ޚަބަރު

މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީން ހުށަހަޅާނީ އަސްލަމްގެ ނަން

ދިޔަވަރު
މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީން ހުށަހަޅާނީ އަސްލަމްގެ ނަން

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްގެ ނަން ހުށަހެޅުމަށް ފާސްކޮށްފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ 49 މެމްބަރުންގެ ސޮޔާ އެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

މިރޭ ބޭއްވި އެ ޕާޓީގެ ޕިޖީ ގްރޫޕުގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާއިރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާ ފަށާނެ އެވެ. އެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ރިޔާސަތަށް މެމްބަރަކު އިންތިހާބު ކުރުމެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގައި އަސްލަމް އެ މަގާމަށް ގެނައުމަށް ބޭނުންވާ ވަރަށް މެމްބަރުން ތިއްބަވާނެ އެވެ.

މަޖިލިސް 19 ގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމްއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވި އިރު އެމަނިކުފާނުގެ ރަނިން މޭޓެވެ. އަދި, މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުކަން ވެސް އަސްލަމް ގެންދަނީ ފުރުއްވަމުންނެވެ.