ޚަބަރު

ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް الله ގަންދީ ހުވާކުރާނެކަމަށް ވިދާޅުވި މުއިއްޒުގެ އަމުރަށް ހައި ކޯޓަށް އައްޔަން ކުރާ ބުއްދީގެ މައްސަލަ ހުންނަ ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރުން މިރޭ

ދިޔަވަރު
ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށް الله ގަންދީ ހުވާކުރާނެކަމަށް ވިދާޅުވި މުއިއްޒުގެ އަމުރަށް ހައި ކޯޓަށް އައްޔަން ކުރާ ބުއްދީގެ މައްސަލަ ހުންނަ ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރުން މިރޭ

ހައިކޯޓަށް އަލަށް އައްޔަންކުރެވުނު ދެ ފަނޑިޔާރުންގެ ހުވާކުރުން މިރޭ 8:30 ގައި ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވި ނަމަވެސް, މައްސަލަ ހުށަހަޅާފައި ވަނިކޮށް، ޖޭއެސްސީން ވަނީ މީޑިއާތަކަށް ދައުވަތު ފޮނުވައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެކަން އަންގާފައެވެ.

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ބަދަލުވުމުން ހައިކޯޓުގައި ހުސްވި ދެ މަގާމަށް 17 ފަރާތަކުން ކުރިމަތިލިއެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނިންމީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ މަގާމުތަކަށް އައްޔަންކުރުމަށެވެ.

މުހައްމަދު ޝަހީދަކީ މި ސަރުކާރު ފެށުނުފަހުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ފަރާތެކެވެ. އެކަމަކު މިމަހުގެ ކުރީކޮޅު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ. މީގެ އިތުރުން ޕީއެންސީ އާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.

އޭނާ ހައި ކޯޓަށް އައްޔަންކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ވަކީލް އަހުމަދު ނައުޝާދެވެ. މައްސަލަ ނިމެންދެން އައްޔަންކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް ވެސް އޭނާ އެދިފައިވެއެވެ.

ނައުޝާދު މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކަށް ފަނޑިޔާރުކަމުގެ މަގާމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ޝަރުއީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ގިނަ ބޭފުޅުން ކުރިމަތިލާފައިވާއިރު، އަމިއްލަ ކުންފުންޏެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކު ފަނޑިޔާރަކަށް އައްޔަންކުރުން އެކަށީގެންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ހައިކޯޓުގެ މި ދެ މަގާމަށް ކުރިމަތިލި 17 ފަރާތުގެ ތެރޭގައި ދަށު ކޯޓުތަކުގެ އެތައް ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނެއެވެ. ނަމަވެސް ޖޭއެސްސީން ނިންމީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކާއި އަމިއްލަ ދާއިރާގައި ވަކީލުކަން ކުރި ފަރާތެކެވެ.

މުއިއްޒުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުން ހިމެނެއެވެ. ނަމަވެސް ސަރުކާރުގެ މަސްލަހަތު ވަރަށް ބޮޑަށް އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް, ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކި ކުރި ކުރުމާއެކު ވެސް ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާ ކަމުގެ އަޑުތައް ވަނީ އިތުރުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ހުސްނުއްސުއޫދު ވަކި ކުރިއިރު މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ ސުއޫދަކީ ކުރިން އެމްޑީޕީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާފައިވާ ބޭފުޅުން ފަނޑިޔާރުންގެ މަގާމުގައި ތިބެގެން ނުވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވިއެވެ.

މީގެކުރިން މުއިއްޒުގެ އަމުރަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެއްވެސް ކުށެއް ނެތް ދެ ފަނޑިޔާރުން ވަރަށް އަނިޔާވެރި ގޮތަކަށް ސުޕްރިމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރިއިރު, މުއިއްޒުވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ޖުޑިޝަރީއަށް ނުފޫޒު ނުފޯފުވާކަމަށް ބުނެ, ގުރުއާންގެ އަތްލާ ދޮގުހުވާކުރަންވެސް ތައްޔާރަށް ހުރިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް, ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މެމްބަރުންނަށް މުއިއްޒުވަނީ އަންގާފައެވެ. އެކަމަށްޓަކާ މުއިއްޒު މެމްބަރުނާ ބައްދަލު ކުރެއްވީ މުލިއާގޭގައެވެ. އަދި އެކަން އަންގާ ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި މުއިއްޒު ލިޔުއްވި މެސެޖްތައްވެސް ވަނީ މީޑިއާއަށް ލީކު ވެފައެވެ.

ދެ ފަނޑިޔާރުން ވަރަށް އަނިޔާވެރިކޮށް މަގާމުން ވަކި ކުރުމަށްފަހު, ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ވަނީ, ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދާ ޚިލާފް ވެފައެވެ. އެއީ ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ވިދާޅުވެ ވީ ވައުދެވެ.

އެގޮތުން މުއިއުއްޒު ފިޔަވާ, ވެރިކަމުގެ ދަހިވެތިކަމުގައި, މި އުސޫލުން ރައްޔިތުންނަށް ވީ ވައުދުތަކާ ޚިލާފް ވެވަޑައިގެންނެވި ވެރިއަކު ދިވެހި ތާރީޚު ދެކަފައެއް ނުވެއެވެ. މުއިއްޒުގެ ލެގަސީއަކަށް ވެގެންދާނީ އަނިޔާވެރިކަމާއި ދޮގާއި މަކަރާއި ހީލަތްތެރިކަން މެނުވީއެހެން ކަމަކަށް ވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.