔަށް ދީފައިވާ ބިމާއި ގުދަނާއި މިފަދަ ތަންތަނުގެ މައުލޫމާތު ލިސްޓް ކުރެވެން ނެތް ކަމަށެވެ.
ރައީސް މުއިއްޒު މާލޭ ސިޓީ މޭޔަރުގެ ގޮތުގައި ހުރެ، ކައުންސިލްގައި ހިންގާފައި ހުރީ ރަތްލާޖެހި ބޮޑެތި ވައްކަމެވެ. އޭގެ ލިސްޓެއް ނުނަގައި މާލޭ ސީޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުންތައް އާޒިމް އައުމުގެ ކުރިން މިނިސްޓްރީއަށް ގެންގޮސްފައިވާ ކަމަށް އާދަން އާޒިމް ދަނީ ބުނަމުންނެވެ. މިއީ ކަނޑައެޅިގެން ދޮގެކެވެ. ފައިލްތައް ސިޓީ ކައުންސިލުން ގެންދިޔައިރު، ކުށްޔަށް ދީފައިވާ ތަންތަނުގެ ލިސްޓެއް ސިޓީ ކައުންސިލްގައި އޮތެވެ. އެ ލިސްޓްގައި ސިޓީ ކައުންސިލުން ކުށްޔަށް ދީފައިވާ ތަނާއި، ދީފައިވާ ކުންފުންޏާއި، ދީފައިވާ އަގު ތައް ސާފުކޮށް އެނގެން ހުއްޓެވެ.
މިލިސްޓް އާދަން އާޒިމް ސާވާއިން ފުހެލުމަށްފަހު، ލިސްޓް ނެތްކަމަށް ބުނަމުން ދާއިރު، މިލިސްޓް މީގެ ކުރިން ލީކްވެ، ބައެއް ނޫސްވެރިންގެ އަތްމައްޗަށް އަރާފައިވެއެވެ. މި ލިސްޓް ނޫސްވެރިންގެ އަތްމައްޗަށް އަރާފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބު ދުވަސް ވަރުއެވެ.
ނަމަވެސް، އާދަން އާޒިމް މި ހެދި ދޮގު އިހަށް ގަބޫލު ކުރަމާތޯއެވެ.
ފުރަތަމަ ކަމަކަށް: ލިސްޓެއް ނަހަދައި، ކުޑަ މިނުން ކޮޕީއެއްވެސް ނަހަދައި، ދައުލަތު މުއައްސަސާއެއްގައި ހުރި އެއްބަސްވުން ތަކެއް، މިނިސްޓްރީއަށް ދިނީ ކޮން މުއައްޒަފަކުތޯ ބަލައިފިން ތޯއެވެ؟ ގަވާއިދުގެ ތެރެއިން އެ މުއައްޒަފަށް ފިޔަވަޅު އަޅައިފިން ތޯއެވެ؟ އެ މުއައްޒަފުގެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށައަޅައިފިންތޯއެވެ؟ މީގެ އެއްވެސް ކަމެއް ނުހިނގައެވެ.
ދެވަނަ ކަމަކަށް: މިނިސްޓްރީއިން ގެންގޮސްފައިވާ އެއްބަސްވުންތައް ހޯދަން މިހާތަނުން ސިޓީކައުންސިލުން ކޮށްފައިވަނީ ކޮން މަސައްކަތެއްތޯއެވެ. ސިޓީ ކައުންސިލްގައި ހުރި، ސިޓީ ކައުންސިލް ތަކުގެ އެއްބަސްވުންތަކެއް ސަރުކާރުން ގެންދިޔަ މައްސަލަ ކޯޓެއްގައި ހަމަ ގައިމުވެސް އަދި ނެތެވެ. އަދި އެ އެއްބަސްވުންތައް ނުލިބިގެން ހޯދުމަށްވެސް ކޯޓަށް އާދަން އާޒިމް ގޮސްފައި ނުވެއެވެ؟ ކީއްވެތޯއެވެ؟
ތިންވަނަ ކަމަކަށް: މުއިއްޒު ކުރީ ވައްކަމެވެ. މިހާރުވެސް ކުރަމުން ދަނީ ވައްކަމެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ހޯދުމަށްއެމްޑީޕީއަށް ސޮއެ އަޅައިގެން މަގާމު ހޯދައިގެން، އާދަން އާޒިމް ކައުންސިލުގެ ބިމާއި ގުދަންތައް ކުށްޔަށް ދެމުންދަނީ، ޤާނޫނުގެ ތެރެއިންކަން، ބިމުގެ ހަމަ އަގުގައި ކަން ސާފުކޮށް އެނގޭނޭހެން، ރައްޔިތުންނަށް އެ އެއްބަސްވުންތައް ހާމަ ނުކުރެވިގެން މި އުޅެނީ ކޮންކަމަކާތޯއެވެ؟ މިނިސްޓްރީއިން ގެންދިޔައީ އާދަމް އާޒިމް ސޮއެކުރި އެއްބަސްވުންތަކެއް ނޫނެއް ނޯންތޯއެވެ. އެހެންކަމުން އެ އެއްބަސްވުންތައް ވަގުތުން ވަގުތަށް ރައްޔިތުންނަށް ހާމަކުރާށެވެ. އެ ހާމަ ކުރަން ބުނުމުން ތިހާ ހާސަރުގަނޑު ދިގު ކުރަނީ ކޮންކަމަކާތޯއެވެ؟
ދޮރުފަތެއް އަރުވާލަން ފެންލައިޓެއް ޖަހާލަން 80،000ރ ކައުންސިލުން ހަރަދު ކުރާ ވަރުގެ މޭޔަރެއް އެމްޑީޕީއިން މާލޭ ސިޓީ ކައުންސިލަށް އައިމާ، އޭގެ ގެއްލުން އިންތިހާއަށް ލިބެމުން ދަނީ އެމްޑީޕީއަށެވެ. އަމިއްލަ މަންފާއަށް އެތައް ބަޔަކު އަނެއްކާވެސް "ކޮންސަލްޓަންޓުން" ގޮތުގައި ނަގައި، މުއިއްޒު ހިނގި މަގުން މިހާރުގެ މޭޔަރު ހިނގަމުންދާ ދިޔުމަކީ ރައްޔިތުން 2028 ގައި އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކުރަމުންދާ އުންމީދަށް އޮތް އެންމެ ބޮޑު މާޔޫސް ކަމެވެ. މުއިއްޒު ހިންގަމުންދާ ކޮރަޕްޝަނާއި، ވައްކަމުން ޤައުމު ސަލާމަތް ކުރެވެން އޮތީ އެމްޑީޕީގެ ނަން ބޭނުންކޮށްގެން ނުވަތަ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ވެރިކަމުގައި ތިބެ ވައްކަމުން މުއްސަނދިވަމުންދާ ކޮރަޕްޓް ފަރާތްތައް އެކަހެރިކޮށް، ރައްޔިތުން އެމީހުންނަށް ނޫނެކޭ ބުނެގެންނެވެ.