މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވީ އިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ޝުޖާޢު ނަގައިފިއެވެ. މުއިއްޒު އާއި އެއްބައިވެގެންނެވެ. ރާއްޖޭގެ އެއްވެސް ކުންފުންޏަކަށް ލިބެން ޖެހޭ މަސައްކަތުގެ ފައިސާއަކަށް ފިނޭންސް މިނިސްޓްރީއިން ފައިސާ ރަނގަޅަށް ދޫނުކޮށް އެ ހުރިހާ ކުންފުނިތައް ވަނީ ބަނގުރޫޓު ކޮށްފައެވެ.
މަޖިލީހުގެ ބާކީ ތިބި މެމްބަރުންގެ އާއިލާގެ ބައެއް މީހުންނަށް ދީފައިވާ ވަޒީފާގައި އަޅުވެތި ވެފައި ގަޅި ހެދިފައި އެމީހުން އެތިބީއެވެ. ގިނަ މެމްބަރުންނަކަށް ކުޑަ މިނުން ޝުޖާޢު ސަރުކާރުން "ލޮބްސްޓަރ" ކާއިރު "ލޮލީ ޕޮޕެއް" ވެސް ނުލިބެއެވެ. ދައުލަތުގެ މުދަލުން މުއިއްޒު އެކަނި ބިލިއަނެއް ވަރު ދޮޅު އަހަރު ތެރޭ ވަގަށް ދިމްޔާތަށް ގެންގޮސް އެއޮޮށްގެން ކަނީއެވެ. ދުވަސް ކޮޅަކަށް ހައްދާލަން ދިން 50،000ރ ނޫން އެއްޗެއް މަޖިލީސް މެމްބަރުންނަކަށް ނުލިބެއެވެ.
ކުޑަ މިނުން ގޮސް ދާއިރާގެ ތަރައްޤީއަށް އެއް ކަމެއްވެސް ކޮށް ދިނީކީ ނޫނެވެ. ރަށްރަށުގެ ރައްޔިތުން ހެއްދިހެން، ރަށަށް އަރައި، ސަޅި ބާސާ ކަނޑައި، ދޮގު ކައްޒާބު ވައުދުވުން ނޫންކަމެއް މަޖިލީސް މެމްބަރަކަށް މުއިއްޒު ނުކޮށްދެއެވެ.
މަޖިލީސް މެމްބަރުންނަށް ގެއްލޭނެ އެއްޗެއް މިއަދު ނެތެވެ. 12،000 މީހުންނަށް ދީފައިވާ ވަޒީފާއިން، މަޖިލީސް މެމްބަރެއްގެ އާއިލާގެ ދެތިން މީހަކަށާއި، ދަންނަ ހައެއްކަ މީހުންނަށް ލިބިފައިވާ ވަޒީފާއަކުން މާ ހާއްސަ ކަމެއް އިހުސާސް ވުމެކޭ ކާޅަށް ގުއި ކައިގެން ހާއްސަ ކަމެއް އިހްސާސް ވުމެކޭ އެއްވެސް ތަފާތެއް ނެތެވެ.
ރައްޔިތުން ކިޔާ އަޑު އިވެނީ މިހާ އަންހެންދުޅަ، ފިނޑި މަޖިލީހެއް ރާއްޖޭގެ ތާރީޚު އަދި ނުދެކޭ ކަމަށާއި، ފެންނަނީ މުއިއްޒު މަސް އަރިތަކެއް ދުމައްޓަށް ޖަހާހެން އުކާލާފަ ތިބި މެމްބަރުންތަކެއް، އަރާހާ ދުމެއްގައި ދުންޖެހި، ފިހި ނެގެން ގުޑާވެސް ނުލެވި ތިބި މަންޒަރު ކަމަށެވެ.