ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން، މަންޓާ އެއާއިން މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ މުސާރައިގެ 50% ދިވެހި ރުފިޔާއިން ދޭން ފެށުމާއެކު، އޮގަސްޓު 3 ވަނަ ދުވަހު ޕައިލެޓުން ހިމެނޭ ގޮތަށް ކުންފުނީގެ ހުރިހާ މުވައްޒަފުން ހަޅުތާލުކުރަން ނިންމައިފިއެވެ.
އެޕްރީލް މަހުން ފެށިގެން މުސާރައިގެ ބައެއް ރުފިޔާއިން ދޭން ފަށާފައިވަނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން 20% ޑޮލަރު މާރުކުރަން މަޖުބޫރުވާތީއެވެ. މަންޓާގެ މުވައްޒަފުން ބުނާގޮތުގައި، އެދުވަހު ދަތުރުތައް ކުރާ ޕައިލެޓުންނާއި ކްރޫއިން މަސައްކަތަށް ނުނިކުންނާނެއެވެ.
މަންޓާގެ އޮފިޝަލަކު ބުނެފައިވަނީ، ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭތީ މުސާރަވެސް ޑޮލަރުން ދީފައިވާ ނަމަވެސް، ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ކުންފުންޏަށް މާލީ ގެއްލުންވާތީ މުސާރައިގެ ބައެއް ރުފިޔާއަށް ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން ވެސް ހަޅުތާލުކުރަން އުޅުމުން، އެ ކުންފުނިން މުސާރަ ޑޮލަރުން ދިނުމަށް އަލުން ނިންމާފައިވުމަކީ، ގަވާއިދުތައް އެއް ހަމައަކުން ތަންފީޒުކުރަމުން ނުދާކަމުގެ ހެއްކެއް ކަމަށް މަންޓާއިން ބުނެފައިވެއެވެ.