ޚަބަރު

މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ބާރަށު ޝުޖާއުގެ ދެބޭންގެ ދެދަރި ކޮއްކޮ ނާފިޒުގެ ކުއިކް ޝުއަރ ކުންފުންޏަކަށް ޖަމާ ކޮށްފައިވޭ

ދިޔަވަރު
މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ބާރަށު ޝުޖާއުގެ ދެބޭންގެ ދެދަރި ކޮއްކޮ ނާފިޒުގެ ކުއިކް ޝުއަރ ކުންފުންޏަކަށް ޖަމާ ކޮށްފައިވޭ

މުއިއްޒު ގެ މޭޔަރު ކަމުގައި އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި 10.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ސިޓީ ކައުންސިލުން, ބާރަށު ދާއިރާގެ މިހާރުގެ މެމްބަރު އިބުރާހިމް ޝުޖާއުގެ ދެބޭންގެ ދެދަރި ކޮއްކޮ ނާފިޒުގެ ކުއިކް ޝުއަރ ކުންފުންޏަށް ދީފައިވާކަން ހާމަ ވެއްޖެއެވެ.

މި މައުލޫމާތު ހާމަވީ، ރާއްޖޭގައި ހިންގާ ކަރަޕްޝަން އާއި ގާނޫނާ ޚިލާފު ކަންކަން ހާމަ ކުރަމުން ގެންދާ ހަސަންކުރުސީ ގެ އެކްސް އެކައުންޓުގައި ހޯމަ ދުވަހު ލީކު ކޮށްލި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ ކަމަށް ބުނާ ތަފްސީލު ރިޕޯޓެއް ގައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ތްރެޝްހޯލްޑް ޓްރާންސެކްޝަންސް ރިޕޯޓްސް (ޓީޓީއާރްއެސް) އިން ލިބެން ހުރި މަޢުލޫމާތުން ދައްކާ ގޮތުގައި، 2 ނޮވެމްބަރު 2022 އިން 7 ނޮވެމްބަރު 2023 އާ ދެމެދު، ޖުމްލަ 10,545,232.60 ރުފިޔާގެ މުޢާމަލާތް ކުއިކް ޝުއަރ ނަމަކަށް ކިޔާ ކުންފުންޏަކާ މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ.

މި މުޢާމަލާތްތަކުގެ ތަފްސީލުތައް ރިޕޯޓުގައި ދީފައިވާއިރު، ޖުމްލަ 12 މުއާމަލާތެއް އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލް އާ ދެމެދު ހިނގާފައިވެއެވެ. އެ މުއާމަލާތްތަކުގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް 265،000ރ ހިމެނޭ އިރު، 2.3 މިލިއަން ގެ ދެ ޓްރާންސެކްޝަން އެންމެ ބޮޑެތި އަދަދު ތަކުގެ ތެރޭގައި ފާހަގަ ވެއެވެ.

މި މުއްދަތަކީ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރުކަން ފާހަގަ ކުރެވޭ އިރު، މި މުއްދަތުގައި ކުއިކް ޝުއަރގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ނާފިޒު ގެ ކޮއްކޮއެއް ކަމަށްވާ މިހާރުގެ ބާރަށު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު އިބްރާހީމް ޝުޖާޢު މާލެ ސިޓީ ކައުންސިލުގައި ހުޅުމާލޭގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މި ރިޕޯޓު އެކުލަވާލާފައި ވަނީ 28 މާރޗް 2024 ގައެވެ.

މާލެ ސިޓީ ކައުންސިލުން ކުއިކް ޝުއަރ އަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތަކާއި ތާރީޚްތައް:

  1. ތާރީޚް: 2023-11-07 - ފައިސާގެ އަދަދު 500,000ރ
  2. ތާރީޚް: 2023-10-19 ފައިސާގެ އަދަދު 500,000ރ
  3. ތާރީޚް: 2023-10-19 ފައިސާގެ އަދަދު 500,000ރ
  4. ތާރީޚް: 2023-09-14 ފައިސާގެ އަދަދު 445,500ރ
  5. ތާރީޚް: 2023-09-13 ފައިސާގެ އަދަދު 445,500ރ
  6. ތާރީޚް: 2023-07-04 ފައިސާގެ އަދަދު 891,000ރ
  7. ތާރީޚް: 2023-06-22 ފައިސާގެ އަދަދު 950,000ރ
  8. ތާރީޚް: 2023-05-30 ފައިސާގެ އަދަދު 662,817ރ
  9. ތާރީޚް: 2023-05-22 ފައިސާގެ އަދަދު 2,376,000ރ
  10. ތާރީޚް: 2023-03-13 ފައިސާގެ އަދަދު 648,000ރ
  11. ތާރީޚް: 2022-12-06 ފައިސާގެ އަދަދު 2,361,415ރ
  12. ތާރީޚް: 2022-11-02 ފައިސާގެ އަދަދު 265,000ރ

އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް

ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ފަރާތުން މިހާރުވަނީ ލީކު ކޮށްލައިފިއެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.

23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:

  • މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
  • ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
  • މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައިވެއެވެ.
  • ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ” އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ހެންވޭރު ގޭންގުވެސް ހިމެނެއެވެ.

ބިލް ކުރުމުގެ މައްސަލަ:

  • ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
  • ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
  • އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.

ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:

  • ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
  • ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
  • ސްޕީޑް ބޯޓެއް ގަތުމަށް
  • ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް

ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:

  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2

ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)

  • ސިވެކުން: 15,496,969.41 ރުފިޔާ
  • ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
  • މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)

ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.

މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.