ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެމީހުންނަކީ, ދަައުލަތުގެ މާލިއްޔަތުން 42.5 މިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކޮށްފައިވާ ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުއާއި ގުޅުން އޮންނަ ކަމަށް ޝައްކު ކުރެވޭ ދެމީހުންކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހު 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37އ) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު ، އިބްރާހީމް ކަލީމް (34އ) އެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ބާރަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.