ދައުލަތުގެ ކުންފުނިތަކުން ގަންނަ ކޮންމެ އެއްޗެއް ގަންނަންޖެހެނީ މާލީ ވަޒީރު، މޫސާ ޒަމީރު ދުރާލާ ހޯދާފައިވާ ކޯޓޭޝަން ތަކަށް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ. ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިޔާގައި ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ކުރީގެ ނާއިބް ރައީސް ވިދާޅުވެފައިވަނީ ކޮރަޕްޝަން މުޅިން ތަފާތު ހަރުފަތަކަށް ފިނޭންސް މިނިސްޓްރީން ގެންގޮސްފައިވާ ކަމަށެވެ.
މޫސާ ޒަމީރަށް އަމާޒުކޮށް، ޖަމީލް ލިޔުއްވާފައި ވަނީ، ޕީއެންސީއަށް ވެރިކަން ލިބުނުއިރު މާ ދުރުގައި ކުޅިބަލަން ތިބި އެތައް ބަޔަކު ކުއްލިޔަކަށް ވެރިކަމުގެ އެތެރެއަށް ވަދެ ދެމިގަތީ ލޮދި ހިކާތަކެއްހެން ކަމަށެވެ. މޫސާ ޒަމީރަކީ ޕީއެންސީ/ޕީޕީއެމް ވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ކުރި ފަރާތެއް ނޫނެވެ.
ބަޔަކު 5 އަހަރު ވަންދެން ކުރި ބުރަ މަސައްކަތް ބަލަން ދުރުގައި ތިބެ، ރާވައިގެން ގައުމު ކޮޅާލަން އައީ ކަމަށް ޖަމީލު ލިޔެފައިވެއެވެ.
މޫސާ ޒަމީރު ދައުލަތް ލޫޓުވުމަށް މުއިއްޒު އާއި އެކީ ގުޅިގެން ހިންގަމުންދާ ކޮރަޕްޝަނަށް ރިއާޔަތްކޮށް؛ ދައުލަތުގެ ބޮޑަތި ކުންފުނިތަކުން ގަންނަ ކޮންމެ އެއްޗެއް ގަންނަންޖެހެނީ މާލީ ވަޒީރު ދުރާލާ ހޯދާފައިވާ ކޮޓޭޝަން ތަކަށް ކަމަށް ޖަމީލު ލިޔެފައި ވެއެވެ.
ރައީސް މުއިއްޒު އާއި މޫސާ ޒަމީރުގެ ވައްކަމުގެ މިސާލެއް ދައްކަމުން ޖަމީލު ލިޔެފައި ވަނީ؛ ކުންފުންޏަކުން 10 މިލިއަން ޑޮލަރުގެ ވެހިކަލްތަކެއް ގަންނައިރު 5 ވަރަކަށް މިލިއަން ޑޮލަރު މޫސާ ޒަމީރުގެ ޖީބަށް ކަހާލާ ކަމަށެވެ.
ޓްވީތް ނިންމާލާފައި ވަނީ؛ ކޮރަޕްޝަނަށް ދެވިހިފާފައިވާ، ގައުމެއްގެ މާލީ ވުޒާރާ އޮތް ޤައުމެއް ގެނބިގެންދާނީ ބޮކިޖަހާފައި ކަމަށް ވިދާޅުވެއެވެ.
މޫސާ ޒަމީރު ދަނީ ރައްޔިތުންގެ ފައިސާ ހިފަހައްޓައި، އިންތިހާއަށް ކޮންޓެކްޓަރުންނާއި، ސަޕްލަޔަރުންނަށް އަނިޔާވެރިކަން ދައްކަމުންނެވެ. އާދައިގެ ވިޔަފާރީގައި ދިރިއުޅެމުންދިޔަ އެތައް ސަތޭކަ އާއިލާއަކާއި، އެ ވިޔަފާރި ތަކުގެ ވަޒީފާގައި ތިބި އެތައް ހާސް ރައްޔިތުންނެއް މިއަދު މޫސާ ޒަމީރު ވަނީ މަގުމަތި ކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރައްޔިތުންނަށް މިހާ ބޮޑު އަނިޔާވެރިކަމެއް ޤައުމުގެ ވެރިމީހާ މުއްސަނދި ކުރުމުގެ ބޭނުމުގައި ކުރިމަތިވި ފުރަތަމަ ފަހަރެވެ.