ޚަބަރު

ފާޑު ކިޔުންތަކަށް ކެތްނުވެގެން ޝަހީދު ނަން ނެގިއަސް، ދެންވެސް އެތަނަން މުއިއްޒު އައްޔަން ކުރާނީ ހަމަ ޕަޕެޓެއް! ސަލާމަތުން އޮތް ޖުޑިޝިއަރީއެއް، މަޖިލީހެއް، މިނިވަން މުއައްސަސާއެއް ނެތް!

ދިޔަވަރު
ފާޑު ކިޔުންތަކަށް ކެތްނުވެގެން ޝަހީދު ނަން ނެގިއަސް، ދެންވެސް އެތަނަން މުއިއްޒު އައްޔަން ކުރާނީ ހަމަ ޕަޕެޓެއް! ސަލާމަތުން އޮތް ޖުޑިޝިއަރީއެއް، މަޖިލީހެއް، މިނިވަން މުއައްސަސާއެއް ނެތް!

ފާޑު ކިޔުންތަކަށް ކެތް ނުވެގެން ބުއްދީގެ މައްސަލަ ހުންނަ ޝަހީދު އޭނާގެ ނަން ނަގާނެ ކަމަށް ބުނުމަކީ ރައްޔިތުންނަށް ލިބުނު ކުރި އެރުމެއް ނޫނެވެ. އޭނާ ނަން ނެގިއަސް ދެންވެސް މުއިއްޒު އައްޔަން ކުރާނީ ހަމަ މިނިވަންކަމެއް ނެތް، ޕަޕެޓެކެވެ. މުއިއްޒު ބުނި ގޮތަށް ހުކުން ޖަހައިދޭނެ މީހެކެވެ.

ކޯޓުތަކަށް މީހުން އައްޔަން ކުރުމަކީ މުއިއްޒަށް ޤާނޫނު އަސާސީއިން ދީފައިވާ ބާރެއް ނޫނެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އޮތީ ތިން ބާރު ވަކިވެފައެވެ. އެ ބާރުތަކަށް ވެރިކަން ހިންގާ ބާރުން އަރާގަންނަ ހިސާބުން ވެރިކަމުގެ ޤާނޫނީ ސައްޙަކަން އެވަނީ ގެއްލިފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަކީ ޤާނޫނީ ގޮތުން ސައްޙަކަން ގެއްލިފައިވާ ވެރިކަމެކެވެ. އެ ވެރިކަން ހިފަހައްޓަމުން ދަނީ ސިފައިންނާއި ފުލުހުންގެ އިސްވެރިޔާގެ ގޮތުގައި މުއިއްޒު ހުރުމުގެ ސަބަބުން އެ ބާރުތައް ބޭނުން ކޮށްގެންނެވެ. ވެރިކަމުގައި އެހެރީ ގަދަ ބާރުގައެވެ. ޖުޑިޝިއަރީ ވަނީ މުއިއްޒުގެ މުށުތެރެއަށްލާ ފިތާލާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނަގާ ހުރާލީ ރާއްޖޭގެ ރައްޔިތުންގެ ދެލޯ ކުރިމަތީއެވެ. މަޖިލީސް ބްލެކްމެއިލްކޮށް ކޮންމެ ވަގުތަކުވެސް މަޖިލީސް މެމްބަރުން ވަކި ކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ހުރިކަމަށް މަޖިލީހުގެ މެމްބަރުން ހެކި ދެއެވެ.

އޭސީސީއާއި، އޭސީއާއި މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަން ކުރަނީ ސީދާ މުއިއްޒުއެވެ.

5 އަހަރުގެ ދައުރެއް ހަމަވަންދެން މުއިއްޒު ވެރިކަމުގައި ބެހެއްޓުން ވެގެން ދާނީ ރާއްޖެއަށް އިނދިކޮޅު ޕާޓީއިން ދޭނެ އެންމެ ބޮޑު އަނިޔާ އަށެވެ. ޤާނޫނީ ހަމަތަކުގެ މަތިން މުއިއްޒު ވެރިކަމުން ބޭލުމުގެ މަސައްކަތް މިހާރު ފަށަން ޖެހެއެވެ.