ޚަބަރު

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރީ, ބާރަށު ޝުޖާއު 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލު އެކުލެވޭ ރިޕޯޓު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން ޕޮލިހަށް ހުށަހެޅުމުން

ދިޔަވަރު
ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރީ, ބާރަށު ޝުޖާއު 42.5 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ތަފްސީލު އެކުލެވޭ ރިޕޯޓު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން ޕޮލިހަށް ހުށަހެޅުމުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުގެ މަޤާމުން އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހުން ވަކިކުރީ ބާރަށު ދައިރާގެ މެމްބަރު އިބުރާހިމް ޝުޖާއު 42.5 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ލޫޓުވާލި ގޮތުގެ ތަފްސީލު އެކުލެވޭ އެނަލިސިސް ރިޕޯޓު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން ޕޮލިހަށް ހުށަހެޅުމުންކަން ހާމަވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މިހާރު ލީކު ކޮށްލާފައިވާ އިބުރާހިމް ޝުޖާއު 42.5 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ލޫޓުވާލި ގޮތުގެ ތަފްސީލު އެކުލެވޭ އެނަލިސިސް ރިޕޯޓު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން ޕޮލިހަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެ ރިޕޯޓު ޕޮލިހަށް އެމްއެމްއޭއިން ހުށަހަޅާފައިވަނީ 28 މާރިޗް 2024 ގައެވެ. އަލީ ހާޝިމް މަގާމުން ވަކިކޮށްފައިވަނީ, އޭނާއަށް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީ ވުމަށްވެސް ފުރުސަތު ނުދީ, އެއަހަރުގެ ޖުލައިމަހުގެ 22 ވަނަ ދުވަހުއެވެ.

އަލީ ހާޝިމް ގަވަރުނަރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގައި އެންމެ ބޮޑަަށް އަޑު އުފުލާފައިވަނީވެސް ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުކަންވެސް ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް އަލީ ހާޝިމް މަގާމުން ވަކިކުރުމާއި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ދެކޮޅު ހަދާފައި ވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއު, މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ޖެހިގެން އައި ދެމަސްތެރޭ ދައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާ ލޫޓުވާލިގޮތުގެ ހުރިހާ ތަފްސީލެއް, އެމްއެމޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން އެނަލިސިސްއިން ފުލުހުންގެ މުވައްސަސާއަށް ހުށަހަޅާފައިވާ އެނަލިސިސް ރިޕޯޓުގައި ހިމަނާފައި ވެއެވެ. މި ރިޕޯޓު ފުލުހުންގެ މުވައްސަސާއަށް ހުށަހެޅިތާ އެއް އަަހަރު ފާއިތުވެގެން ދިޔަ އިރުވެސް, މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މަނީ ލޯންޑަރ ކުރުމާއި ކޮރަޕްޝަނަށް ތުހުމަތުކޮށްފައިވާ އެއްވެސް މަސައްލައެއް ފުލުހުން މިހާތަނަށް ބަލާފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ރިޕޯޓުގައި ހިމަނާފައިވާ އެއްވެސް ކަމެއް ތަހުގީގު ނުކުރުމަށް މުއިއްޒުވަނީ ޕޮލިސް ސާވިސްއަށް އަންގާފައެވެ. އެމްއެމޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއިން އެނަލިސިސް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މުއިއްޒިގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ޝުޖާއުގެ ދެބޭންގެ ދެދަރި, މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްކަމަށްވާ ނާފިޒުގެ ކުއިކް ޝުއަރ ކުންފުންޏަށް 10,545,232.60 ރުފިޔާ ޖަމާކޮށްދީފައެވެ.

ތިރީމިވަނީ ދައުލަތުގެ މާލިއްޔަތުން މާބަރަށު މައިކު އިބުރާހިމް ޝުޖާއު 41 މިލިއަން ރުފިޔާ ލޫޓުވާލި ގޮތުގެ ކުރު ޚުލާސާއެކެވެ. މި ބޮޑު ޖަރީމާ އޭނާ ހިންގާފައިވަނީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ވަޒިފާގައި ހުރި އޭނާގެ ދެބޭންގެދެދަރު މުހައްމަދު ނާފިޒުއާއި ގުޅިގެންނެވެ. އަދި މި ޖަރީމާގައި އެމްއެންޑީއެފްގެ ސިފައިންގެ ވެލްފެއަރ ކުންފުނި ”ސިވެކް“ވެސް ޝާމިލްވާކަން ފާހަގަ ކޮށްލެވެއެވެ.

މި މައުލޫމާތު ހާމަވެފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް ރިޕޯޓުންނެވެ. މި ރިޕޯޓަކީ, ބާރަށު މައިކު ޝުޖާއުގެ ދައުލަތުގެ މާލިއްޔަތުން މި ފައިސާ ލޫޓުވާލި ގޮތުގެ ތަފްސީލުތައް ހާމަކޮށް އެމުވައްސަސާއިން އިތުރަށް ތަހުގީގު ކުރުމަށް މޮލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް މިއަދާއި ހަމައަށްވެސް ފުލުހުން ތަހުގީގު ކޮށްފައެއް ނުވެއެވެ.

އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް

ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ފަރާތުން މިހާރުވަނީ ލީކު ކޮށްލައިފިއެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.

23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:

  • މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
  • ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
  • މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައިވެއެވެ.
  • ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ” އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ހެންވޭރު ގޭންގުވެސް ހިމެނެއެވެ.

ބިލް ކުރުމުގެ މައްސަލަ:

  • ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
  • ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
  • އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.

ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:

  • ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
  • ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
  • ސްޕީޑް ބޯޓެއް ގަތުމަށް
  • ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް

ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:

  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2

ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)

  • ސިވެކުން: 15,496,969.41 ރުފިޔާ
  • ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
  • މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)

ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.

މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.