ރައީސް ނަޝީދު މަޖިލީސް ރައީސް ކަމަށް ވަޑައިގަތީ، އަސްލަމަށް ރައީސް ކަން ހޯދަ ދިނުމަށް ތިމަންނާގެ ތާޢީދު އޮތްކަމަށް ބުނެ އެވެ. ރައީސް ނަޝީދުގެ ކެނޑިޑޭޓަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް އެންމެނަށް އެންގެވީ ސީދާ ނަޝީދެވެ. ޚުދު ރައީސް ނަޝީދު ވެސް، މަޖިލީސް ރައީސް ކަން ބޭނުންވާނަމަ، އެކަން އެހާ ފަސޭހައިން ނުވާނޭ ކަން އެމަނިކުފާނަށް އޭރު އެނގެއެވެ. މީޑިޔާގައި އާއި ސޯޝަލް މީޑިޔާގައި ނަޝީދު ނޫން ފަރާތެއް މަޖިލީހުގެ ރިޔާސަތުގައި އިންނެވުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާނެއެވެ. ވެރިކަމުގެ ބާރުތައް އަބަދު އެއް ބަޔެއްގެ މުށުތެރެއަށް ދިޔުމަށް ނޭދޭ، ޕާޓީގެ އާންމު މެމްބަރުންވެސް އެވާހަކަ ތައް ސޯޝަލް މީޑިޔާގައި ވެސް ދައްކާނެއެވެ. އެކަމަށް އިންކާރު ވެސް ކުރާނެއެވެ. އަދި ނަޝީދަށް އެ ފުރުޞަތު ނުދޭން ޖެހޭ އެތައް ސަބަބެއް ރައްޔިތުން ބުނެދޭނެއެވެ.
ރައީސް ނަޝީދު ހެއްދެވީ މަކަރެކެވެ. މިހުރިހާ ކަމެއްގެ ބުރަ ޖެއްސެވީ އަސްލަމް އަށެވެ. އެހެންކަމުން ރައީސް ނަޝީދާއި ދެކޮޅަށް ރައްޔިތުން ކުރަން އޮތް ކެމްޕެއިން ކުރީ ރައީސް ނަޝީދުގެ ކެނޑިޑޭޓް އަސްލަމް އާއި ދެކޮޅަށެވެ. ރައީސް ނަޝީދުގެ ފަރާތުން ޖަވާބު ދާރީ ލިބެންޖެހޭ ކަންކަމުގެ ޖަވާބުދާރީ ކުރުވަން މީޑިޔާ ނުކުތީ އަސްލަމްގެ ފަހަތުންނެވެ. ނަޝީދު މަޖިލިސް ރައީސް ކަމަށް އަންނަން ކަތިލި ކަންބަޅިއަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
ވޯޓުލާ ދުވަސްޖެހި، އެންމެ ފަހު ވަގުތު ކޮޅުގައި، އަސްލަމްގެ ނަން ނަންގަވައި، އަމިއްލަ ނަންފުޅު ނަޝީދު ލެއްވެވިއެވެ. އެ ހައްސާސް ދަނޑިވަޅަކީ އެގެނައި ބަދަލަށް އެމްޑީޕީ މަޖިލީސް މެމްބަރުން ތައްޔާރުވެގެން އަދި ވިސްނައިގެން ތިބި ވަގުތެއް ނޫނެވެ. އެހެންކަމުން، އެކަމަށް ދެކޮޅު ހަދަން ނުކެރި، ހަދާނެ ދެކޮޅަކީ ކޮބައިކަންވެސް ނޭނގި ނިންމީ ނަޝީދު މަޖިލީހަށް ހޮވާށެވެ. ކަން ހިނގާދިޔަ ގޮތަކީ މިއީއެވެ.
މިއަދު މި އޮތީ، ކަތިލި ކަނބަޅި ރައީސަށްވެ، ކަތިލި މީހާ ގުރުބާނީއަށް ވެފައެވެ. އެކަން އެމަގުން ހިނގަން މެދުވެރިވީ، ޑިމޮކްރެޓިކް ހަމަތައް ދޫކޮށްލައި، ޑިކްޓޭޓަރެއްގެ ސިއްކަ ޖެހިގެން ދިޔަ ގޮތުންނެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ހާލީގައި އޮވެ، އެމްޑީޕީއަށް އެތައް ގޮތަކުން ހާއިނުވެފައެވެ. މޭޔަރު އިންތިހާބުން ފެށިގެން އައި ހުރިހާ އިންތިހާބެއްގައި ކުޅުއްވީ ސީދާ އެމްޑީޕީއާއި ދެކޮޅަށެވެ. މި ހުރިހާކަމެއް އެމްޑީޕީ މެމްބަރުން ތިބީ ދެކޭށެވެ. ކެތްތެރިކަމާއި އެކުގައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބިވަޑައިނުގަތުމުން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް ނުކުމެވަޑައިގަތް ނުކުމެވަޑައިގަތުން ވެގެން ދިޔައީ ހުދުމުހުތާރު ކަން އިސްކޮށް، ޑިމޮކްރެސީގެ ހުރިހާ ހަމަތަކާއި ދެކޮޅަށް ނިންމި ނިންމުމަކަށެވެ.
ޕާޓީއިން ވަކިކުރި 39،000 މެމްބަރުންނަކީ ތިމަންނާގެ މެމްބަރުން ކަމަށް ބުނެ ސީދާ ކަނޑައެޅިގެން ހެއްދެވީ ދޮގެވެ. އެ މެމްބަރުން ޕާޓީއިން ވަކި ކުރުމަށް އިސްނެންގެވީ ނަޝީދުކަން މަޖިލީހުގެ ލިޔެކިޔުންތަކުން ފެންނަން އެހެރީއެވެ. އެކަމަށް ވޯޓު ލެއްވި މަޖިލިސް މެމްބަރުން ތެރޭގައި އެމަނިކުފާނުގެ "ބޯއިސް" ކޮޅު ތިއްބެވިކަން ވެސް މަޖިލީހުގެ ރަސްމީ ރިކޯޑުތަކުން އެހެރީ ފެންނާށެވެ.
ނަޝީދަށް ލިބުނު ވޯޓުގެ ތެރެއިން ބޮޑު އިންސައްތައެއް ލިބުނީ، ޕާޓީއިން ވަކިކުރި މެމްބަރުންނަށް ޕާޓީއިން ވަކިކުރި ސަބަބު ކިޔާ ނުދެވިގެން ގެއްލުނު ވޯޓުންނެވެ. އާދެ! ނަޝީދު ތަކުރާރުކޮށް ހެއްދެވި ދޮގު ގަބޫލުކުރެވިގެން ޕާޓީއިން ބަޔަކު ނަޝީދަށް ވޯޓު ކޮޅެއް ދިނީއެވެ. ނަމަވެސް އެއީ އެންމެ %7 އެވެ. ނަޝީދަކީ މިއަދު އެންމެ %7 ގެ ޑިކްޓޭޓަރެއް ކަން ސާފެވެ.
ދެން އައީ މަޖިލީހުގެ އިތުބާރުނެތް ކަމުގެ މައްސަލައެވެ. މި މައްސަލައިގައި ނަޝީދުގެ ފުރަތަމަ އުޒުރަކަށް ހެއްދެވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމުން އެއްވެސް މައްސަލައެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ ދެއްކެވި އުޒުރެވެ. އޭރު ނަޝީދު ވިދާޅުވަމުން ގެންދެވީ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން އެމަނިކުފާނަށް ވެސް އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނެ ގޮތެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ލިޔެފައި އޮތީކީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޖިލީހަށް ހާޒިރުނުވުމުން މަޖިލިސް ހުއްޓި ގާނޫނީ ހުސްކަމަކަށް ދާގޮތަކަށް ނޫނެވެ. ނަމަވެސް ޤާނޫނާއި ޚިލާފަށް އިތުބާރު ނެތް ބޭފުޅެއް ގޮތުގައި މަޖިލީހުގައި ނަޝީދު އިންނެވީ ބާރާއި، މަގާމުގެ ޝަރަފް ދޫކޮށްލަން ނަޝީދު ބޭނުން ނުވެގެންނެވެ. ޚުދުމުހުތާރު ޑިކްޓޭޓަރަކަށް ވެގެންނެވެ.
"އެނގޭ އެއްޗަކީ އޭނަ (ނަޝީދު) ގެ ނުފޫޒު އެތައް ގުނައަކަށް ބޮޑަށް އެހެން ހުރިހާ އެންމެންނަށް ވުރެ ޕާޓީތެރޭގައި ބޮޑުކަން. އަންނިގެ ސިޔާސީ ފިކުރާއި އަޅުގަނޑުގެ ސިޔާސީ ފިކުރު އެލައިންވާކަށް ނުޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަންތައްތައް ނިންމަންޖެހޭނީ ގިނަ ބަޔަކު ވާހަކަ ދައްކައިގެން ކޮންސެސްއަކަށް އައިސްގެން،" ނަޝީދުގެ އާއިލާގެ ނުފޫޒު ގަބޫލުކުރާ މިންވަރަށް ވުރެ މާ ބޮޑަށް އެމްޑީޕީ ތެރޭގައި އެބައޮތް ވިދާޅުވެ މަރުހޫމް ގޯގޯ ލަތީފް 2008ވަނަ އަހަރު ވިދާޅުވި އެވެ.
އެ ޚުދުމުތާރު ނަޝީދުގެ ސިފަ ރައްޔިތުންނަށް ސާފުކޮށް ފެންނަން މިފެށީ އަދި ކިރިޔާއެވެ. އޭރުވެސް އެކަން އެނގޭ ފަރާތްތަކަށް ވަންހަނާވެގެން ނުވެއެވެ. ނަމަވެސް ހިތާމައަކީ ނަޝީދުގެ ކިބުރުވެރިކަމާއި، ބޮޑާ ކަމާއި، އަނެކާ ދަށްކޮށް ތިމަންނާ ވަރުގެ މީހެއް ނެތްކަމަށް ދައްކާ ވާހަކަތަކާއި، ނަފްރަތާއި، ހަސަދައާއި އެކު އަމިއްލަ އެދުމުން ފޯވެގެން ޖާހަތަށް އެކުރާ މުޑުދާރު މަސައްކަތް ނުފެންނަ ބޯއިސް ކޮޅެއް އަދިވެސް އުޅޭތީއެވެ.
މަޖިލީހުގައި އެތައް ހަޑިއެއް ހޭވުމަށްފަހު، އިސްތިއުފާ އެދިނީ އަރާނެ ގޮޅިއެއް ނެތި، ޑިކްޓޭޓަރަކަށްވެ ނިމިގެންނެވެ.