ކޮރަޕްޝަނުގެ ތެރެއިން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އިވެންޓް މެނޭޖު ކުރުމުގެ ނަމުގައި ޝުޖާއުގެ ކުންފުނިތަކަށް އަދި ޝުޖާޢު އާއި ގުޅުން ހުރި ކުންފުނިތަކަށް ދޫކޮށްފައި ވަނީ ކީއްވެގެންތޯ ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް މަޖިލީހުގެ އެތައް ޕީއެންސީ މެމްބަރުންނެއް ތިބި އިރު އެއިން މެމްބަރަކަށް މިއިން ޕްރޮޖެކްޓެއް ފޮނި މީރުކަން ނުލިބި ޝުޖާޢު އަށް މި މުއްސަނދިކަން މުއިއްޒު ދެމުން މި ދަނީ ކީއްވެތޯ؟ މި ސުވާލު ދަނީ ކުރެވެމުންނެވެ. މިއަދު މަޖިލީސްތެރެއިން މުއްސަނދިކަން ހާސިލް ކުރަމުން ދަނީ ފަލާހު އާއި، ނާޒިމްއާއި ޝުޖާޢު އެކަންޏެވެ. އެހެން ފަރާތްތަކަށް އޮތީ ގޮނޑު ދޮށަށް ލައްގާ ފިރުއައުނު މުދަލާއި، ތިން ވަޒީފާ ގަނޑާއި، 50،000ރ ގެ ނޫޓު ކޮޅެކެވެ. އެވެސް ރަސް ތަހުތުގައި އިންނެވި މުއިއްޒު ހިތަށް އެރިއްޔާއެވެ.
ފެކްޝަނެއް އުފެއްދުން
ދެވަނަ ބުރުގެ ވޯޓަށް ފަހު، މުއިއްޒަށް އިންތިހާބު ކާމިޔާބުވެ، ވެރިކަން ބަދަލުވުމުގެ މަރުހަލާ ފެށުނެވެ. އެ ޓްރާންސިޝަންގައި ވެރިކަމަށް ހޮވި، ވެރިކަމާއި ހަވާލު ނުވެ މުއިއްޒު ހުއްޓާ ޝުޖާޢު އާއި، ފިނިފެންމާ ސައީދުއާއި، ޝިޔާމު އާއި، ގައްސާނު އާއި، އާދަން ޝަރީފް ގްރޫޕް ހަދައި ފެކްޝަނެއް އުފެއްދިއެވެ. އޭރު ރައީސް ޔާމީނުގެ ބާރު ޕާޓީތެރެ އަދި އޮތުމުން އޭގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، މުއިއްޒުގެ ސަރުކާރު ބަލިކަށި ކުރުމަށް މުއިއްޒު އާއި ދެކޮޅަށް މި ފެކްޝަން އޮތްކަން މުއިއްޒަށް އަންގައި، ރައީސް ޔާމީން ކައިރިއަށް ނުގޮސް މުއިއްޒު އަށް ބައިއަތު ހިފުމަށް ޑިމާންޑްތަކެއް ހުރިކަން މުއިއްޒު އަށް މި ފެކްޝަނުން އެންގިއެވެ.
މި ފެކްޝަން އުފެއްދުމުގެ އަނެއް މަގުޞަދަކީ، މުއިއްޒު ހުރީ އޭނާގެ ވެރިކަމެއްގައި މިއިން އެއްވެސް މީހެއް ބައިވެރި ކުރުމުގެ ވިސްނުމެއްގައި ނޫންކަން މި މީހުންނަށް އޭރު އެނގިފައި އޮތުމުން، ބާކީ ވެފައިވާ މީ މީހުން އެއްވެ، ބޮޑު ފެކްޝަނެއް ގޮތުގައި މި މީހުން އެއްްކޮށް ތިބިކަން ދައްކައިގެން، މުއިއްޒު ކައިރިން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރަން ފަސޭހަ ވާނެ ކަމަށް ބަލައިގެން، އެ މަގުޞަދު ހާސިލް ކުރުމަށެވެ.
މި ފެކްޝަން ލީޑް ކުރީ ޝުޖާޢުއެވެ. ފެކްޝަނުގެ ފަރާތުން މުއިއްޒުއާއި މަޝްވަރާ ކުރުމުގެ އިސް ފަރާތަކަށް ހުރީ ވެސް ޝުޖާޢު އެވެ.
މުއިއްޒު އާއި ބައްދަލުކޮށް ޑިމާންޑް ހުށައެޅުން
މި މީހުންގެ މައިގަނޑު ޑިމާންޑަކަށް ވީ ވަޒީރު ކަމެވެ. ޝުޖާޢު ނޫން އެހެން ހުރިހާ އެންމެންގެ ޝަރުތަކަށްވީ ވަޒީރުކަމެވެ. ޝުޖާއުގެ ޝަރުތަކީ ސަރުކާރުގެ ހުރިހާ އިވެންޓެއް މެނޭޖްކުރުމަށް އޭނާއަށް ހަވާލު ކުރުމެވެ. މި ގޮތުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮޑުކޮށް ބާއްވައި، އެކަން އިންތިޒާމު ކުރުމުގެ ކަންކަން އޭނާއަށް ސިފައިންގެ ކުންފުނި މެދުވެރިކޮށް ސަބް-ކޮންޓްރެކްޓް އުސޫލުން ދިނުމަށް މުއިއްޒު އަށް ހުށައެޅިއެވެ. އަދި މިއިން "ރައީސް އަށް ހަމަ ރަނގަޅު ގޮތެއް ހަދައިދޭނެ" ކަމަށް ޝުޖާޢު މުއިއްޒު އަރިހު ބުނެފައިވެއެވެ.
މުއިއްޒު މި ޑިމާންޑްތައް ޤަބޫލު ކުރީ ކީއްވެ؟
މުއިއްޒު މި ހުރިހާ ޑިމާންޑެއް ޤާބޫލު ކުރިއެވެ. ރައީސް ސޯލިހު ވަނީ އޭރު ރައީސް ޔާމީން ގެއަށް ދޫކޮށްފައެވެ. ޕާޓީ ތެރެއިން މުއިއްޒު އާއި ދެކޮޅު ފެކްޝަނެއް އުފެދި، އެފެކްޝަން ރައީސް ޔާމީނުއާއި ގުޅި، ރައީސް ޔާމީނުގެ މައްޗަށް ޕީޕީއެމްގެ ފުރިހަމަ ކޮންޓްރޯލް ގޮސް މުއިއްޒަށް ވެރިކަން ކުރަން ދަތިވާނެ ކަމަށް މުއިއްޒު ވިސްނުނެވެ. އެހެންކަމުން ޝުޖާއުގެ ހުރިހާ ޑިމާންޑަކަށް މުއިއްޒު ފަސޭހަ ކަމާއި އެކު ދީލާލިއެވެ.
ޑީލް
އާދަން ޝަރީފު އާއި، ފިނިފެންމާ ސައީދު އާއި، ޝިޔާމު އާއި، ޤައްސާނު ޔާމީނު އާއި އެއްކޮޅަށް ނާރާނެ ކަމަށް ޝަރުތުކޮށް އެމީހުންނަށް މިނިސްޓަރު ކަން ދިނުމާއި، ޝުޖާޢު އަށް އިވެންޓް މެނޭޖްކުރުމުގެ ނަމުގައި ދައުލަތުން ގިނައަދަދެއްގެ ފައިސާ ދޫކުރުމަށް ދެފަރާތުން އެއްބަސްވެ ޑީލް ހެދިއެވެ.
އަދި މި ފައިސާ އިން ބައެއް، 4 ވަޒީރު "ބޭކަލުންނަށް" ދޭނެކަމަށް ޝުޖާޢު މުއިއްޒަށް ވައުދު ވެފައިވެއެވެ. މީގެ އިތުރުން މަޖިލީހުން ވަކި ބަޔަކު މުއިއްޒުގެ ސައިޑުގައި ބޭތިއްބުމަށް، މި ފައިސާއިން ބައި އަޅާނެ ކަމަށް ޝުޖާޢު ވަނީ މުއިއްޒަށް ވައުދު ވެފައެވެ. ނަމަވެސް ޝުޖާޢުގެ ފަރާތުން މިއިން އެއްވެސް މީހަކަށް ފައިސާ ފޮއްޗެއްވެސް ނުދީ ގޯއްޗާއި، ފްލެޓާއި، ޔޮޓު ތައް ގަނެ ޝުޖާޢު ދިރިއުޅެލަނީ މިލިއަނަރެއްގެ ދިރިއުޅުމެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު ސަބްކޮންޓްރެކްޓް ކުރަން އެންގުން
ހުވާކުރުމުގެ ރަސްމިއްޔާތު ޝުޖާއުގެ ކުންފުންޏަށް ދިނުމަށް އެމްއެންޑީއެފްގެ ސިވެކް އަށް އަންގާފައި ވަނީ ރައީސް މުއިއްޒުއެވެ. މުއިއްޒުގެ އެއްބާރުލުމާއި އެހީތެރިކަމާއި އެކު ސިވެކް އާއި ޝުޖާޢު އާއި ގުޅިގެން 23 މިލިއަން ރުފިޔާ އާއި އިތުރު 5 މިލިއަން ރުފިޔާއެއް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ނަމުގައި ޚަރަދު ކޮށް ޝުޖާޢުގެ ޖީބަށް ކަހާލިއެވެ.
ޑީލް ދެމެހެއްޓުން
ދިޔަވަރަށް ލިބިފައިވާ ސައްޙަ މައުލޫމާތުން ސާފުވާ ގޮތުގައި ކޮންމެ އިވެންޓަކުން ބޮޑު އަދަދަކުން ފައިސާ ރައީސް މުއިއްޒަށް ލިބިގެން ދިޔުމަކީ ޝުޖާޢު އާއި އެކު ހަދާފައިވާ ޑީލް ދެމެހެއްޓުމަށް މުއިއްޒު އެންމެ ބޮޑަށް މޯޓިވޭޓްވި ސަބަބެވެ. މީގެ އިތުރުން، މަޖިލީހުގެ އެހެން މެމްބަރުންނަށް ޝުޖާއު ރައީސް މުއިއްޒުގެ ނަމުގައި މިއިން ލިބޭ ފައިސާ ދޭ ކަމަށާއި، ޝުޖާއު ފައިސާދޭ ގިނަ ބަޔަކު މަޖިލީހުގައި މުއިއްޒު އާއި އެއްކޮޅަށް ތިބޭކަމަށް ބުނެ، މުއިއްޒަށް އެކަން ޔަގީންކަންދީ އޭގެ ކްރެޑިޓް ދަނީ ނަގަމުންނެވެ. މުއިއްޒު މިކަން ޤަބޫލު ކުރެއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ދިން މަޖިލީސް މެމްބަރަކު ހާމަ ކުރި ގޮތުގައި، ރަސްމާލެ ހިއްކުމުގެ ނަމުގައި ބޭއްވި އިވެންޓުން ޝުޖާޢު ނެގި ފައިސާއިން އެތިކޮޅެއް ލިބުނު ކަމަށާއި އެފަހުން ލޯލަރިއެއްވެސް ދީފައި ނުވާކަމަށް އޭނާ ޔަގީން ކޮށްދިނެވެ.
ރައީސް ޔާމީން ކައިރިއަށް ނުދިޔުމަށް ޝަރުތުކޮށް ފެށި މި ޑީލްގެ ތެރެއިން 200 އެތައް މިލިއަން ރުފިޔާއެއް މިއަދާއި ހަމައަށް ރައީސް މުއިއްޒު އަންގައިގެން ޝުޖާޢުގެ ކުންފުނިތަކަށް ދީ އެއިން، ސީދާ މުއިއްޒު މާލީ މަންފާ ހާސިލްކޮށް، އެތަކެއް ކޮރަޕްޝަނެއް ހިންގާ ހިންގުމަކީ މިއަދު ސާފުކޮށް އެނގެން އޮތް ހަޤީގަތެވެ. މުއިއްޒު އާއި މުއިއްޒުގެ މަދު އައުވާނުން ތަކަކަށް އިންތިހާއަށް ލިބެމުންދާ މުއްސަނދި ކަމުން، ދިވެހި ޤައުމު ދުވަހަކަށް ފަހު ދުވަހެއް ފަގީރުވެ، އެ ފަގީރުކަން ރައްޔިތުން އިންތިހާއަށް އިޙްސާސް ކުރަން ޖެހި، ނިކަމެތި ކަމާއި މިވަނީ ކުރިމަތި ލާން ޖެހިފައެވެ. އާންމުން ފަގީރުވެ، ކުދި ވިޔަފާރިތައް ފުނޑު ފުނޑުވެ، ރައްޔިތުންގެ ތަނަވަސްކަން މީގެ 55 އަހަރު ކުރީ ހުރި ހާލަތަށް ގެންގޮސް، މުސާރައިގެ އަޅުންނަށް 12،000 މީހުން ހަދައިގެން އިންތިހާބު ތަކަށް ރައްޔިތުންގެ ކަރު ބުޑަށް ހަރާން ފައިސާ ވެން މަސް ވެނަށް ކާން ދޭހެން ދީގެން މުއިއްޒު އެ ދަނީ އިންތިހާއަށް ކުރިއަށެވެ. ޤައުމުން ލިބެން ހުރި ހުރިހާ މޮޅަކާއި މުއްސަނދިކަމެއް ހާސިލް ކޮށް ބޭރުގެ އެކައުންޓުތައް ޑޮލަރު ނޫޓުތަކުން ފުރާލަމުންނެވެ. ދެކޮޅު ހަދާލައި މިވާހަކަ ދައްކާލާން ކެރޭ އޮޕަޒިޝަންއަކަށް އޮތީ މިއަދު ކުރިސީއާއި ދިޔަވަރު އެކަންޏެވެ.