އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާއެކު އެ ދެ ބޭފުޅުން މިނިވަން ވުމުން އިންތިހާބީ ރައީސް މުއިއްޒު ހިތްހަމަ ނުޖެހުނުކަން ޕީއެންސީގެ އިސްފަރާތަކުން މިނޫހަށް ވަނީ ކަށަވަރުވެފައެވެ.
އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށް ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. 17 ނޮވެމްބަރު 2023 އިން ފެށިގެން މި ބާރު ފުރޮޅިގެން ދަނީ ޑރ މުހައްމަދު މުއިއްޒުގެ އަތްޕުޅަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމުން، އެމަނިކުފާނަށް، ރައީސް ޔާމީންގެ އަދަބު ލުއިކޮށް ދެވޭނެއެވެ. މުއިއްޒު ހިތްހަމަ ނުޖެހިފައިވަނީ އަދީބު މިނިވަން ކުރުމާއި އެކު، މުއިއްޒަށް ރައީސް ޔާމީން މިނިވަން ކުރެވޭނޭ ކަން އެންމެނަށް އެނގި، އެކަމަށް މުއިއްޒު އަރިހުން މީހުން އެދެން ފެށުމުންނެވެ.
މީގެ ކުރިން ލީކް ވެފައިވާ އޯޑިޔާ ކޯލަކުން، ހާމަވެފައިވަނީ އެކި ގޮތް ގޮތުން މަސައްކަތްކޮށްގެން މަޖިލީހަށް މީހުން "ޕޫލްކޮށް ނިމެންދެން" ޔާމީން މިނިވަން ނުކޮށް ބެހެއްޓޭނެ ގޮތެއް ހޯދުމަށް މުއިއްޒު ދައްކަވާފައިހުރި ވާހަކަ ތަކެވެ. އެހެންކަމުން، ޔާމީނުގެ ބާރު ނުފޯރާހެން ޕީއެންސީ ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ނެރޭނެ މީހުން ހަމަޖެހި ނިމުމުގެ ކުރިން ޔާމީން މިނިވަން ކުރުމާއި މެދު ސުވާލު އުފެދެއެވެ.
މިވަގުތު ރައީސް ޔާމީން ގޭ ބަންދުގައި ހުއްޓަސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތެއް އެމަނިކުފާނަކަށް ލިބިފައެއް ނުވެއެވެ. އަދި ސިޔާސީ ދެ އެއްވުމެއް ބޭއްވުމުން، މުއިއްޒުގެ ފަރާތުން ނުފޫޒު ފޯރުވައިގެން ޔާމީން އަލުން ޖަލަށް ގެންދާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ.
އަދީބުގެ އަދަބު ލުއިކޮށް ދިނުމާއި ގުޅިގެން އަދީބު މިނިވަންވި ގޮތަށް، ޔާމީނުގެ ސަޕޯޓަރުންނާއި ޕީޕީއެމް ހުރިހާ މެމްބަރުން އެކަމަށް އެދޭނެކަމަށް ވާނީ ޔާމީން 17 ނޮވެމްބަރ 2023 ގައި މިނިވަންކޮށްދިނުމެވެ.