ޚަބަރު

ޤާނޫނާއި ޚިލާފަށް ޝުޖާޢުގެ ކުންފުނިތަކަށް 2 މަސް ދުވަސް ތެރޭ 42.5 މިލިއަން ރުފިޔާ ދޫކުރި އިރު، އެތައް ސަތޭކަ ކުންފުންޏަކަށް ފައިސާ ނުދީ ވަނީ ބަނގުރޫޓު ކޮށްފައި

ދިޔަވަރު
ޤާނޫނާއި ޚިލާފަށް ޝުޖާޢުގެ ކުންފުނިތަކަށް 2 މަސް ދުވަސް ތެރޭ 42.5 މިލިއަން ރުފިޔާ ދޫކުރި އިރު، އެތައް ސަތޭކަ ކުންފުންޏަކަށް ފައިސާ ނުދީ ވަނީ ބަނގުރޫޓު ކޮށްފައި

ސޯޝަލް މީޑިޔާ އެކްޓިވިސްޓް ހަސަން ކުރުސީ ލީކް ކޮށްލާފައިވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކޮށްފައިވާ ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި، ބާރަށު ދާއިރާގެ މަޖިލީސް މެމްބަރު އިބްރާހިމް ޝުޖާޢުއާއި އޭނާގެ ދެބެއިންގެ ދެދަރި މީހެއްކަމަށްވާ، މުޙައްމަދު ނާފިޒް (މި ސަރުކާރުގެ ނައިބު ވަޒީރެއް) ގެ ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާ ޤާނޫނާ ޚިލާފަށް ދޫކޮށްފައިވެއެވެ. މި ފައިސާ ދޫކޮށްފައިވަނީ 2023 ނޮވެމްބަރ 1 އިން 2024 ޖަނަވަރީ 10 އާ ދެމެދުގެ މުއްދަތުގައެވެ. މިއީ އެންމެ 2 މަސް ދުވަހުގެ ތެރޭގައި އެންމެ މީހަކަށް ދިން ފައިސާއެވެ.

ޕްރޮޖެކްޓް ދިނުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރިގޮތް

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 23.03 މިލިއަން ރުފިޔާގެ ރަސްމިއްޔާތެއް ބޭއްވުމުގެ ޕްރޮޖެކްޓް "އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް" އަށް ސީދާ ޙަވާލުކުރުމަކީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަޝްރޫޢުތައް ޙަވާލުކުރެވޭނީ ނެޝަނަލް ޓެންޑަރ ބޯޑުގެ ހުއްދައާ އެކުގައެވެ.

މިކަން އޮޅުވާލުމުގެ ގޮތުން، މި ޕްރޮޖެކްޓް ފުރަތަމަ ޙަވާލުކޮށްފައިވަނީ އެމްއެންޑީއެފް ހިއްސާވާ ކުންފުންޏެއް ކަމަށްވާ ސިވެކް (SIWEC) އަށެވެ. އޭގެފަހުން ސިވެކްއިން މި ޕްރޮޖެކްޓް 15.4 މިލިއަން ރުފިޔާއަށް ޝުޖާޢުގެ "އޮފިޝަލް އިވެންޓްސް" އަދި ނާފިޒްގެ "ކުއިކް ޝުއަރ" އަދި އެހެނިހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. ސިވެކް އަކީ އެމްއެންޑީއެފްގެ މަދު ފަރާތްތަކަކަށް ނާޖާއިޒް ގޮތުގައި މުއްސަނދިކަން ހޯދައިދޭ ކޮރަޕްޝަން އިންތިހާއަށް ބޮޑު އުވާލަން ޖެހޭ ކުންފުންޏެކެވެ.

ވަގު ބިލް ހެދުން

މި ކުންފުނިތަކުން ސިވެކްއަށް ހުށަހަޅާފައިވަނީ ތަފްޞީލީ ބިލްތަކެއް ނޫނެވެ. އެއްވެސް ޚިދުމަތެއްގެ ބްރޭކްޑައުންއެއް ނުވަތަ ތަފްޞީލު ހިމެނޭ ލިޔެކިޔުމެއް ހުށަނާޅާ ޖުމްލަ އަދަދަށް ބިލް ހެދުމުގެ އުޞޫލުން ބިލް ކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ރިޕޯޓުގައި މިއީ ވަގު ބިލް ހެދުން ނުވަތަ ބިލް އިންފްލޭޓް ކުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.

ފައިސާ ބޭނުންކުރެވުނު ގޮތް

ލިބުނު ފައިސާއިން އިބްރާހިމް ޝުޖާޢު އާއި އޭނާގެ ވިޔަފާރި ބައިވެރި އަޙްމަދު އަދްހަމް ވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދެ ލަގްޒަރީ އެޕާޓްމެންޓް ގަތުމަށް ޑައުން ޕޭމެންޓް ދައްކާފައެވެ. މީގެ އިތުރުން ބޮޑެތި ޢަދަދުތަކުން ފައިސާ ޢާއިލާގެ މެމްބަރުންނަށް ޓްރާންސްފަރ ކުރުމާއި ސްޕީޑް ބޯޓެއް ގަތުމަށް ޚަރަދުކޮށްފައިވެއެވެ. އަދި ކުޑަހެންވޭރު ގޭންގަށްވެސް ފައިސާ ދީފައިވާކަން ފާހަގަކުރެވެއެވެ.

ގަނެފައިވާ ދެ އެޕާޓްމެންޓަކީ:

  • ރެއިންޕާލް ރެސިޑެންސް އެޕާޓްމެންޓް ނަންބަރު 8B2
  • ރެއިންޕާލް ރެސިޑެންސް އެޕާޓްމެންޓް ނަންބަރު 11B2

ލިބުނު ފައިސާގެ މިންވަރު

ސަރުކާރުގެ އެކި މުއައްސަސާތަކުން ޝުޖާޢު އަދި ނާފިޒްގެ ކުންފުނިތަކަށް ލިބުނު ޖުމްލަ ޢަދަދުތަކަކީ:

  • ސިވެކްއިން 15,496,969.41 ރުފިޔާ
  • ސިޓީ ކައުންސިލުން 10,545,232.60 ރުފިޔާ (ކުއިކް ޝުއަރއަށް)
  • މިނިސްޓްރީ އޮފް ފިނޭންސްއިން 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސްއަށް)
  • އެޗްޑީސީން 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސްއަށް)
  • އެމްއޭސީއެލްއިން 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސްއަށް)
  • ވެމްކޯއިން 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސްއަށް)
  • އެސްޓީއޯއިން 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސްއަށް)

އެއީ މި މައްސަލަ ބެލުމާއި ހަމައަށެވެ. މިއަދާއި ހަމައަށް މީގެ އެތައް ގުނައަކަށް ރައީސް މުއިއްޒަށް ބައި އެޅޭގޮތަށް ގިނަ އަދަދެއްގެ ފައިސާ ޝުޖާޢުގެ ކުންފުނިތަކަށް ވަނީ އިވެންޓްތައް ހިންގުމުގެ ނަމުގައި މިލިއަނުން ދޫކޮށްފައެވެ.

ޤާނޫނީ ހަރަކާތް

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓުގައި މި މުޢާމަލާތްތައް ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މި މުޢާމަލާތްތައް ހާމަކުރެވުނުތާ މަދު މަސްތަކެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް މަޤާމުން ވަކިކުރެވުނެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ރައީސް މުއިއްޒުއެވެ.

މި މައްސަލައަކީ ނާޖާއިޒް މުއްސަނދިކަން (އިލިސިޓް އެންރިޗްމެންޓް) ގެ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް، އިތުރަށް ތަޙްޤީޤު ކުރުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ މި މައްސަލަ ބެލުން ހުއްޓުވާފައެވެ. ސަރުކާރުތެރޭގައި ހިނގާ ހުރިހާ ބޮޑެތި ވައްކަމެއްގައި ރައީސް މުއިއްޒަށް ދަނީ ބައި އެޅެމުންނެވެ. ޝުޖާޢު ހިމާޔަތް ކުރުމުގައި އޭނާ ބޭނުންވާ ބަޔަކު އަރުވައިގެން ސަރުކާރު ކުންފުންޏެއްގެ ތެޔޮ ބޯޓެއްގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރި ކުރިއަށް ދަނިކޮށް އެކަން ފުލުހުންނަށް އެނގިގެން އެ މައްސަލަ ބަލަން ފެށުމުން ރައީސް މުއިއްޒު ވަނީ އެކަން ވެސް ހުއްޓުވާފައި ކަމަށް އެކަމާއި ގުޅޭ މައުލޫމާތު ލިބި ހުރި ފަރާތަކުން ސޯޝަލް މީޑިޔާގައި ޓްވީޓް ކޮށް ހާމަ ކޮށްފައި ވެއެވެ.

ޝުޖާޢު އާއި ގުޅުން ހުރި ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާ ބަހާލި އިރު ޕްރޮޖެކްޓަތައް ނިންމާފައިވާ ކުންފުނިތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވަންދެން ހިފަހައްޓައި އެތައް ސަތޭކަ ކުންފުންޏެއް ރައީސް މުއިއްޒު ދަނީ ބަނގުރޫޓު ކުރަމުންނެވެ.