ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ހިޔާލު ހުށަހަޅަން އެކަށީގެންވާ ވަގުތު ނުދީ، އެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލިކަން ދެއްކުމަށް ރައްޔިތުންގެ މަޖިލީހުން އިއުލާނެއް ކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ހުށަހެޅުއްވި ބިލާމެދު އިދިކޮޅު އެމްޑީޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އަދި އެ ބިލަށް ބައެއް ކައުންސިލްތަކާއި އާންމުން ފާޑުކިޔަމުން ދަނިކޮށް އެ ބިލް ހިޔާލަށް ހުޅުވައިލީ މިއަދު ހަވީރު 6:00 ހާއިރު އެވެ.
"އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ 5 އޯގަސްޓު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އީމެއިލް, decentralization_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ލިޔުމުން ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.
ހޯމަ ދުވަހު އޮފީހުގެ ރަސްމީ ވަގުތު ނިމުނު ފަހުން ބިލަށް ހިޔާލު ހުށަހަޅަން ހުޅުވައިލިއިރު، އެ ކަމަށް ދީފައި ވަނީ ޖުމުލަ 19 ގަޑިއިރެވެ.
ބިލްގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު ލާމަރުކަޒީ ކޮމިޓީއަށް ދިރާސާކުރަން ވަނީ ފޮނުވައިފަ އެވެ.
ގާނޫނުގެ ދަށުން މިނިވަންކަމާއެކު ކައުންސިލުތަކަށް މިހާރު ވިޔަފާރި ކުރެވުނު ނަމަވެސް ބިލުގައި ވަނީ އެކަމަށް ހުރަސްތަކެއް ކުރިމަތި ކުރަން ހުށަހަޅައިފަ އެވެ. އެގޮތުން، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.
ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.
އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.