ސަރުކާރުން އެންސިސް ގަތުމަށް، 1 ބިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަނެއް ހިންގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދިމްޔާތަށް ވެއްދުމަށް މުއިއްޒު އާއި ޒަމީރު ރާވައިފިއެވެ.
މިކަން ރާވާފައިވަނީ 1 ބިލިއަން ރުފިޔާއަށް އެންސިސް ގަތުމަށް ޒަމީރު، މުއިއްޒު އަށް ފަހި ކޮށްދީފައިވާ ޑީލެއްގެ ދަށުންނެވެ. އެންސިސް އަކީ މިވަގުތު މާ ބޮޑު ވިޔަފާރިއެއް ނެތް ކުންފުންޏެކެވެ. ނަމަވެސް 1 ބިލިއަން ރުފިޔާ އަށް ކުންފުނި ވެލުއޭޝަން ހަދައި، މުއިއްޒު ދަނީ މި ބޮޑު ވައްކަން ކުރުމަށް ތައްޔާރު ވަމުންނެވެ.
އެންސިސް ނެޝަނަލައިޒް ކޮށްގެން ބިލިއަނެއްހާ ރުފިޔާ ދައުލަތުން އެންސިސް ގަތުމަށް ބޭނުންވާ ޕްލޭން ހަދާފައި ވަނީ، ފިނޭންސް މިނިސްޓްރީގެ ޒަމީރުގެ އެޑްވައިޒަރަކަށް ހުރި، ޒަމީރުގެ ބޯއި ނަސީރެވެ.
އެންސިސްގެ ވެރިންނާއި ޒަމީރު އަކީ ޒަމާންވީ ވިޔަފާރީގެ ގާތް ގުޅުން އޮންނަ ބައެކެވެ. އެންސިސް ވަސީމް ވަނީ މީގެ ކުރިން ކޯޓުގެ އަޑު އެހުމެއްގައި އޭނާ ޒަމީރަށް 2 މިލިއަން ޑޮލަރު ދީފައި، ޒަމީރު އަތުން ގޯއްޗެއް ގަތް ކަމަށް ވެސް އެއްބަސް ވެފައެވެ. އޭގެ ފަހުންވެސް 15 މިލިއަން ރުފިޔާގެ ވިޔާފާރީގެ ޓްރާންސެކްޝަނެއް ޒަމީރު އާއި އެކީ ކުރިއަށް ގެންދިޔަކަމަށް ވަސީމް ކޯޓުގައި ބުނެފައިވެއެވެ. މިއީ ޒަމީރު އާއި އެންސިސް އާއި ގާތްކަން އޮތް މިންވަރެވެ.
ޒަމީރު ކުރިއަށް ގެންދިޔަ، މަސްވެރި ކަމުގެ ވިޔަފާރި ކުރިއަށް ނުދިޔުމުން، އެ ވިޔަފާރިއާއި ގުޅުން ހުރި މުދާތައްވެސް ގަނެފައިވަނީ އެންސިސް އިންނެވެ. އެހެން ކަމުން މި ޒަމާންވީ ގުޅުމުގެ ތެރެއިން މިއަދު ދައުލަތުގައި ހުރި ރައްޔިތުންގެ ފައިސާ ބޭނުންކޮށް ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ބޮޑު ޖަރީމާއެއް ދެބައި މީހުން ވެގެން ހިންގަން މިވަނީ ރާވާފައެވެ.
މިއިން މުއިއްޒަށް އޮތީ ކޯއްޗެއް ތޯއެވެ؟ ކޮރަޕްޝަނުގައި މުއިއްޒަށް ބޮޑު ބައެއް އެޅިގެން ދެއެވެ. ޒަމީރު ނަގާ އެތައް މިލިއަނެއްގެ އިތުރުން، މި ޑީލުގެ ތެރެއިން ކައުންސިލް އިންތިހާބަށާއި، 2028 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެތައް ސަތޭކަ މިލިއަން ރުފިޔާ އެއް މުއިއްޒު ދިމްޔާތަށް ވައްދާނެއެވެ.
މިއީ ކަނޑައެޅިގެން ރޯމާ ދުވާލު ހިންގަމުންދާ ވައްކަމެވެ. މުއިއްޒު ސިންގަޕޫރަށް ކުރަމުންދާ ދަތުރު ނިންމުމަށްފަހު، މާލެ އައިސް ރައްޔިތުންގެ ފައިސާއިން ބިލިއަނެއްހާ ރުފިޔާ އެންސިސް އަށް ދީ އެއިން އެތައް ސަތޭކަ މިލިއަނެއް އަމިއްލަ ޖީބަށް ކަހާލާއިރު، ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން ލައްވައި މަސައްކަތް ކޮށް އެމީހުންނަށް ދޭންހުރި ފައިސާ ނުދީ ހިފަހައްޓައި އެތައް ސަތޭކަ ކުންފުންޏެއް މުއިއްޒު ވަނީ ބަނގުރޫޓު ކޮށްލާފައެވެ. އަތި އެތައް ހާސް އާއިލާއެއް ވަނީ ނިކަމެތިކޮށް މަގުމަތި ކޮށްލާފައެވެ.
ރައީސް މުއިއްޒު ވަނީ އެމްއެމްޕީއާރުސީ ވައްކަމަށްވުރެ ތިންގުނަ އިތުރަށް މިހާތަނަށް ދައުލަތް ލޫޓުވައި ވައްކަން ކޮށްފައެވެ. ނަމަވެސް މިކަމާއި ދެކޮޅަށް މިއަދު ގައުމުގައި ތެދުވާނެ ބައެއް ނެތި، ވަޒީފާގައި ތިބި 12،000 މީހުންގެ ސަބަބުން މި އަނިޔާވެރިކަން ވަނީ ތައްމިނަށް އިތުރުވެފައެވެ.