ސިޔާސީ

ރިޕޯޓް: ކުޑަ މުސާރައަކަށް ވެރިން ކުރާ ވައްކަމަށް ލޯމަރާލުން

ދިޔަވަރު
ރިޕޯޓް: ކުޑަ މުސާރައަކަށް ވެރިން ކުރާ ވައްކަމަށް ލޯމަރާލުން

ވެރިން ކުރާ ވައްކަމަށް، ކައިރީގައި ތިބޭ ރައްޔިތުން ލޯ މަރާލުމަކީ، މި ޤައުމުގައި ވައްކަމާއި ފަސާދަ އަށަގަނެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބެވެ.

މިއީ ވަކި ޕާޓީއެއްގެ ވާހަކަ އެއް ނޫނެވެ. ހުރިހާ ޕާޓީއެއްގެ ހާލަތު ހުރީ މިހެންނެވެ. ވެރިކަން ލިބުމުން ހިނގާ ވައްކަމަށް ޕާޓީގެ މެމްބަރުން ލޯ މަރާލަން ބޭނުން ވަނީ އެ ސަރުކާރުން ދޭ ވަޒީފާގަނޑެވެ.

10،000ރ ގެ މުސާރައަށް ވެރިއަކަށް ހުންނަ އެމްޑީ، މިނިސްޓަރު، މޭޔަރު، ރައީސް މުޅި ދައުލަތުގެ ބަޖެޓް ނޮޅާލައިގެން ކާލިޔަސް ހަމަ އެންމެ ރަނގަޅެވެ. ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައު ވިއްކިއަސް އެންމެ ރަނގަޅެވެ. ރާއްޖޭގެ ރަށްތައް ވަގަށް ވިއްކާ ކަޓު ނެގިއަސް ވަރިހަމެވެ.

ވަކި ޕާޓީއެއް ނެތި މިއަދު އެމަންޒަރު ފެންނަން އޮތް ކަމީ ހަގީގަތެވެ. މިހެން މިކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ ނާގާބިލު މީހުން ދައުލަތުގެ އެކި މަގާމުތަކަށް ސިޔާސީ ގޮތުންނާއި ކޮންސަލްޓަންޓުންގެ ގޮތުގައި ނެގުމުންނެވެ. މި މީހުންނަށް ލިބޭ މަދު ފައިސާ ފޮތީގެ ދަހިވެތިކަމުގައި ހަރާމް ހަލާލު ވަކި ކުރަން ބޭނުން ނުވެއެވެ.

ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވާ ވެރިންނާއި، ވައްކަން އިންތިހާއަށް ކުރަމުންދާ ވެރިން ޤައުމުގެ އެންމެ މަތީ މަގާމު ތަކަށް އަންނަނީ އެކަމާއި ދެކޮޅަށް ބަހެއް ބުނާނެ ބަޔަކު ކައިރީގައި ނެތީމައެވެ. ޤައުމަށް ހެވެއް އެދިގެން މުއިއްޒު ކުރާ ވައްކަމާއި، އަދި އެހެން ވެރިންވެސް ކުރާ ވައްކަމާއި ދެކޮޅަށް ބަސް ބުނާ މީހާ އާއި ދިމާލަށް އަންނަނީ ވެރި މީހާއެއް ނޫނެވެ. އޭނާގެ ކައިރީގައި ތިބޭ ކުދި ސޯބުންނެވެ. 10،000ރ ވަޒީފާގައި ކަމެއް ނުކޮށް ހުންނަ ބޮޓުންނެވެ. ވައްކަމަށް ލޯ މަރާލުމުގެ އިތުރުން، މި މީހުންގެ ނުބައިކަން ހުންނަ މިންވަރަކީ އެ ވައްކަމަށް ތަންމިނުން ޖާގަދީ، ރައްޔިތުންގެ މުދަލުން ވައްކަން ނުކުރާށޭ ބުނާ ރައްޔިތު މީހާ އަށް ހަމަލާ އަމާޒު ކުރުމެވެ.

ޙައްޤަށް ބަސްބުނަން ތިބި ޒުވާނުން މި ވައްކަމާއި ދެކޮޅަށް ތެދުވާން ޖެހެއެވެ. ދައުލަތުގައި މިއަދު ވައްކަންކޮށްކޮށް، ރައްޔިތުންނަށް ޚިދުމަތެއް ދޭނެ އެއްޗެއް ނެތެވެ. ބަރޯސާވަނީ ބޭރުން ދޭ އެހީއަށެވެ. އެއިންވެސް ކުރަނީ ވައްކަމެވެ.

ޕާޓީތަކުގެ ތެރޭގައި ވެސް އޮތީ ހަމަ މިއުސޫލެވެ. ޕާޓީގެ ވެރިން ނަހަމަ ގޮތުގައި ކުރާ ކަމަކަށް ބަހެއް ނުބުނެވެއެވެ. އެ ފުރުޞަތު އޮތް ޑިމޮކްރެޓިކް ޕާޓީއެއް ރާއްޖޭގައި އަދި ނެތެވެ. ހައްޤަށް ވާހަކަ ދެއްކުމާއި، ކަންކަން އިސްލާހު ކުރަން މިއަދު އޮތް އެންމެ ބޮޑު ހުރަކީ ވެރިން ކައިރީ އެނބުރޭ އާންމު ރައްޔިތުންނެވެ. ޑިޕިޔުޓީ މިނިސްޓަރުންނާއި، ކޮންސަލްޓަންޓުންނެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި، ސަރުކާރު ކުންފުނިތަކުގައި ވަޒީފާގައި ސިޔާސީ ގޮތުން ހުންނަ ނާގާބިލު މީހާއެވެ.