ޚަބަރު

އެމްޑީގެ މަގާމަށް އައްޔަން ކުރުމާއެކު އެންމެ ފުރަތަމަވެސް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެތައް އާއިލާއެއް މަގުމަތި ކޮށްލި ބުރިގޭޑިޔާ ޖެނެރަލް ޒުހައިރު ދަނީ ޕެންޝަނާއި މުސާރައިގެ ގޮތުގައި މަހަކު 138,000 ރުފިޔާ ނަގަމުން

ދިޔަވަރު
އެމްޑީގެ މަގާމަށް އައްޔަން ކުރުމާއެކު އެންމެ ފުރަތަމަވެސް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އެތައް އާއިލާއެއް މަގުމަތި ކޮށްލި ބުރިގޭޑިޔާ ޖެނެރަލް ޒުހައިރު ދަނީ ޕެންޝަނާއި މުސާރައިގެ ގޮތުގައި މަހަކު 138,000 ރުފިޔާ ނަގަމުން

އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރުމާއެކު, ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އެންމެ ފުރަތަމަވެސް, ކުންފުނީގައި އިޚްލާސްތެރިކަމާއެކު އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް އެތައް އާއިލާއެއް މަގުމަތި ކޮށްލި ބްރިގޭޑިޔާ ޖެނެރަލް ޒުހައިރު ޕެންޝަނާއި މުސާރައިގެ ގޮތުގައި މަހަކު 128,000 ރުފިޔާ ނަގަމުންދާކަން ހާމަވެއްޖެއެވެ.

"ދިޔަވަރު އޮންލައިން" އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި, އެމްއެމްޑީއެފްއިން ރިޓަޔަރ ކުރުމަށްފަހު ޒުހައިރުއަށް 45,000 ރުފިޔާ ލިބެމުން ދެއެވެ. އަދި އޭނާ މިހާރު އައްޔަން ކޮށްފައިވާ އެޗްޑީސީއަކީ ދައުލަތުގެ "އޭ" ކެޓަގަރީގެ ކުންފުނުޏަކަށް ވާތީ އެކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން އޭނާއަށް މަހަކު 93,350 ރުފިޔާ ލިބެއެވެ. އެހެންކަމުން އޭނާއަށް މަހަކު މުސާރައާއި އަދި ޕެންޝަންގެ ގޮތުގައި ޖުމްލަ ރިޓަޔަރމަންޓް ބެނެފިޓްގެ ގޮތުގައި ކޮންމެ މަހަކުވެސް ދަނީ 138,350 ރުފިޔާ ލިބެމުންނެވެ. މިއީ ގައުމުގެ ރައީސުލްޖުމުހޫރިއްޔާއަށްވެސް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެކެވެ.

.....

ދައުލަތުގެ މާލިއްޔަތުން ދެ މުސާރަ ނަގަމުން, އޭނާވަނީ, ހުޅުމާލޭގެ ވޯޓަރތީމް ޕާކުން 20 މިލިއަން ރުފިޔާގެ މުދާ ވަގަށްނެގިކަން ސާބިތުވެގެން އެޗްޑީސީއިން ކަނޑާލި މީހުންނާއި, ސަސްޕެންޑް ކުރި މީހުން މުއިއްޒުގެ އަމުރަށް އެޗްޑީސީ އަށާއި ސަރުކާރުގެ އެހެން ކުންފުނިތަކަށް އަލުން ވެއްދުމަށް ފަހު، އެޗްޑީސީގައި ދާއިމީ މުއައްޒަފުންގެ ގޮތުގައި ގިނަ ދުވަސްވީ ބަޔަކު މިއަދު ކަނޑާލާފައެވެ.

އެޗްޑީސީގެ އެމްޑީއަކަށް މިހާރު ހުރު ބްރިގޭޑިޔާ ޖެނެރަލް އަލީ ޒުހައިރު އަކީ, ސިފައިން ގެއިން ރިޓަޔަރ ކޮށް ދައުލަތުން ދެ މުސާރަ ނަގައިގެން، ރައްޔިތުންނަށް މުއިއްޒުގެ އަނިޔާވެރިކަން ގެނައުމަށް މަގާމު ދީފައިވާ ހޯމް މިނިސްޓަރު އިހްސާނަށް ވަފާތެރި އިންތިހާއަށް ނާގާބިލު ފަރާތެކެވެ.

ބައެއް ފަރާތްތަކުން މިހާރު ފާހަގަ ކުރާ ގޮތުގައި, އެޗްޑީސީއަށް އެތައް އަހަރެއް ވެފައިވާ އެތައް މުވައްޒިފުންނަކަށް މިއަދު ކުރިމަތިވި ހަގީގީ މުސީބާތުގެ އަސްލަކީ އެމްއެންޑީއެފްއިން ރިޓަޔަރކުރި މި ބްރިގޭޑިޔާ ޖެނެރަލްއަށް ކުއްލި ގޮތަކަށް އެޗްޑީސީގެ އެމްޑީގެ މަގާމާ ހަވާލުވުމެވެ. އެހެންނަމަވެސް މިހާތަަނަށް ގިނަ ބަޔަކު ދެކެމުން އައީ, ދިވެހި އަސްކަރިއްޔާއަށް އެތައް އަހަރަކު ޚިދުމަތް ކޮށްފަ ހުންނެވި މި ބްރިގޭޑިޔާ ޖެނެރަލަކު ދައުލަތުގެ ކުންފުނިތަކުގެ މަތީ މަގާމްތަކެއް ފުރުއްވަން ފެއްޓެވުމުން ކުންފުނިތަކުގެ ހާލަތު ވަރަށްވެސް ބޮޑުތަކުން ރަގަޅުވެގެން ދާނެ ކަމުގައެވެ. އެހެންނަމަވެސް ކަންވެގެން ދިޔައީ އޭގެ ދިމާ އިދިކޮޅަށެވެ.

އެމްއެންޑީއެފްއިން ރިޓަޔަރ ކުރުމަށްފަހު, ބޮޑު ޕެންޝަނަކާއި އަދި ބޮޑު މުސާރަ މިހާރު ނަގަމުންދާ, އެޗްޑިސީގެ އެމްޑީކަމަށް އައްޔަން ކުރި ބްރިގޭޑިޔާ ޖެނެރަލް އަލީ ޒުހައިރު, އޭނާ މަގާމާ ހަވާލުވުމަށްފަހުވެސް އެންމެ އިސްކަމެއް ދިނީ އެތައް އާއިލާއެއް މަގުމަތި ކޮށްލުމަށެވެ. އޭނާ ހަވާލުވި ކުންފުނީގައި އެތައް އަހަރަކު އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރަމުންދިޔަ އެތައް މުވައްޒަފުންނެއްގެ މައްޗަށް އޭނާވީ އަނިޔާވެރިއެވެ. މިއަދު ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ އެމްއެންޑިއެފްއިން މި ބްރިގޭޑިޔާ ޖެނެރަލްއަށް ދަސްކޮށްދިން ހަމައެކަނި ހުނަރަކީ ނުވަތަ އުގަންނައިދިން ކަމަކީ އަނެކުންގެ މައްޗަށް އަނިޔާވެރިވުން ކަމަށްތޯއެވެ.

ހުޅުމާލޭގެ ވޯޓަރތީމް ޕާކުގެ މަސައްކަތަކީ ސިންގަޕޫރު ކުންފުންޏަކުން ފަށާފައިވާ މަސައްކަތެކެވެ. އެތާގައި ހުރި މުދާ ތަކަކީ އެކުންފުނީގެ މުދާތަކެކެވެ. އެ މުދާތައް ވަގަށް ނެގުމަށްފަހު، އެޗްޑީސީ އިން މި ވައްކަން ކުރި ފަރާތްތައް އަޑީގައި ތިބެ، ވޯޓަރތީމް ޕާކް އެޅުމަށް ސިންގަޕޫރު ކުންފުނިން ރާއްޖޭގައި ރަޖިސްޓްރީ ކުރި ލޯކަލް ކުންފުނީގެ ޝެއަރހޯލްޑަރުން ވަކިކޮށް، ސަނީހު އާއި ގުޅުން އޮންނަ ގއ. ވިލިގިލީ މީހެއްގެ ނަންމައްޗަށް އެކުންފުނީގެ ޝެއަރ ވެސް ވަނީ ކުންފުނީގެ ވެރިންނަށް ނޭނގި ސަރުކާރު ތެރެއިން ބަދަލުކޮށްފައެވެ.

އެޗްޑީސީ ތެރެއިން ޖިނާޢީ ބޮޑެތި ވައްކަން ހިންގައި، މިއިން ކޮންމެ މީހަކު 10 އަހަރަށް ޖަލުގައި އޮންނަން ޖެހޭ ވަރުގެ ބޮޑެތި ފޭރުމާއި، ވައްކަމާއި، ރިޝްވަތުގެ އަމަލު ހިންގައި، ބައެއް ކަންކަމަށް އިއުތިރާފު ވުމުންވެސް، އެއްވެސް މައްސަލައެއް ނުބަލައި، މި މީހުން އަލުން މަޤާމަށް ގެނެސްފައި ވަނީ ސީދާ ރައީސް މުއިއްޒު އަންގައިގެންނެވެ.

އެޗްޑީސީގެ ބައެއް ބޯޑު މެމްބަރުން ހިމެނޭހެން މި ފޭރުމުގައި ބައިވެރިވި ފަރާތްތައް ކުށަށް އެއްބަސްވެފައިވާ ބަޔާންތައް މީގެ ކުރިން އެޗްޑީސީއިން ވަނީ ލީކްވެސް ވެފައެވެ. މި ފަދަ ބޮޑު ކަމެއް ކުރި ބަޔަކު އަނބުރާ ވަޒީފާއަށް މުއިއްޒު ގެނެސްފައިވަނީ މުއިއްޒު އެޗްޑީސީއިން ކުރަމުންދާ ވައްކަންތައް ކުރިއަށް ގެންދިޔުމަށް މި މުޖުރިމުންގެ އެހީތެރިކަން ހޯދުމަށް ކަމަށް ބެލެވެއެވެ.

މަގާމުން ވަކި ކުރި މީހުންގެ ތެރޭގައި ޗީފް ރިސޯސެސް އޮފިސަރ، ޗީފް ޕްލެނިންގ އޮފިސަރ، ޗީފް ލީގަލް އޮފިސަރގެ އިތުރުން، އެއް ޑިރެކްޓަރަކާއި، އެއް އެސިސްޓަންޓް ޑިރެކްޓަރުން ހިމެނެއެވެ. މި އެންމެން ވަޒީފާއިން ވަކިކޮށްފައިވަނީ މުއިއްޒު އަންގައިގެން، ވަޒީފާއާއި ބެހޭ ޤާނޫނާއި ގަވާއިދާއި ޚިލާފަށެވެ.

ކުއްލިއަކަށް ވަޒީފާއިން ވަކި ކޮށްލުމުން، ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް، އަދި އާއިލާއަށް ވެސް، މި އޮތް އިޤްތިޞާދުގައި ކުރިމަތިވެގެންދާނެ ދައްޗާއި، ހާލުގައި ޖެހޭނެ ވަރު ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ. ނަމަވެސް، އިންސާނިއްޔަތު ކަމެއްގެ ޒައްރެއްގެ މިންވަރުވެސް މުއިއްޒުގެ ކިބާގައި ނެތުމުން، ކުށެއް ނެތް ބަޔަކު ވަޒީފާއިން ދުރުކޮށްފައިވަނީ، ވައްކަން ކުރުމަށް ބޭނުންވާ ވަގުންތަކަކަށް އެ ވަޒީފާތައް ދިނުމަށް ރައީސް މުއިއްޒު ބޭނުންފުޅު ވެގެންނެވެ.

މުޅި ދައުލަތުގައި މިހާރު ހިނގަމުންދާ ވައްކަންތައް އެއްކޮލުމުން އެމްއެމްޕީއާރުސީގެ ވައްކަމަށްވުރެ އެތައް ގުނައެއް ބޮޑުވާނެއެވެ. މުއިއްޒުގެ ވައްކަމާއި، ދޮގު ހެދުމާއި، އަނިޔާވެރިކަން ވަނީ މެކުހަށް ޖަހާފައެވެ. މުއިއްޒުގެ އަނިޔާވެރިކަމުން، ނިކަމެތިކަން އިހްސާސް ކުރަން ނުޖެހޭ އެއްމެ ރައްޔިތަކުވެސް މިއަދު ރާއްޖޭގައި ނެތެވެ.