އެއްވެސް ޝައްކެއް ނެތް ގޮތުގައި ކޮންމެ ގައުމެއްގެވެސް މިނިވަންކަން ދަމަހައްޓާ, އެގައުމެއްގެ ސިލްމާއި ސަލާމަތު ރައްކާތެރިކުރުމުގެ އެންމެ މުހިންމު ޒިންމާއެއް އަދާކުރާންޖެހޭ ދެ މުވައްސަސާއަކީ ފުލުހުންނާއި ސިފައިންނެވެ.
އެގޮތުން ފުލުހުންގެ މުވައްސަސާއަކީ ގައުމުގެ އެތެރޭގައި ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއެއް އަދާކުރާ މުވައްސަސާއަށް ވެގެންދާއިރު, ސިފައިންގެ ވެގެންދަނީ ގައުމަށް ކުރިމަތިވާ އުދުވާންތަކާއި ބޮޑެތި ކާރިސާތަކުން ގައުމު ހިމާޔަތް ކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ފަރާތްތައް ކަމުގައެވެ. އެއީ ގައުމުގެ ދިފާއީ އައްޑަނައެވެ.
ފާއިތުވެދިޔަ ޒަމާންތަކުގައި މިހަގީގަތް މިރާއްޖެއިންވެސް ވަރަށްވެސް ފުރިހަމަޔަށް ތަމްސީލުވެގެން ގޮސްފައި ވެއެވެ. 1988 ގެ ތަމަޅައިންގެ އުދުވާންއިން މި ރާއްޖެ ދިފާޢު ކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި ދެމިތިބީ ދިވެހި ސިފައިންނެވެ. ހަމަ އެފަދައިން ގައުމުގެ އެތެރޭގެ މަސްލަހަތު ދަމަހައްޓާ, މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމުގައި ފާއިތުވެދިޔަ ތަނުގައި ދިވެހި ފުލުހުން އަދާ ކޮށްފައިވާ ދައުރަކީ ވަރަށްވެސް ބޮޑަށް ފާހަގަ ކޮށްލާންޖެހޭ ދައުރެކެވެ.
އެހެންނަމަވެސް, ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު މިއަދު މި ވަނީ މިހަގީގަތް ބަދަލު ވެފައެވެ. ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަނާއި ރިޝްވަތުގެ ހުތުރު އަމަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތް ދެ މުވައްސަސާއަށް މި ދެމުވައްސަސާ މިއަދު މިވަނީ ވެގެން ގޮސްފައެވެ. ވަކީން ޚާއްސަކޮށް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ސިޔާސީ ފަރާތްތަކާއި ގުޅިގެން ފާޅުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ދެ މުވައްސަސާއަށް މި ދެ މުވައްސަސާ ވެގެން ގޮސްފައިވާކަމީ ޝައްކެއް ނެތް މިންވަރަށް މިއަދު ފާޅުވާން އޮތް ހަގީގަތެކެވެ.
2013 ވަނަ އަހަރު ފުލުހުންނަށް ޚާއްޞަކޮށްގެން އެޅި ފްލެޓް މަޝްރޫޢު ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޕޮލްކޯ (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ)އިން ކުރިޔަށް ގެންގޮސްފައިވާކަަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ޕޮލްކޯއާ ހަވާލުކުރުމުން، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މަޝްރޫޢު އޮޑިޓްކުރި ތާރީޚުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޮޑިޓް ރިޕޯޓް ނެރުމަށްފަހު ޕޮލްކޯއިން ބައެއް ސިޓީތައް ފޮނުވާފައިވީ ނަމަވެސް، މަޝްރޫޢުގެ ބިޑިންގ ޕްރޮސެސް ކުރިއަށް ގެންދިޔަ ގޮތުގެ މަޢުލޫމާތު އެނގެން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއާއި ތަޙުޤީޤީ އިދާރާތަކަށް އޮޑިޓަރ ޖެނެރަލް އަންގާފައިވެސް ވެއެވެ.
ހަމަ އެއާއެކު ހުޅުމާލޭގައި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހިންގި ބްލޫ ހައުސިން މި ޕްރޮޖެކްޓުގެ މަސައްކަތާ ގުޅިގެން، އެ މަޝްރޫޢުއަށް އެތެރެކުރެވުނު އުޅަނދުތަކެއް ގެއްލުނު މައްސަލައިގައި އިތުރު ތަހުގީގުތަކެއްވެސް ކުރިއަށް ގެންދަން ފަށާފައި ވެއެވެ. މި ގޮތުން، އައިލެންޑް އެކްސްޕާޓް ކުންފުނީގެ އުޅަނދުތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި އަހަރުގެ ކުރީކޮޅު ހޯދާފައިވެއެވެ.
މަޝްރޫޢުއަށް އެތެރެކުރެވުނު ވެހިކަލްތަކުގެ މަޢުލޫމާތު ހޯދުމަށް އޭރުގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް މިއަހަރުގެ ކުރީކޮޅު ސިޓީއެއް ފޮނުވާފައިވާއިރު، 2016 އިން 2021 އަށް އައިލެންޑް އެކްސްޕާޓުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްގަމާއި ކަނޑު އުޅަނދުތަކުގެ މަޢުލޫމާތު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަށްވެސް ރައްޔިތުންގެ މަޖިލީހުން ސިޓީއެއް ފޮނުވާފައިވެއެވެ.
މި މަޝްރޫޢުގެ ތާރީޚަށް ބަލާއިރު، 2013 ގައި ހުޅުމާލޭގައި 13 ބުރީގެ 3 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑި އާއެވެ. ނަމަވެސް ފަހުން މި މަސައްކަތް އައިލެންޑް އެކްސްޕާޓާ ހަވާލުކުރެވުނެވެ. އެއްބަސްވުމަށް ގިނަ ބަދަލުތަކެއް ގެނެވި، އަގަށްވެސް ބަދަލުތަކެއް އައި ނަމަވެސް، މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ނުނިމުމުގެ ސަބަބުން 2021 ގައި އެއްބަސްވުން އުވާލެވުނެވެ. އޭގެފަހުން މަޝްރޫޢު ސަރުކާރުގެ ދަށަށް ގެނެވި، 2021 ގެ ޑިސެމްބަރު 30 ގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުއަށް އޮޑިޓްކުރެވުނު މުއްދަތުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މިއީ އާންމު މިންގަނޑުތަކަށް ބަލާއިރު 354.7 މިލިއަން ރުފިޔާ އާއި 240.1 މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކަށް އިތުރަށް ހޭދަކުރެވިފައިވާ ފައިސާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި އަދާއި ހަމައަށްވެސް މި ބޮޑު ކޮރަޕްޝަންގެ ފުރިހަމަ ތަހުގީގެއް ހިންގިފައެއް ނުވެއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ، 2013 ވަނަ އަހަރު ފުލުހުންނަށް ޚާއްޞަކޮށްގެން އެޅި ފްލެޓް މަޝްރޫޢުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޕޮލްކޯއިން މަސައްކަތް ކޮށްފައިވާ މައްސަލާގައި، އެ މަޝްރޫޢުގެ ލިޔެކިޔުންތައް ޕޮލްކޯގައި (ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގައި) ނެތްކަމަށް ފަހުން އޮޑިޓް އޮފީހުން ބުނެފައި ވެއެވެ. ފުލުހުންގެ އިސްވެރިން މެދުވެރިވެ މަޝްރޫޢުގެ ލިޔެކިޔުންތައްވެސް ނެތި ކޮށްލީއެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރއަކީވެސް މި ބޮޑު ކޮރަޕްޝަންގައި ޝާމިލްވާ ފަރާތެކެވެ.
އެއަށްފަހު މި ހަފްތާގައި އާންމު ވެގެން މިދިޔައީ ސިފައިންގެ ވެލްފެއަރ ކުންފުނި ”ސިވެކް“އިން ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާއި ގުޅިގެން ހިންގި ބޮޑު ކޮރަޕްޝަންގެ ވާހަކަތަކެވެ.

މުއިއްޒު ހުވާކުރި ރަސްމިއްޔާތަށް ޚަރަދު ކުރި 23 މިލިއަން ރުފިޔާއިން ޝުޖާއުއަށް ރިޝްވަތުގެ ފައިސާ ހޯދާ ދިނުމަށް އެހީތެރިވެދިނީ ސިފައިންގެ ވެލްފެއަރ ކުންފުނި ”ސިވެކް“އިންކަން މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް ރިޕޯޓުން ވަނީ ހާމަވެފައެވެ.
މި މައުލޫމާތު ހާމަވެފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް ރިޕޯޓުންނެވެ. މި ރިޕޯޓަކީ, ބާރަށު މައިކު, ޝުޖާއުގެ ދައުލަތުގެ މާލިއްޔަތުން މި ފައިސާ ލޫޓުވާލި ގޮތުގެ ތަފްސީލުތައް ހާމަކޮށް އެމުވައްސަސާއިން އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް މިއަދާއި ހަމައަށްވެސް ފުލުހުން ތަހުގީގު ކޮށްފައެއް ނުވެއެވެ.
އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް
ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ފަރާތުން މިހާރުވަނީ ލީކު ކޮށްލައިފިއެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.
23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:
- މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
- ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
- މި ގާނޫނީ މިންގަޑުން ރެކިގަތުމަށް، ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައިވެއެވެ.
- ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ” އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ހެންވޭރު ގޭންގުވެސް ހިމެނެއެވެ.
ބިލް ކުރުމުގެ މައްސަލަ:
- ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
- ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
- އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.
ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:
- ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
- ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
- ސްޕީޑް ބޯޓެއް ގަތުމަށް
- ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް
ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
- ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2
ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)
- ސިވެކުން: 15,496,969.41 ރުފިޔާ
- ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
- މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
- އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.
މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި, މުއިއްޒުގެ ވެރިކަމުގައި މިރާއްޖޭގައި މިއަދު އޮތް އެންމެ ކޮރަޕްޓް ދެ މުވައްސަސާއަށް ވެގެން ގޮސްފައިވަނީ ފުލުހުންގެ މުވައްސަސާއެވެ. ފުލުހުންގެ މުވައްސަސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާއިރު, މިރާއްޖޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އުފުލާންޖެހޭ މުވައްސަސާއަކީ މިއީއެވެ. އަދި އެމްއެންޑީއެފްއަކީ ގައުމުގެ މިނިވަންކަން ނަގަހައްޓާ ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އަދާކުރާންޖެހޭ މުވައްސަސާއަށް ވެގެންދާއިރު, ސިޔާސީ ފަރާތްތަކާއި ގުޅިގެން ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ އެންމެ ކުރީ ސަފުގައި މިއަދު މިއޮތީ އެ މުވައްސަސާއެވެ.
މިހާލަތުގައި އޮތް މި ދެ މުވައްސަސާއަށް ގައުމަށް ޚިދުމަތް ކޮށްދެވޭނީ ކިހިނަކުންތޯއެވެ. ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ކިހިނަކުންތޯއެވެ. މިއީ މުއިއްޒު އެނގި ހުރެ ގަސްތުގައި މިރާއްޖެ ގެންގޮސްފައިވާ ހާލަތެވެ.