ޚަބަރު

އާދަމް އާޒިމް ވަނީ މާލޭ ސިޓީ ކައުންސިލަކީ ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފަ, އޭނާގެ ވަކިތަކުން މާލޭ ސިޓީ ކައުންސިލް މިންޖުކުރާން ޖެހޭ!

ދިޔަވަރު
އާދަމް އާޒިމް ވަނީ މާލޭ ސިޓީ ކައުންސިލަކީ ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފަ, އޭނާގެ ވަކިތަކުން މާލޭ ސިޓީ ކައުންސިލް މިންޖުކުރާން ޖެހޭ!

އާދަމް އާޒިމް މާލޭ މޭޔަރުކަމަށް ވަޑައިގެންނެވީ މާލޭގެ ރައްޔިތުންނަށް އެތައް ވައުދުތަކެއް ވަމުންނެވެ. މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެތައް މައްސަލައަށް ހައްލު ހޯއްދަވާ ދެއްވާނޭކަމުގެ ވައުދުތަކާއެކުއެވެ. މާލެއަކީ އާންމު ރައްޔިތުންނަށް ހިތްފަސޭހަ, ކުނިބުނިން ސަލާމަތް ވެފައިވާ އަމާން މާހައުލަކަށް މިމާލެ ބަދަލު ކޮށްލާނޭ ކަމުގެ ފޮނި ވައުދުތަކާ އެކީވެސްމެއެވެ. އޭގެ އިތުރަށް ޒަމާނުއްސުރެ މާލޭ ސިޓީ ކައުންސިލްގައި އޮތް ކޮރަޕްޝަން ނައްތާލާ އެ އިދާރާއަކީ ރައްޔިތުން އިތުބާރު ކުރެވޭ މުވައްސަސާއަކަށް ބަދަލު ކޮށްލާނޭކަމުގެ ވައުދުތަކާވެސް އެކީގައެވެ.

އެހެންނަމަވެސް އާދަމް އާޒިމް މި މުހިންމު މުވައްސަސާ ބަލަހައްޓަވަން ފެއްޓެވި ފަހުން ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. މުޅި މާލޭގެ ރައްޔިތުންގެ އާންމު ހާލަތު ބަދަލުކުރުމަށް, ބެލެނެވެރިއެއްގެ ހައިސިއްޔަތުން ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އާދަމް އާޒިމް ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ކޮބައިތޯއެވެ. މާލެ މިއަދު މިއީ އިހުނަށްވުރެ ނަޖިސް ސިޓީއެކެވެ. ތޮއްޖެހުން ބޮޑުވެއްޖެއެވެ. އަމާންކަމެއް ހަމަޖެހުމެއް ނެތެވެ. ހުރި ޕާކުތައްވެސް ނުއެއް ބެލެހެއްޓެއެވެ. މާލޭ ސިޓީ ކައުންސިލްއަކީ ކޮރަޕްޝަންގެ ހާއްޔަކަށް ވެއްޖެއެވެ.

މިހުރިހާ އުދާސްތަކަށްވުރެ މާލޭގެ ރައްޔިތުންނަށް ބޮޑު މައްސަލައެއް އާދަމް އާޒިމް މިވަނީ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނާއި ކުރިމަތި ކުރުވާފައެވެ. އެއީ މާލޭގެ ގަބުރުސްތާނުތައް ކޮނެ, އެތަންތަނުގައި ހުރި ގަބުރުތައް ނަގާ, ގަބުރުސްތާނުތައް ސުންނާފަތި ކުރުމެވެ. އެތަންތަން ޕާކުތަކަށް ހެދުމުގެ ނަމުގައެވެ. އަދި އަމުދުން އެތަންތައް ތަޅާ ސުންނާފަތި ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ފޮޓޯ ޓުވީޓުކޮށް އެ މަސައްކަތް އަމިއްލަ ޕީއާރު ސްޓަންޓަކަށްވެސް އާދަމް އާޒިމް ހައްދަވާފައި ވެއެވެ.

ފަހުން އެނގިފައިވާ ގޮތުގައި ކުޅިވަރު ކުޅޭ ތަންތަން ހެދުމަށާއި ހިތްފަސޭހަ މައިޒާނުތައް ބިނާކުރުމަށް ސަހަރާތައް ސާފުކުރުމަކީ މާލޭގެ ލޭންޑް ޔޫސް ޕްލޭނުގައި އޮތް ކަމެއްވެސް ނޫނެވެ. އަދި އެ ކަމާ އަވަށްތަކުގެ ރައްޔިތުން ވެސް ދެކޮޅު ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވެފައި ވެއެވެ.

ހަމަ އެއާއެކު ފާހަގަކޮށްލާންޖެހޭ އެންމެ މުހިންމު އެއްކަމަކީ ހުކުރު މިސްކިތުގެ ސަހަރާއަށް ފަހު، މާލޭގެ ހަތަރު އަވަށުގައިވާ ސަހަރާތަކަކީ އެންމެ ދުވަސްވީ ސަހަރާތަކެވެ. އެ ސަހަރާތަކުގައި މާލޭ ރައްޔިތުންގެ މުސްކުޅި ޖީލުން ފެށިގެން މައިންބަފައިންނާ ހިސާބަށް އެތަށް ޖީލެއް ވަޅުލާފައިވާ ކަން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން މާލޭގައި އެތައް މިތަނުގައި ހުސް ބިންތައް ހުރިއިރު, މާލޭގެ އަވަށު ސަހަރާތައް ނައްތާލުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުން ރަށުގެ ގުދުރަތީ، ސަގާފީ، ތާރީހީ، އަދި މައުނަވީ ތަރިކައަށް ލިއްބައިދޭނެ ފަދަ ކަމެކެވެ.

އެނގިފައިވާ ގޮތުގައި, މާލޭގައި ލޭންޑް ޔޫޒް ޕްލޭނެއް އޮތްއިރު އެ ޕްލޭންގައި ސަހަރާތައް ނަގާ ވާހަކައެއް ނެތްއިރު، 2019 ވަނަ އަހަރު އޮތް ކައުންސިލުން އާންމުންނާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި މަޝްވަރާތަކުގައި ވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށް ހުރިހާ އަވަށަކުން ވެސް ބުނެފައި ވެއެވެ.

މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެ ތަން ހުސްކުރުމުގެ މަސައްކަތް އާޒިމް ކުރައްވާފައިވަނީ އެ ކަމާ ދެކޮޅަށް ތާރީހު ދިރާސާކުރާ މީހުންނާއި ސަގާފަތް ދިރުވާ މީހުން ފަދަ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

މި އަހަރު ޖުލައިމަހު ކުރީކޮޅު ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވާ ގޮތުން، އިސްލާމީ ޝަރީޢަތުގައި ގިނަގުނަ ވަޢީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެއެވެ.

އެހެންނަމަވެސް ތިމާގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ނަން ހޯއްދެވުމަށް އާދަމް އާޒިމްއަށް ކުރާން ފެނުނު ކަމަކީ މިމާލޭގެ ޖީލެއްގެ ހަނދާންތައް ނެތިކޮށްލުމެވެ. އެތައް ބައެއްގެ އިހުސާސްތަކާއި ކުޅުމެވެ. މިއަށްވުރެ ބޮޑު އަނިޔާވެރިކަމެއް އޮންނާނެ ތޯއެވެ. އެއްވެސް ޝައްކެއް ނެތެވެ. މިއީ އާދަމް އާޒިމްގެ މޭޔަރުކަމުގައި އޭނާ ހިނމްގާފައިވާ ބޮޑު ޖަރީމާއެކެވެ.

ހަމަ އެއާއެކު, މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮޅުވާލައިގެން, ފާޚާނާ ބަރިއެއް އަޅަން އެކައުންސިލުން ފާސްކުރުމަށްފަށް, މާލެއިން 25 އަހަރަށް ބިމެއް ކުއްޔަށް ދޭން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިންގާ ބޮޑު ޖަރީމާއެއް ދާދިފަހުން ވަނީ ފަޅާ އަރުވާލާފައެވެ.

މާލޭ ސިޓީ ކައުންސިލަށް އޮޅުވާލައިގެން މަކަރާ ހީލަތުން, ފާޚާނާ ބަރިއެއް އަޅަން މާލޭ ސިޓީ ކައުންސިލުން ފާސްކުރުމަށްފަހު އާދަމް އާޒިމް ޓީއޯއާރު ތައްޔާރު ކޮށްފައިވަނީ ޕޭ ޓޮއިލެޓް 07 ހުރި ބިން 25 އަހަރަށް ކުއްޔަށް ދިނުމަށެވެ. މި ބިމަކީ ކޮށި ނަންބަރު 358 ގައި އޮތް 750 އަކަ ފޫޓުގެ ބިމެކެވެ. އާދަމް އާޒިމް ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ލައްވާ ތައްޔާރު ކޮށްފައިވާ ޓީއޯއާރުގައި ވާގޮތުން މި ބިން ކުއްޔަށް ދެނީ 25 އަހަރަށެވެ. އަދި މި ޓީއޯއާރުގައި ވާގޮތުން މި ބިމުގައި ހަދާ އިމާރާތުގެ ތިރީ ބައިގައި ވީހާ ގިނަ ފާޚާނާތައް ހަދަން ޖެހެއެވެ. އަދި ގްރައުންޑް ފްލޯ ފިޔަވާ ދެން ހަދާ ފްލޯ ތަކުގައި ބޭނުންވަރަކަށް ވިޔަފާރި ކުރެވޭނެއެވެ. އަދި ކުލި ދައްކަން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 1 އަހަރު ފަހުންނެވެ.

އާދަމް އާޒިމް ހިންގުމަށް ސިއްރިޔާތުގަ ރާވަމުންދާ މި ޖަރީމާ ފަޅާ އަރުވާލަމުން ކައުންސިލް މެމްބަރު ސައިފު ވިދާޅުވެފައިވަނީ މާލޭ ސިޓީގެ ބިމެއް ކުއްޔަށް ދޭން އޭނާ ވޯޓު ދީފައި ނުވާކަމަށާއި, ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ފާޚާނާބަރިއެއް އަޅަން ކަމަށެވެ.

އާދަމް އާޒިމް އަކީ މާލޭ ސިޓީ ކައުންސިލްގެ ވަސީލަތްތައް ބޭނުން ކޮށްގެން ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ ފަރާތެކެވެ.

އޭގެ އިތުރަށްވެސް އޭނާ ގެންދަނީ މާލޭ ސިޓީ ކައުންސިލުން އެތައް ބަޔަކަށް ވަޒިފާ ދީގެން, އެމީހުން މެދުވެރިކޮށް އޭނާގެ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އޭނާ އަމިއްލަ ސިޔާސީ ބޭނުމަށް މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދީފައިވާ ފަރާތްތަކަކީ މަހަކު 50,000 ރުފިޔާގެ ބޮޑު މުސާރަ ލިބެމުންދާ ފަރާތްތަކެވެ. ހަމަ އެއާއެކު އޭނާގެ އަމިއްލަ ކޮންމެ ތަނަކުން ފޮޓޯ ނަގާ, އެ ފޮޓޯތައް އޭނާ ގެންދަނީ މާލޭ ސިޓީގެ ރަސްމީ އެކްސް ހޭންޑްލް އޭނާގެ އަމިއަލް އެކްޓިވިސްޓް ހޭންޑްލްއަކަށް ހަދާފައެވެ.

ހަވާލުވާ ހުރިހާ ތަނެއްގައި ވަކިބަޔަކު ވަޒީފާތަކަށް ވައްދައިގެން ކޮރަޕްޝަން ހިންގަމުންދާ އާދަމް އާޒިމްގެ ވަކިތަކުން މާލޭ ސިޓީ ކައުންސިލް މިންޖުކޮށްގެން މެނުވީ މާލޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބުމަކީ މިއަދު މުސްތަހީލު ކަމެކެވެ.