ޚަބަރު

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ކަނޑައެޅި ބަޖެޓުން ބާރަށު މައިކު 15 މިލިއަން ރުފިޔާ ދަމައިގަތީ, އިންތިގާލީ އޮފީހުގެ ފަރާތުން އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ބެލެެހެއްޓި ކޮމިޓީގެ މުގައްރިރަކަށް އިނދެ

ދިޔަވަރު
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް ކަނޑައެޅި ބަޖެޓުން ބާރަށު މައިކު 15 މިލިއަން ރުފިޔާ ދަމައިގަތީ, އިންތިގާލީ އޮފީހުގެ ފަރާތުން އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ބެލެެހެއްޓި ކޮމިޓީގެ މުގައްރިރަކަށް އިނދެ

ސިފައިންގެ ވެލްފެއަރ ކުންފުނި މެދުވެރިކޮށް ބާރަށު މައިކު, ޝުޖާއު ކޮރަޕަޝަން ހިންގިއިރު, އިންތިގާލީ މަރުހަލާގައި, މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ބެލެެހެއްޓި ކޮމިޓީގެ މުގައްރިރަކަށް އިނީވެސް އޭނާކަން އެނގިއްޖެއެވެ.

މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އުފެއްދި އިންތިގާލީ އޮފީހުން އެކި މަސައްކަތްތަކަށް ކޮމިޓީތައް ނަގާފައި ވެއެވެ. އެގޮތުން, މުއިއްޒު ހުވާކުރުމުގެ ރައްމިއްޔާތުގެ އެންމެހާ ކަންކަން ބެލެހެއްޓުމަށްވެސް ވަކި ޚާއްސަ ކޮމިޓީއެއް ނަގާފައި ވެއެވެ. "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ ކޮމިޓީގެ މުގައްރިރަކަށް, އިންތިގާލީ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަބުދުއްރަހީމް ހަމަޖެއްސެވީ ބާރަށު މައިކު ޝުޖާއުއެވެ.

އޭނާ އެމަގާމަށް ހަމަޖެއްސުމަށްފަހު, ހުވާކުރުމުގެ އެންމެހާ ކަންކަން ބަލަހައްޓާފައިވަނީ ސީދާ ބާރަށު މައިކު ޝުޖާއުގެ ބެލުމުގެ ދަށުންނެވެ. މިހާރު އާންމުވެފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެނަލިސިސް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ހުވާކުރުމަށް ކަނޑައެޅި 23 މިލިއަން ރުފިޔާގެ ބަޖެޓުން ބާރަށު މައިކު ޝުޖާއުގެ ކުންފުންޏަށާއި އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ އަދި އޭނާއާއި ގުޅުން އޮންނަ ކުޑަ ހެންވޭރު ގޭންގާއި ގުޅުން އޮންނަ ކުންފުންޏަކަށް ޖުމްލަ 15 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

އެހެންކަމުން މި މުއާމަލާތުން އެނގޭ ގޮތުގައި, ބާރަށު މައިކު ޝުޖާއު ސިފައިންގެ ވެލްފެއަރ ކުންފުނި މެދުވެރިކޮށް މި ކޮރަޕްޝަން ހިންގާފައިވަނީ އޭނާގެ އަމިއްލަ މަސްލަހަތު އޮންނަ މަގާމެއްގައި ހުރެ, މު މަސައްކަތަށް ސީދާ ގޮތެއްގައި ނުފުޒު ފޯރުވައިގެންނެވެ.

މިހާރު ލީކު ވެފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އެނަލިސިސް ރިޕޯޓުން ހާމަވެފައިވާ ގޮތުގައި މުއިއްޒު ހުވާކުރި ރަސްމިއްޔާތަށް ޚަރަދު ކުރި 23 މިލިއަން ރުފިޔާއިން ޝުޖާއުއަށް ރިޝްވަތުގެ ފައިސާ ހޯދާ ދިނުމަށް އެހީތެރިވެދިނީ ސިފައިންގެ ވެލްފެއަރ ކުންފުނި ”ސިވެކް“އިންނެވެ.

މި މައުލޫމާތު ހާމަވެފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ އެމްއެމްއޭގެ ފައިނޭންޝަލް ރިޕޯޓުންނެވެ. މި ރިޕޯޓަކީ, ބާރަށު މައިކު, ޝުޖާއުގެ ދައުލަތުގެ މާލިއްޔަތުން މި ފައިސާ ލޫޓުވާލި ގޮތުގެ ތަފްސީލުތައް ހާމަކޮށް އެމުވައްސަސާއިން އިތުރަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާގެ މުއާމަލާތްތައް މިއަދާއި ހަމައަށްވެސް ފުލުހުން ތަހުގީގު ކޮށްފައެއް ނުވެއެވެ.

އިބްރާހީމް ޝުޖާޢު އާ ބެހޭ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް

ބާރަށު ދާއިރާގެ މެމްބަރު އިބުރާހިމް ޝުޖާއުއާ ބެހޭގޮތުން 2023 ނޮވެންބަރު 1 އިން 2024 ޖެނުއަރީ 10 އާ ހަމައަށް ހިމެނޭ މުއްދަތުގެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓް ފުލުހުންގެ ފަރާތުން މިހާރުވަނީ ލީކު ކޮށްލާފައެވެ. އޭނާއާއި އޭނާގެ ދެބޭންގެދެދަރި، ޑެޕިއުޓީ މިނިސްޓަރު ނާފިޒަށް މާލޭ ސިޓީ ކައުންސިލް، ސިވެކް އަދި އެހެން ފަރާތްތަކާއި ގުޅިގެން 42.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބައެއް ކުޑަހެންވޭރު ގޭންގަށް ދޫކޮށްފައިވެއެވެ.

23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް:

  • މުއިއްޒުގެ ރައީސްކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވީ ތައްޔާރީތަކަށް ކަނޑައެޅި ބަޖެޓް ފަހުން ބޮޑުކޮށް, ޖުމްލަ 23.03 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް “އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް”އަށް ގާނޫނާއި ޚިލާފަށް ދޫކޮށްފައި ވެއެވެ.
  • ޕަބްލިކް ފައިނޭންސް ރެގިއުލޭޝަން ގައި 5 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ޕްރޮޖެކްޓްތައް ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދަ ނެތި ދިނުން މަނާކޮށްފައިވެއެވެ.
  • ކޮންޓްރެކްޓް އެމްއެންޑީއެފްގެ ސިވެކަށް 23.03 މިލިއަން ރުފިޔާ އަށް ދީފައި ވަނީ މި ގާނޫނީ މިންގަޑުން ރެކިގަތުމަށެވެ.
  • ދެން ސިވެކުން 15.4 މިލިއަން ރުފިޔާ އަށް “އޮފިޝަލް އިވެންޓްސް” އާއި ޝުޖާއުގެ ކޮއްކޮ (ދެބޭންގެދެދަރި) މުޙައްމަދު ނާފިޒުގެ “ކުއިކް ޝުއަރ” އާއި އެހެން ބައެއް ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަ ހެންވޭރު ގޭންގުވެސް ހިމެނެއެވެ.

ބިލް ކުރުމުގެ މައްސަލަ:

  • ސިވެކަށް ޖުމްލަ ބިލް ކޮށްފައިވަނީ, އައިޓަމައިޒް އިންވޮއިސް/ޚިދުމަތުގެ ތަފްސީލު ނުދީއެވެ.
  • ސިވެކްގެ މެނޭޖްމަންޓް މި މުޢާމަލާތުގައި ބައިވެރިވެފައި ވެއެވެ.
  • އެފްއައިޔޫގެ ރިޕޯޓުގައި މިއީ އިންވޮއިސް ޕެޑިންގ/ދޮގު ބިލިންގ ކަމަށް ބުނެފައި ވެއެވެ.

ފައިސާގެ ބޭނުން: އިބްރާހީމް ޝުޖާޢު އަދި އޭނާގެ ބިޒްނަސް ޕާޓްނަރ އަޙްމަދު އާދުހަމް ފައިސާ ބޭނުން ކޮށްފައިވަނީ:

  • ރެއިންބޯ ކޮންސްޓްރަކްޝަން/ރެއިންބޯ ސިންގަލް ޑިވެލޮޕަރސް އިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް
  • ކުޑަހެންވޭރު ގޭންގަށް ފައިސާ ދިނުމަށް
  • ސްޕީޑް ބޯޓެއް ގަތުމަށް
  • ޢާއިލާގެ މެންބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް

ކޮރަޕްޝަންގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް:

  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 8B2
  • ރެއިންޕާލް ރެސިޑެންސް އެޕާޓްމަންޓް ނަންބަރު 11B2

ސަރުކާރު މުއައްސަސާތަކުން ލިބުނު ޖުމްލަ ފައިސާ: (ޝުޖާގެ އޮފިޝަލް އިވެންޓްސް އާއި ނާފިޒުގެ ކުއިކް ޝުއަރ)

  • ސިވެކުން: 15,496,969.41 ރުފިޔާ
  • ސިޓީ ކައުންސިލުން: 10,545,232.60 ރުފިޔާ (ކުއިކް ޝުއަރ)
  • މިނިސްޓްރީ އޮފް ފިނޭންސްއިން: 9,848,281.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެޗްޑީސީން: 3,767,040.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެމްއޭސީއެލްއިން: 1,296,000.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • ވޭމްކޯއިން: 1,043,982.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)
  • އެސްޓީއޯއިން: 497,600.00 ރުފިޔާ (އޮފިޝަލް އިވެންޓްސް)

ގާނޫނީ މައްސަލަ: އެފްއައިޔޫ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި މުޢާމަލާތްތަކަކީ ޕީނަލް ކޯޑުގެ 151 ވަނަ މާއްދާގެ ދަށުން ކުށެއް ކަމުގައި ވެދާނެ ކަމަށެވެ. މިއީ ނާޖާއިޒު މުއްސަނދިކަން (ޕީނަލް ކޯޑު، މާއްދާ 151) ކަމަށް ފާހަގަކޮށް، މިކަން އިތުރަށް ތަޙުޤީޤު ކުރަން ޖެހޭކަމަށް ނޯޓްކޮށްފައިވެއެވެ.

މި ރިޕޯޓް ފުލުހުންނާއި އޭސީސީއޭ އަށް ފޮނުވާފައި މަސްދުވަސް ކޮޅެއްގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަޒީފާއިން ވަކި ކޮށްފައި ވެއެވެ.

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ބެލެެހެއްޓި ކޮމިޓީގެ މުގައްރިރަކަށް އިންތިގާލީ މަރުހަލާގައި އިނދެ,ބާރަށު މައިކު ޝުޖާއު އެކޮމިޓީގެ ހުރިހާ މަސައްކަތްތަކަށް ނާޖާއި ނުފޫޒު ފޯރުވާ, ސިފައިންގެ ވެލްފެއަރ ކުންފުނި މެދުވެރިކޮށް ހިންގި ކޮރަޕްޝަންއަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ތަހުގީގުކޮށް ބަލާންޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ފާހަގަކުރަމުންނެވެ.