ޚަބަރު

ޖުޑިޝަރީއަށް ނޫފޫޒު ނުފޯރުވާކަމަށް الله ގަންދީ ހުވާކުރާނެކަމަށް ބުނި މުއިއްޒުގެ މުނާފިގުކަން އާ ގިންތިއަކަށް: ބުއްދީގެ މައްސަލަ ހުންނަ ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން މުއިއްޒު އެންގީ ގާބިލް އެތައް ބަޔަކު ކުރިމަތި ލާފަ ވަނިކޮށް

ދިޔަވަރު
ޖުޑިޝަރީއަށް ނޫފޫޒު ނުފޯރުވާކަމަށް الله ގަންދީ ހުވާކުރާނެކަމަށް ބުނި މުއިއްޒުގެ މުނާފިގުކަން އާ ގިންތިއަކަށް: ބުއްދީގެ މައްސަލަ ހުންނަ ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން މުއިއްޒު އެންގީ ގާބިލް އެތައް ބަޔަކު ކުރިމަތި ލާފަ ވަނިކޮށް

ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި މި ފަހަކާ ޖެހެންދެން ހުންނެވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން، ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް، ޝަހީދުއާއެކު ދެން އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ.

ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ޝަހީދައަކީ، މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޝަހީދުގެ ފޭސްބުކްގައި، އެ ދުވަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވި ކަން ޝަހީދު ހާމަ ކުރައްވާފައިވެއެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާން ކުރީ އެ ދުވަހުއެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައިވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ހޯމް މިނިސްޓަރީގެ ނައިބު ކަމުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރު ދިފާއު ކުރުމުގައި އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދައަށް ވަކާލާތު ކުރެއްވި ސިޔާސީ ފަރާތެކެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އަދި ޖަމީލް އައްޔަން ކުރީ އެ މަގާމަށް ކުރިމަތިލީ 18 ބޭފުޅުންގެ ތެރެއިންނެވެ.

މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކި ކުރި ކުރުމާއެކު ވެސް ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.

މީގެކުރިން މުއިއްޒުގެ އަމުރަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެއްވެސް ކުށެއް ނެތް ދެ ފަނޑިޔާރުން ވަރަށް އަނިޔާވެރި ގޮތަކަށް ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރިއިރު, މުއިއްޒުވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ޖުޑިޝަރީއަށް ނުފޫޒު ނުފޯފުވާކަމަށް ބުނެ, ގުރުއާންގެ އަތްލާ ދޮގުހުވާކުރަންވެސް ތައްޔާރަށް ހުރިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް, ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މެމްބަރުންނަށް މުއިއްޒުވަނީ އަންގާފައެވެ. އެކަމަށްޓަކާ މުއިއްޒު މެމްބަރުނާ ބައްދަލު ކުރެއްވީ މުލިއާގޭގައެވެ. އަދި އެކަން އަންގާ ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި މުއިއްޒު ލިޔުއްވި މެސެޖްތައްވެސް ވަނީ މީޑިއާއަށް ލީކު ވެފައެވެ.

ދެ ފަނޑިޔާރުން ވަރަށް އަނިޔާވެރިކޮށް މަގާމުން ވަކި ކުރުމަށްފަހު, ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ވަނީ, ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދާ ޚިލާފް ވެފައެވެ. އެއީ ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ވިދާޅުވެ ވީ ވައުދެވެ.

އެގޮތުން މުއިއުއްޒު ފިޔަވާ, ވެރިކަމުގެ ދަހިވެތިކަމުގައި, މި އުސޫލުން ރައްޔިތުންނަށް ވީ ވައުދުތަކާ ޚިލާފް ވެވަޑައިގެންނެވި ވެރިއަކު ދިވެހި ތާރީޚު ދެކަފައެއް ނުވެއެވެ. މުއިއްޒުގެ ލެގަސީއަކަށް ވެގެންދާނީ އަނިޔާވެރިކަމާއި ދޮގާއި މަކަރާއި ހީލަތްތެރިކަން މެނުވީއެހެން ކަމަކަށް ވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.