ރާއްޖޭގައި ތިބި ތުރުކީގެ ސިފައިން ފޭބުމަށް އަޒާން އާއި ދިޔަރެސް ޓީމުން ގޮވާލަން ބޭނުން ނުވަނީ ވެރިކަމުގައި އެމްޑީޕީ ނެތުމުންނެވެ. ވެރިކަމުގައި އެމްޑީޕީ އޮތް ނަމަ، މި މީހުންގެ އެންމެ އިސް މަސައްކަތަކަށް ވާނީ ރާއްޖޭގައި ތުރުކީ ސިފައިން ތިބި އަދަދު ހޯދަން އާރުޓީއައި ލުމާއި، އަދި ތުރުކީ-އައުޓު ގޮވުމެވެ.
ތުރުކީ ސިފައިން މި ވެރިކަމުގައި ރައީސް މުއިއްޒު ގެނެސްފައިވާއިރު، އަޒާން ހުރީ ސަރުކާރު ފަޅީ އެމްޕީއަކަށެވެ. ޕޮކަންޑި ހުރީ އެޗްޑީސީގެ އެންމެ އިސް އެއް މަގާމުގައެވެ. ޗައިނާއިން ލާރި ނަގައިގެން، އިންޑިޔާ އާއި ދިމާލަށް ޚުދު މިއަދުވެސް ވާހަކަ އުފައްދައިގެން ދޮގު ފަތުރަމުންދާ ބައިގަނޑު، ތުރުކީގެ ސިފައިން ރާއްޖެ ތިބެގެން ކަންބޮޑުވުން ފާޅު ނުކުރެއެވެ. އެއްމެ އާރުޓީއައި އެއްވެސް ނުފޮނުވައެވެ. މި ހުރިހާ ކަމެއް ކުރުމަށް މަޑު ކޮށްގެން ތިބީ އެމްޑީޕީ ސަރުކާރެއް އަންނަންދެނެވެ.
ތުރުކީ ސިިފައިން މުއިއްޒު ރާއްޖެ ގެނެސް ރާއްޖޭގައި ގާއިމު ކޮށްގެން ތިބީ ޑްރޯން ދުއްވާށާއި، 1985 ގައި އުފެއްދި ހަނގުރާމަ މަތީ ބޯޓެއް ރާއްޖޭގެ ކަނޑުގައި ދުވުއްމުގެ ނަމުގައެވެ. ދިވެހި ސިފައިންނަށް ނުދުއްވޭ ވަރުގެ ތަކެތި ގެނެސްގެން ރާއްޖެއާއި މާދުރުގައި އޮތް ގައުމެއްގެ ބާރުގެ ދަށަށް ރާއްޖޭގެ ކަނޑުތައް ދީގެން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލު ނަގާލާއިރު އަޒާނުއާއި، ޕޮކަންޑި ކުޑަވެސް ބަހެއް ބުނެ ނުލަނީ ހަމަ އެމްޑީޕީ ވެރިކަމުގައި ނެތީމައެވެ. އެއީ ޤައުމުގެ އިސްތިޤްލާލެއް މިނިވަންކަމެއް އޮންނަނީ އެމްޑީޕީ އެކަނި ވެރިކަމުގައި ތިބޭ އިރުގައި ކަމަށް ވާތީ ވެދާނެއެވެ.
ރާއްޖެއަށް އިންޑިޔާގެ ޑޮނިޔާ ގެނައުމަށް އިންޑިޔާއަށް ގޮސް ރައީސް ޔާމީން ސޮއެ ކުރީ އޭނާގެ ވެރިކަމުގައެވެ. ޔޫޓީއެފް އަޅަން އެމްއޯޔޫގައި ސޮއެކުރީވެސް ހަމަ އެ ރަސްމިއްޔާތުގައި ރައީސް ޔާމީންއެވެ. އެ ފޮޓޯތަކާއި އެ ޚަބަރުތައް އަދިވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި އެހެރީއެވެ. މުޅި ދުނިޔޭގެ ޚަބަރު ތަކުގައި އެހެރީއެވެ. އޭރު އަޒާން ހުރީ ރުމާލު2 ހިންގާށެވެ. ހަމަ އެންމެ ފަހަރަކުވެސް، ބޭރުގެ ސިފައިންނާއި އުޅަނދު ރާއްޖެ ނުގެންނާށޭ ބުނެލަން އޭރު ނުކެރުނެވެ. އަޒާން އަށް ޑޯނިޔާއާއި، ޔޫޓީއެފް ފެނުނީ އެމްޑީޕީ ވެރިކަމަށް އައުމުންނެވެ.
މި މީހުންގެ ދެފުށް ދެގޮތްކަން ހުންނަ މިންވަރަކީ، ތުރުކީއިން ރާއްޖެއަށް ތުރުކީ ސިފައިންނާއި އެކު ބާ ދަނގަޑަށްވެފައިވާ މިލިޓަރީ ބޯޓެއް ގެނައީމާ ހަމަ ޗުޕްއޭވެސް ބުނެލަން ނުކެރުމެވެ. އަޒާނުއާއި، ޕޮކަންޑި އަކީ އެމްޑީޕީ ވެރިކަމެއް އަންނަންދެން ކަނު، ބީރު ބައެއް ގޮތުގައި ތިބޭ ބައެކެވެ.