ސަރުކާރުން އަމިއްލަ ވިޔަފާރިތައް ލައްވައި ކުރުވި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކުންފުނިތައް ބަނގުރޫޓުކޮށް، އެތައް ބަޔަކު ހާލު ގައި ޖައްސުމަށް ފަހު، ޓެކްސް ނެގުމުގެ ކަންކަން ބަލަހައްޓާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދީފައިވާ ބާރުތައް އިތުރުކޮށް ޓެކްސް ޖޫރިމަނާ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް މުއިއްޒު ހުށަހަޅައިފި އެވެ.
ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހަޅާ މި ބިލު ސްޕޮންސާ ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ. މުހައްމަދު އިސްމާއިލް މި ބިލް ހުށައަޅަނީ ސަރުކާރުގެ ފަރާތުންނެވެ. މި ބިލު ހުށަހެޅުމުގެ މަގްސަދުގެ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބެންވ ފައިސާ ހޯދުމުގައި މީރާއަށް ލިބޭ ބާރުތައް މުރާޖާކޮށް، ޓެކުހާ ގުޅޭ ކުށާއި ކުށުގެ އަދަބު ބޮޑުކުރުން ހިމެނެ އެވެ.
މި ބިލާއި އެކު، މުއިއްޒު ފައިސާ ނުދީ ނިކަމެތި ކޮށްފައިވާ ކުންފުނިތަކުގެ ވެރިން ދެން ދާން ޖެހޭ ތަނަކީ ޖަލުގެ ކުޑަ ގޮޅިކަމަށް ވެގެން ދެއެވެ. ބަޔަކަށް ނިޒާމެއްގެ ތެރެއިން އަނިޔާވެރި ވެވޭނީ މިހާކަށް ވަރަކަށެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.05 ޕަސެންޓުން ނުދައްކާ ފަރާތް ޖޫރިމަނާ ކުރެވެ އެވެ. ސަރުކާރުން ގާނޫނު ބަދަލުކުރަނީ ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި ނުދައްކާ އޮތް އަދަދުގެ 0.1 ޕަސެންޓު ނެގުމަށެވެ.
މިސާލަކަށް ބަލާއިރު މީރާއަށް ފަސް ލައްކަ ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކަން ޖެހިފައި އޮތް ވިޔަފާރިއަކަށް ދުވާލެއްގެ މައްޗަށް ޖޫރިމަނާގެ ގޮތުގައި ކުރީގެ ރޭޓުން އަރާނީ 250ރ. އެވެ. ނަމަވެސް އާ ރޭޓުގައި އެ އަދަދު ދުވާލެއްގެ މައްޗަށް 500ރ. އަށް ބޮޑުވާނެ އެވެ.
އޭގެ އިތުރުން، ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށެއްގެ ގޮތުގައި މީގެ ކުރިން ޖަލަށްލައި ޖޫރިމަނާއެއް ނުކުރެ އެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 250،000ރ. އިން ޖޫރިމަނާކޮށް އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެ އެވެ.
މި ބަދަލުތަކުގެ އިތުރުން ވެސް ޓެކްސްއާ ގުޅޭ ގިނަ ކަންކަމުގައި މީރާއަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް އެ ބިލު އޮތީ ފަރުމާކޮށްފަ އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާނެ އެވެ.
މިފަދަ ބިލެއް ސަރުކާރުން ހުށަހަަޅާފައި މިވަނީ ދައުލަތުގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ފައިސާ ނުލިބޭ ކަމުގެ ކަންބޮޑުވުން ގިނަ ވިޔަފާރިތަކަކުން ކުރަމުން އަންނަނިކޮށެވެ.